ޓެލެތޯންގެ ވަގުތު އިތުރުކޮށްފި، މިހާތަނަށް 5 މިލިއަން ރުފިޔާ ލިބިއްޖެ

ތޫފާން ދިތުވާއާއި ގުޅިގެން ސްރީލަންކާއަށް ދިމާވެފައިވާ ކާރިސާގެ ޙާލަތުގައި އެޤައުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް، ދިވެހި މީޑިއާތަކުން ފެށި ޚާއްސަ ޓެލެތޯނުގެ ވަގުތު އިތުރުކޮށްފައިވާ ކަމަށާއި މިހާތަނަށް 5.4 މިލިޔަނަށްވުރެ ގިނަ ރުފިޔާގެ އެހީ ލިބިއްޖެ ކަމަށް އެކަމުގައި އިސްވެ ޙަރަކާތްތެރިވާ ދައުލަތުގެ މީޑިއާ، ޕީއެސްއެމްއިން ބުނެފިއެވެ.
މި ޓެލެތޯން އާދިއްތަ ދުވަހުގެ ހެނދުނު 9:00 ން ރޭގަނޑު 10:00 އަށް ކުރިއަށް ގެންދިއުމަށް ނިންމާފައިވީ ނަމަވެސް މިހާރު ވަނީ މިއަދުގެ މެންދުރު 2:00 ޖެހުމާއިހަމައަށް ވަގުތު އިތުރުކޮށްފައެވެ.
ޕީއެސްއެމްއިން ބުނީ ބީއެމްއެލްއިން މި ޓެލެތޯންއަށް ޚާއްސަކޮށްފައިވާ ދިވެހި ރުފިޔާ އެކައުންޓަށް ހޯމަ ދުވަހުގެ ފަތިހު 4:00 ޖެހުމާއި ހަމައަށް 5,406,937.25 ރުފިޔާ ލިބިފައިވާ ކަމަށާއި އޭގެތެރޭގައި ހިމެނެނީ 4767219.89 ރުފިޔާއާއި 41486.21 ޑޮލަރު ކަމަށެވެ.
މި ޓެލެތޯންއަށް އެހީތެރިވާން ބޭނުންވާ ފަރާތްތަކުން ބީއެމްއެލްގެ އެކައުންޓްތަކަށް އަދި ޓީވީ ބިލްޑިންގއާއި މާލޭގެ އެކި ސަރަޙައްދުތަކުގައި ބަހައްޓާފައިވާ ފޮށިތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ފުރުސަތުވަނީ ހުޅުވާލާފައެވެ.
ޕީއެސްއެމްއިން އިސްނަގައިގެން ފެށި މި ޓެލެތޯންގައި 37 މީޑިއާއަކުން ބައިވެރިވެއެވެ.
ސްރީލަންކާއަކީ ޒަމާނުއްސުރެ ދިވެހިރާއްޖެއާ ނުހަނު ގާތް ރަޙުމަތްތެރި ޤައުމެކެވެ. އަދި އެޤައުމުގެ ރައްޔިތުންނަކީ ދިވެހިންނާ ވަރަށް ގާތްގުޅުންތަކެއް ބާއްވާ އެކުވެރި ބައެކެވެ. ރާއްޖޭން ބޭރުގައި އެންމެ ގިނަ ދިވެހިން ދިރިއުޅެމުން އަންނަ އެއް ޤައުމަކީވެސް އަވަށްޓެރި އެކުވެރި ސްރީލަންކާއެވެ.
ތޫފާން ދިތުވާގެ ސަބަބުން ސްރީލަންކާގައި ފެންބޮޑުވެ 300 އަށްވުރެ ގިނަ މީހުން މަރުވެ 200 އަށްވުރެ ގިނަ މީހުން ގެއްލިފައިވާ ކަމަށް ލަންކާ ސަރުކާރާ ހަވާލާދީ އެ ޤައުމުގެ މީޑިއާތަކުން ބުނެއެވެ.
އިތުރަށް





.gif.gif&w=828&q=100)