ލަންކާގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި 6 މީހުން މަރުވެއްޖެ

ލަންކާގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި 6 މީހުން މަރުވެ، ގިނަ ބަޔަކަށް އަނިޔާވެއްޖެއެވެ.
ސްރީލަންކާގެ ފުލުހުންނާ ހަވާލާދީ އެގައުމުގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، ކެންޑީގައި މި އެކްސިޑެންޓް ހިނގާފައިވަނީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ.
އެކްސިޑެންޓް ހިނގަން މެދުވެރިވީ ސިމެންތި ޓްރަކެއް ކޮންޓްރޯލުން ނެއްޓިގެން ގޮސް، އެހެން އުޅަނދުތަކުގައްޔާއި މަގުމަތިން ހިނގާފައި ދިޔަ މީހުންގެ ގައިގައި ޖެހިގެންނެވެ.
މި ހާދިސާގައި ލޮރީ އަދި ސައިކަލު ހިމެނޭހެން ޖުމްލަ 8 އަށް ވުރެ ގިނަ އުޅަނދަށް ބޮޑެތި ގެއްލުންތައް ވެފައިވެއެވެ.
ލަންކާ މީޑިއާގައި ބުނާ ގޮތުން، މިހާތަނަށް ކަށަވަރުވެފައިވާ ގޮތުގައި މި ހާދިސާގައި 6 މީހުން ވަނީ މަރުވެފައެވެ. އޭގެ ތެރޭގައި ހިމެނެނީ އެއް އަންހެނަކާއި ތިން ފިރިހެނުންނެވެ. އެކްސިޑެންޓުގައި އަނިޔާވި 5 އަށް ވުރެ ގިނަ މީހުންނަށް ހޮސްޕިޓަލުގައި ފަރުވާދެމުން އަންނައިރު، އޭގެ ތެރެއިން ހާލު ސީރިއަސްވި ދެ މީހަކު ވަނީ އިތުރު ފަރުވާއަށް ކެންޑީ ނޭޝަނަލް ހޮސްޕިޓަލަށް ބަދަލުކޮށްފައެވެ.
އެކްސިޑެންޓްވުމަށްފަހު ފުރޮޅާލި ސިމެންތި ލޮރީ ދުއްވަން އިން ޑްރައިވަރު މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.
މި ހާދިސާއާ ގުޅިގެން އެ ސަރަހައްދުގެ ދަތުރުފަތުރަށް ބޮޑެތި ބުރޫއަރާފައިވާތީ، ފުލުހުން ވަނީ އެ މަގުން ދަތުރުކުރާ ފަރާތްތަކުން ބަދަލު މަގުތައް ބޭނުންކުރުމަށް އިރުޝާދު ދީފައެވެ. މިއީ ފަހަކަށް އައިސް ލަންކާގެ މަގުތަކުގައި ހިނގި އެންމެ ނުރައްކާތެރި އެއް އެކްސިޑެންޓެވެ.
ގިނަ ދިވެހިން ދިރިއުޅެމުން އަންނަ ލަންކާގައި ހިނގި މި އެކްސިޑެންޓްގައި އެއްވެސް ދިވެއްސަކަށް އަނިޔާވި ކަމުގެ މަޢުލޫމާތެއް މިހާތަނަށް ލިބިފައެއް ނުވެއެވެ.
އިތުރަށް





.gif.gif&w=828&q=100)