
ރާއްޖެ ސަރަޙައްދުގައި 2 ކޮޅިގަނޑު، މޫސުން ގޯސްވެދާނެ
ޒައުޖަތު އަޙުމަދުރާއްޖެ ހިމެނޭ ސަރަހައްދުގައި ދެ ކޮޅިގަނޑު އުފެދިފައި ހުރުމުގެ ސަބަބުން ކުރިއަށް އޮތް 5 ދުވަހު ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސްވާނެ ކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާ، މެޓް އޮފީހުން ލަފާކޮށްފިއެވެ.
މެޓް އޮފީހުން ބުނީ ރާއްޖޭގެ ހުޅަނގު ދެކުނުގެ 2 ސަރަހައްދެއްގައި އުފެދިފައިވާ 2 ކޮޅިގަނޑެއްގެ ސަބަބުން ރާއްޖެ ސަރަޙައްދުގައި ބޯ ވިއްސާރަ ވިލާ އުފެދުމުގެ ފުރުޞަތު ބޮޑު ކަމަށެވެ.
އެ އިދާރާއިން ބުނީ ހޯމަ ދުވަހުން ފެށިގެން މި ހަފްތާގެ ހޮނިހިރު ދުވަހުގެ ނިޔަލަށް ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ ކަމަށް ވަނީ ލަފާކުރެވޭ ކަމަށާއި އަދި އެ މުއްދަތުގައި ބައެއް ހިސާބުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހި، ކަނޑުތައް ގަދަވާނެ ކަމަށް ބެލެވޭ ކަމަށެވެ.
މި ދުވަސްތަކުގައި ރާއްޖޭގެ ހުރިހާ ހިސާބުތަކަށްވެސް ވައިގެ ގަދަވާނެ ކަމަށާއި، އެގޮތުން 10-20 މޭލަށް ވައި ޖެހި، ވިލާގަނޑުގައި 35 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށްވެސް މެޓް އޮފީހުން ބުންޏެވެ.
މިއަދު ވެސް މެޓް އޮފީހުން ވަނީ، ނ. އަތޮޅުން ފެށިގެން އދ. އަތޮޅަށް، މިއަދުގެ ހަވީރު 5ން މިރޭގެ 10 ޖެހުމާއި ހަމައަށް ހުދު ސަމާލު ނެރެފައެވެ. މި ވަގުތުތަކުގައި އެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށް އެ އިދާރާއިން ލަފާކުރައްވައެވެ.
ADVERTISE SLOT
Promote Your Brand Where It Matters Most


