logo
logo
އެއްބަސްވުމާ ޚިލާފުވެ، އިސްރާއީލުން ޣައްޒާ އަށް ދޭ ހަމަލާތައް ރާއްޖެއިން ކުށްވެރިކޮށްފި

އެއްބަސްވުމާ ޚިލާފުވެ، އިސްރާއީލުން ޣައްޒާ އަށް ދޭ ހަމަލާތައް ރާއްޖެއިން ކުށްވެރިކޮށްފި

2025 ނޮވެމްބަރު 21
ޒައުޖަތު އަޙުމަދުޒައުޖަތު އަޙުމަދު

އެއްބަސްވުމާ ޚިލާފުވެ، އިސްރާއީލުން ޣައްޒާ އަށް ދޭ ހަމަލާތައް ދިވެހި ސަރުކާރުން ކުށްވެރިކޮށްފިއެވެ.

ޔަހޫދީންގެ ހަމަލާތަކާއި ގުޅިގެން ދިވެހި ޚާރިޖިއްޔާއިން ނެރުނު ބަޔާނެއްގައި ބުނީ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ މުޅިންހިލާފަށް އިސްރާއީލުން ޣައްޒާއަށް ދެމުންގެންދާ ހަމަލާތައް ދިވެހި ސަރުކާރުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.

އެ ވުޒާރާއިން ބުނީ ދިވެހިރާއްޖެ އަބަދުވެސް ވަނީ ފަލަސްޠީނުގެ ރައްޔިތުންނާއެކުގައި ކަމަށެވެ.

އިސްރާއީލުން ކެނޑިނޭޅި ޣައްޒާގެ ކުށެއްނެތް އާއްމު ރައްޔިތުންނަށް ކުރިމަތިކުރުވާ ދަތިތަކާއި، ޣައްޒާގެ ރައްޔިތުން ތަޙައްމަލުކުރަމުންދާ ވޭންދެނިވި އަނިޔާ ހުއްޓުވުމަށް ބައިނަލްއަޤްވާމީ މުޖުތަމައުން އިސްރާއީލަށް މަޖުބޫރު ކުރުމަށާއި، ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަށް އިސްރާއީލުން އަމަލުކުރުމަށް ބާރުއެޅުމަށް ދިވެހި ސަރުކާރުން ވަނީ ގޮވާލައިފައެވެ.

އިސްރާއީލުން ކެނޑިޅޭނި ދެމުންގެންދާ ހަމަލާތަކަކީ ޕަލަސްތީނު ރައްޔިތުންގެ ނަސްލު ނައްތާލުމަށް ކުރިއަށް ގެންދާ އަނިޔާވެރި ޢަމަލުތަކެއްކަމުން އެކަމާ ކަންބޮޑުވުން ފާޅުކޮށް އިސްރާއީލުގެ ޢަމަލުތަކަށް ޖަވާބުދާރީ ކުރުވުމަށްވެސް ދިވެހިރާއްޖެއިން ގޮވާލާފައިވެއެވެ.

ޚާރިޖީ ވުޒާރާއިން ބުނީ، މިނިވަން، މުސްތަޤިއްލު ދައުލަތެއް އުފެއްދުމަށް ފަލަސްޠީނުގެ ރައްޔިތުން ކުރަމުންދާ މަސައްކަތްތަކަށް ދިވެހިރާއްޖޭން އަބަދުވެސް ތާއީދު ކުރާނެ ކަމަށެވެ. އަދި މި ހަމަނުޖެހުމަށް ދެމެހެއްޓެނިވި އަދި ޢަދުލުވެރި، ޞުލްޙަވެރި ޙައްލެއް ލިބޭނީ 1967 ގެ ކުރީގެ އިންތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ޤުދުސްއަކީ ފަލަސްޠީނުގެ ވެރިކަންކުރާ ރަށްކަމުގައި ކަނޑައަޅައި، މިނިވަން އަދި މުސްތަޤިއްލު ފަލަސްޠީނު ދައުލަތެއް ޤާއިމްކުރެވިގެންކަމުގައި ދިވެހިރާއްޖެއިން ދެކޭ ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.

އެމެރިކާގެ އެހީތެރިކަމާއިއެކު އިސްރާއީލުން 2 އަހަރުވަންދެން ޣައްޒާގައި ހިންގި ނަޞްލުހޭދު ހުއްޓާލުމަށް މިދިޔަ މަހު އެއްބަސްވުމަކަށް އައި ނަމަވެސް މިހާރު ވެސް އިސްރާއީލުން ދަނީ ޣައްޒާގެ އާންމު ތަންތަނަށް ހަމަލާތައްދީ ކުށެއް ނެތް އާންމުން ޝަހީދު ކުރަމުންނެވެ. އެގޮތުން އިއްޔެ އެކަނި ވެސް 32 މީހުން ޝަހީދުކޮށްފައިވާއިރު އޭގެތެރޭގައި 12 ކުޑަކުދިންނާއި 8 އަންހެނުން ހިމެނެއެވެ. މީގެއިތުރުން އިއްޔެ ވަނީ 88 މީހަކު ޒަހަމްވެފައެވެ.

ހަމަލާތައް ހުއްޓާލުމަށް އެއްބަސްވިފަހުން ވެސް 393 ފަހަރު އިސްރާއީލުން އެއްބަސްވުމާ ޚިލާފުވެފައިވާ ކަމަށް ޣައްޒާގެ މަސްދަރުތަކުން ހާމަކުރެއެވެ.

2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހުން ފެށިގެން އިސްރާއީލުން ޣައްޒާގައި ހިންގި ނަޞްލުހޭދުގައި ޣައްޒާގެ އިމާރާތްތައް ބިމާ ހަމަކޮށް، 69،000 އަށްވުރެ ގިނަ މީހުން ޝަހީދުކޮށްފައިވެއެވެ.


ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް