
ޓްރަމްޕް ބްރޭންޑުގެ ރާއްޖޭގެ ފުރަތަމަ ރިސޯޓް ހަދަނީ
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އަމިއްލަ ވިޔަފާރި ކުންފުނި، ދަ ޓްރަމްޕް އޮގަނައިޒޭޝަނުން ރާއްޖޭގައި ފުރަތަމަ ފަހަރަށް ރިސޯޓެއް ހަދާކަން މިއަދު އިއުލާންކޮށްފި އެވެ.
ޓްރަމްޕް އިންޓަނޭޝަނަލް ހޮޓެލް މޯލްޑިވްސްގެ ނަމުގައި ވެރި ރަށް މާލެ ކައިރީގައި ހަދާ އެ ރިސޯޓު ތަރައްގީ ކުރަނީ ޓްރަމްޕު އޮގަނައިޒޭޝަން އާއި އިނގިރޭސިވިލާތުގައި ރަޖިސްޓްރީކޮށްފައިވާ ރިއަލް އެސްޓޭޓް ކުންފުނި ޑާ ގްލޯބަލްއާ ގުޅިގެންނެވެ.
އެ ރިސޯޓު ތަރައްގީ ކުރަނީ ކޮން ރަށެއްގައި ކަމެއް ޓްރަމްޕު އޮގަނައިޒޭޝަނަކުން ނުބުނެ އެވެ. އެކަމަކު އެ ރަށަކީ ހުޅުލެއާ 25 މިނެޓު ދުރުގައި އޮންނަ ރަށެއް ކަމަށް އެ ކުންފުނިން ބުންޏެވެ. ރިސޯޓު ހަދާ ނިމޭނެ ކަމަށް ބެލެވެނީ 2028 ވަނަ އަހަރުގެ ފަހު ކޮޅުގައި ކަމަށެވެ.
މި އެއްބަސްވުމުގެ ސަބަބުން ދުނިޔޭގެ އެންމެ މަގުބޫލު މަންޒިލް ކަމަށްވާ ރާއްޖެއަށް ޓްރަމްޕް ބްރޭންޑް ގެންދިއުމުގެ އިތުރުން، ފުރަތަމަ ފަހަރަށް އެހެން އިންވެސްޓަރުންގެ ބައިވެރިވުން ވެސް ހިމެނޭ ގޮތަށް ފަތުރުވެރިކަމުގެ މަޝްރޫއެއް ތަރައްގީ ކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް ޓްރަމްޕް އޮގަނައިޒޭޝަނުން ބުނެފައިވެ އެވެ.
އެ ރިސޯޓު ތަރައްގީ ކުރުމުގެ މަރުހަލާގައި ޓޯކެން ވިއްކުމަށް ވަނީ ހަމަޖެހިފަ އެވެ. ޓޯކަނައިޒޭޝަންއަކީ ހަރު މުދަލެއްގެ އެސެޓު ޑިޖިޓަލް ޓޯކެންއަށް ބަދަލުކޮށްގެން ވިއްކުމުގެ މަރުހަލާ އެވެ. މިއީ ޑިވެލޮޕްމަންޓު މަރުހަލާގައި އޮތް ޕްރޮޖެކްޓެއް ޓޯކަނައިޒް ކުރާ ދުނިޔޭގެ ވެސް ފުރަތަމަ ފަހަރެވެ.
ކުރީގެ މޮޑެލްތަކާ ހިލާފަށް، އިންވެސްޓަރުންނަށް އެންމެ ފުރަތަމަ ދުވަހުން ފެށިގެން ވެސް މަތީ އާމްދަނީއެއް ލިބޭ ފުޅާ ދާއިރާއެއްގައި ވިޔަފާރި ހިނގާނެ، ޕްރިމިއަމް ރިއަލް އެސްޓޭޓް މަޝްރޫއެއްގައި ބައިވެރިވުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް ވެސް ބުންޏެވެ.
ADVERTISE SLOT
Promote Your Brand Where It Matters Most

