
ރައީސް ޑރ. މުޢިއްޒު މި ޤައުމުގެ ނަވުގެ ހުންގާނުގައި ހިއްޕެވީ، އެ އޮޑި ބެހި އޮޔާދަނިކޮށް: ފަލާޙް
ޒައުޖަތު އަޙުމަދުރައީސް ޑރ. މުޢިއްޒު މި ޤައުމުގެ ނަވުގެ ހުންގާނުގައި ހިއްޕެވީ، އެ އޮޑި ބެހި އޮޔާދަނިކޮށް ކަމަށް ޕީއެންސީ ޕީޖީ ލީޑަރު އިބުރާހީމް ފަލާޙް ވިދާޅުވެއްޖެއެވެ.
ރައީސް ޑރ މުޙައްމަދު މުޢިއްޒުގެ ރިޔާސީ ޒަޢާމަތަށް ކާމިޔާބު 2 އަހަރުފުރުމުގެ އުފާވެރި މުނާސަބަތުގައި، މަރުޙަބާއާއި ތަހްނިޔާ އަރިސް ކުރައްވަމުން ފަލާޙް މީސްމީޑިއާގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ 17 ނޮވެމްބަރު 2023 ގައި ރައީސް ޑރ. މުޢިއްޒު، މި ޤައުމުގެ ނަވުގެ ހުންގާނުގައި ހިއްޕެވީ، އެ އޮޑި އަޑިނޭނގޭ މާސިންގާ ކަނޑުގެ ބިޔަރާޅުތަކުގެ ތެރޭގައި ބެހި އޮޔާދަނިކޮށް ކަމަށެވެ.
ފަލާޙް ވިދާޅުވީ ދިވެހީން އެދޭ ދިވެހިރާއްޖެ ދިވެހީންނަށް އަނބުރާ ހޯއްދަވައިދެއްވުމަށް ފާއިތުވި 2 އަހަރު ދުވަހު ވަރުބަލިކަމެއް ނެތި، ޤައުމު ސަލާމަތުގެ އައްސޭރިއަކަށް ގެންދެވުމަށް ޓަކައި، ރައީސް ނިންމެވި މުހިންމު ނިންމެވުންތަކަކީ މި ރާއްޖޭގެ ތާރީޚުންވެސް އަދި ދުނިޔޭގެ ތާރީޚުންވެސް ޖާގަ ހޯދާނޭ ހަރުދަނާ ނިންމެވުންތަކެއް ކަމަށެވެ.
ފަލާޙްގެ ޕޯސްޓުގައި ވަނީ ރައީސް ޑރ. މުޢިއްޒުގެ މަސައްކަތްޕުޅުތައް ދިވެހި ގިނަރައްޔިތުން ލޯތްބާއި އިޚްތިރާމާއި އެކު ބަލައިގަންނަކަން ޔަޤީން ކުރައްވާ، ކީރިތި الله އެ މަނިކުފާނަށް އިތުރު ކުރިއެރުމާއި ކާމިޔާބީ މިންވަރުކުރައްވާ، ދުޅަހެޔޮ ޞިއްޙަތެއްގައި ލެހެއްޓެވުން އެދި ދުޢާ ކުރައްވައިފައެވެ.
ޕީއެންސީ ސަރުކާރަށް މިއަދު 2 އަހަރު ފުރުނުއިރު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފާހަގަ ކުރެވިގެން ދަނީ ރާއްޖޭގެ ތާރީޚުގައި ގިން ވެރިންނަށް ކުރައްވަން ކެރިވަޑައިނުގެންނެވި ނުވަތަ ނުކުރެވި ހުރި ބޮޑު މައްސަލަތައް ހައްލު ކުރެއްވުމަށް ހިތްވަރާއިއެކު މަސައްކަތް ކުރައްވާ ޖެހިލުން ކުޑަ ވެރިއެއްގެ ގޮތުގައެވެ.
އެގޮތުން ދުންފަތާއި ދުރުހެލި ޖީލެއް ބިނާ ކުރެއްވުމަށް "ޖެނެރޭޝަނަލް ބޭން އޮން ޓޮބެކޯ" ތަންފީޒު ކުރައްވަން ފެއްޓެވުމާއި ސިނގިރޭޓުން ނަގާ ޑިއުޓީ ބޮޑު ކުރެއްވުމާއި ވޭޕް މަނާކުރެއްވުން ފާހަގަ ކުރެވެއެވެ.
މީގެއިތުރުން ޒަކާތުގެ ކަންކަން ހަރުދަނާ ކުރެއްވުމާއި ޒަކާތު ހައުސް އުފެއްދެވުމާއި ޤުރުއާންއަށް އިސްކަން ދެއްވާ ޤުރުއާން މުބާރާތުން ރަން ވަނަތަކަށް ދެއްވާ ޢިނާމް ދެގުން ކުރެއްވުމާއި މުޅި ރާއްޖޭގެ ކަންކޮޅުތަކުގައި ޤުރުއާނާބެހޭ މަރުކަޒުގެ ގޮފިތައް ފުޅާ ކުރެއްވުމާއި ޙާފިޘުން އުފެއްދެވުމާއި ޙާފިޘުންގެ އެލަވަންސް ބޮޑު ކުރައްވާ އަގުވަޒަންކުރެއްވުމާއި ރާއްޖޭގެ ބައެއް ރަށްރަށުގައި އިމާމުވެ ހުކުރުކުރައްވާނޭ އިމާމަކު ނެތިގެން ކައިރި ރަށްރަށުން ޚަޠީބުން ގެންނާން ޖެހުމުގެ ހިތްދަތި ތަޖުރިބާ ނެތި ކުރެއްވުމަށް ޒުވާން ޚަޠީބުން ތަމްރީނު ކުރުން ފަދަ އެތައް އެތައް ކަމެއް ހިމެނެއެވެ.
ހަމައެހެންމެ، ޒަމާންވީ އަދި ހައްލު ނުލިބި އޮތް ބިދޭސީންގެ މައްސަލަ ހައްލު ކުރެއްވުމަށް ޓާސްކް ފޯހެއް އުފައްދަވައިގެން ކުރައްވާ މަސައްކަތްތައް ފާހަގަ ކުރެވެއެވެ. ބިދޭސީންގެ މައްސަލަ ހައްލުކުރުމުގެ މަސައްކަތް މި ސަރުކާރުން ފެށިއިރު ބިދޭސީންގެ ތަފާސް ހިސާބެއް، އެއްވެސް މަޢުލޫމާތެއް ނެތް ކަމަށާއި "ކުރަނގި އޮޕަރޭޝަން" ފަށައިގެން މިއަދާއި ހަމައަށް އައި އިރުގައި 191،723 ބިދޭސީންގެ 10 އިނގިލީގެ ނިޝާން ނަގައި އެ މީހުންގެ މަޢުލޫމާތު އެއްކޮށްފައިވާ ކަމަށް، ޕީއެންސީން މި މަހުގެ 14 ވަނަ ދުވަހު އާޓިފިޝަލް ބީޗުގައި ބޭއްވި ބޮޑު ޖަލްސާގައި ރައީސް ވަނީ ވިދާޅުވެފައެވެ. އަދި މިހާތަނަށް ޤވާޢިދާ ޚިލާފަށް އުޅެމުން އައި 9021 ބިދޭސީން ޑީޕޯޓް ކޮށްފައިވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މިއަދަކީ ރައީސް ޑރ. މުޢިއްޒުގެ ވެރިކަމަށް 2 އަހަރު ފުރޭ ދުވަހެވެ. މި 2 އަހަރު ދުވަހުގެތެރޭގައި ގިނަ ކާމިޔާބީތަކެއް ސަރުކާރުން ޙާޞިލްކޮށްފައިވާއިރު ސަރުކާރުން ދަނީ އެކަންތައްތައް ފާހަގަ ކުރަމުންނެވެ.
ADVERTISE SLOT
Promote Your Brand Where It Matters Most
އިތުރަށް
އެސްޓީއޯއިން 23 ބާވަތެއްގެ ކާބޯތަކެތި އެތެރެކުރަން ފެށީ ތަކެތީގެ އަގު ހެޔޮކުރަން: ރައީސް2025 ޑިސެމްބަރު 05
ރާއްޖެއިން ޖަޕާނަށް ކަނޑައަޅާފައި ހުންނަވާ ސަފީރުކަމަށް މަޚްލޫފު ޢައްޔަންކުރައްވައިފި2025 ޑިސެމްބަރު 04
ތިމާވެށްޓަށް ގެއްލުންދޭ ކުދި ޕްލާސްޓިކް ފެންފުޅި މަނާކުރުން 2028އަށް ފަސްކޮށްފި2025 ޑިސެމްބަރު 03