
ފަލަސްޠީނުގެ މިނިވަންކަން އިޢުލާންކުރި ދުވަހުގެ މުނާސަބަތުގައި ރައީސް، ތަހުނިޔާ ވިދާޅުވެއްޖެ
ޒައުޖަތު އަޙުމަދުމިއަދު ފާހަގަކުރަމުންދާ ފަލަސްޠީނުގެ މިނިވަންކަން އިޢުލާނުކުރި ދުވަހުގެ މުނާސަބަތުގައި، އެޤައުމުގެ ރައީސް، ޑޮކްޓަރ މަޙްމޫދު ޢައްބާސްއަށާއި ބޮޑުވަޒީރު މުޙައްމަދު މުސްޠަފާއަށް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ތަހުނިޔާ ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކުރި ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ފަލަސްޠީނުގެ ރައީސަށް ފޮނުއްވި ތަހުނިޔާގެ ސިޓީފުޅުގައި، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި އަދި ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަ ނަންފުޅުގައި، ވަރަށް އިޚްލާޞްތެރިކަމާއެކު މަރްޙަބާ ވިދާޅުވެފައިވެއެވެ.
ފަލަސްޠީނުގެ ރައްޔިތުން އެމީހުންގެ އަމިއްލަ ޤައުމުގެ މިނިވަންކަމުގެ ޙައްޤުގައާއި އަމިއްލަ ވަކި ދައުލަތެއް ޤާއިމުކުރުމަށް، އަނިޔާވެރިކަމާއި ބޭއިންސާފާ ދެކޮޅަށް ފަލަސްޠީނުގެ އަޚުންނާއި އުޚުތުން ކުރަމުން ގެންދާ މަސައްކަތުގައި، އެ ރައްޔިތުންގެ ސާބިތުކަމާއި ހިތްވަރުގަދަކަމަށް ރައީސުލްޖުމްހޫރިއްޔާ ތަޢުރީފު ކުރައްވާފައިވެއެވެ.
މީގެ އިތުރުން، 1967 ވަނަ އަހަރުގެ ކުރިން އޮތް ބޯޑަރުތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ޤުދުސްއަކީ ވެރިރަށް ކަމުގައި ކަނޑައެޅިފައިވާ ފަލަސްޠީނުގެ މިނިވަން އަދި އިސްތިޤްލާލީ ދައުލަތަކަށް ދިވެހިރާއްޖެއިން އަބަދުވެސް ވަކާލާތުކުރައްވާނެކަމާއި، ދިވެހިރާއްޖޭގެ އެއްބާރުލުން އަބަދުވެސް ފަލަސްޠީނަށް ލިބެމުންދާނެކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވާފައިވެއެވެ. އަދި ދެޤައުމުގެ ދޭދޭ ގުޅުންތައް އިތުރަށް ބަދަހިވެގެންދާނެކަމުގެ ޔަޤީންކަން އެމަނިކުފާނަށް އޮތްކަމުގައިވެސް ފާހަގަކުރައްވާފައިވެއެވެ.
ފަލަސްޠީނުގެ ބޮޑުވަޒީރު މުޙައްމަދު މުސްޠަފާއަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ސިޓީފުޅުގައި، އަނިޔާވެރިކަމާއި ދެކޮޅަށް ފަލަސްޠީނުގެ ރައްޔިތުން އެއްބައިވަންތަކަމާއި ވަރުގަދަ ޢަޒުމުގައި މަސައްކަތްކުރަމުންދާކަން ފާހަގަކުރެއްވިއެވެ. އަދި ފަލަސްތީނުގެ ރައްޔިތުން މިނިވަންކަމާއި ހަމަޖެހުމާއި އިންސާފު ހޯދުމަށް ކުރާމަސައްކަތަށް ދިވެހިރާއްޖެ އަބަދުވެސް ތާޢީދު ކުރައްވާނެކަން ހާމަކުރައްވައި، އެކުވެރިކަމާއެކު ހިއްސާކުރާ ޤަބޫލުކުރުންތަކުގެ މައްޗަށް ބިނާވެފައި އޮތް، ދެޤައުމުގެ ދޭދޭ ގުޅުންތައް ފާހަގަކުރައްވާފައި ވެއެވެ.
މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ވަނީ، ފަލަސްޠީނުގެ ރައީސަށާއި ބޮޑުވަޒީރަށް ދުޅަހެޔޮ ޞިއްޙަތަކަށް އެދިވަޑައިގެން، އަޚުވަންތަ ފަލަސްޠީނުގެ ރައްޔިތުންނަށް ދެމެހެއްޓެނިވި ޞުލްޙައާއި ކުރިއެރުމަށް އެދިވަޑައިގެންފައެވެ.
ފަލަސްޠީނުގެ މިނިވަންކަން އިޢުލާންކުރި ދުވަހުގެ މުނާސަބަތާ ގުޅުވައިގެން ރައީސުލްޖުމްހޫރިއްޔާ ވަނީ އެމަނިކުފާނުގެ ރަސްމީ އެކްސް އެކައުންޓުގައިވެސް ޕޯސްޓެއް ހިއްސާކުރައްވައި، މި ޝުޢޫރުތައް ތަކުރާރުކުރައްވާފައެވެ. އަދި ފަލަސްޠީނުގެ ރައްޔިތުންނަށް ދިވެހިރާއްޖެއިން އަބަދުވެސް ތާއީދު ކުރައްވާނެކަމުގެ ޔަޤީންކަން ތަކުރާރުކުރައްވަމުން، ފަލަސްޠީނުގެ މިނިވަން ދައުލަތެއް ޤާއިމުކުރުމަށް ބައިނަލްއަޤްވާމީ މުޖްތަމަޢުން އަދިވެސް އިތުރަށް މަސައްކަތް ކުރެއްވުމަށް ގޮވާލައްވާފައިވެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފާހަގަ ކުރެވެނީ ފަލަސްޠީނުގެ ޙައްޤުގައި ބައިނަލްއަޤްވާމީ ޕްލެޓްފޯމުތަކުގައި ވަކާލާތު ކުރައްވާ އިސްލާމީ ވަރުގަދަ ލީޑަރުންގެ ތެރޭގައެވެ. ފަލަސްޠީނުގެ ޙައްޤުގައި އެމަނިކުފާނުގެ ސަރުކާރުން ވަނީ އިސްރާއީލުގެ ޕާސްޕޯޓުގައި ރާއްޖެއެތެރެ ނުވެވޭގޮތަށް ރާއްޖޭގެ ޤާނޫނު ބަދަލުކޮށްފައިކަން ވެސް ފާހަގަ ކުރެވެއެވެ.
ADVERTISE SLOT
Promote Your Brand Where It Matters Most
އިތުރަށް
އެސްޓީއޯއިން 23 ބާވަތެއްގެ ކާބޯތަކެތި އެތެރެކުރަން ފެށީ ތަކެތީގެ އަގު ހެޔޮކުރަން: ރައީސް2025 ޑިސެމްބަރު 05
ރާއްޖެއިން ޖަޕާނަށް ކަނޑައަޅާފައި ހުންނަވާ ސަފީރުކަމަށް މަޚްލޫފު ޢައްޔަންކުރައްވައިފި2025 ޑިސެމްބަރު 04
ތިމާވެށްޓަށް ގެއްލުންދޭ ކުދި ޕްލާސްޓިކް ފެންފުޅި މަނާކުރުން 2028އަށް ފަސްކޮށްފި2025 ޑިސެމްބަރު 03