logo
logo
ބޮޑުޖަލްސާގެ އުސްއަލިތައް- ފެށިއިރު ބިދޭސީންގެ ތަފާސް ހިސާބެއް ނެތް، މިހާރު 191،000 މީހުންގެ މަޢުލޫމާތު އެއްކޮށްފި

ބޮޑު ޖަލްސާގެ އުސްއަލިތައް- ފެށިއިރު ބިދޭސީންގެ ތަފާސް ހިސާބެއް ނެތް، މިހާރު 191،000 މީހުންގެ މަޢުލޫމާތު އެއްކޮށްފި

2025 ނޮވެމްބަރު 15
ޒައުޖަތު އަޙުމަދުޒައުޖަތު އަޙުމަދު

ބިދޭސީންގެ މައްސަލަ ހައްލުކުރުމުގެ މަސައްކަތް މި ސަރުކާރުން ފެށިއިރު ބިދޭސީންގެ ތަފާސް ހިސާބެއް، އެއްވެސް މަޢުލޫމާތެއް ނެތް ކަމަށާއި "ކުރަނގި އޮޕަރޭޝަން" ފަށައިގެން މިއަދާއި ހަމައަށް އައި އިރުގައި 191،723 ބިދޭސީންގެ 10 އިނގިލީގެ ނިޝާން ނަގައި އެ މީހުންގެ މަޢުލޫމާތު އެއްކޮށްފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި މިހާތަނަށް ބޭއްވި އެންމެ ބޮޑު ސިޔާސީ އެއްވުމުގެ ގޮތުގައި ފާހަގަވެގެންދިޔަ "ދިވެހީންގެރާއްޖެ" ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ރާއްޖެއަށް ކުރިމަތިވެފައިވާ ބިދޭސީންގެ މައްސަލަ ޙައްލުކުރުމަށް މި ސަރުކާރުން ކުރަމުން އަންނަ ކާމިޔާބު މަސައްކަތުގެ ތެރޭގައި ހިމެނޭ، ބިދޭސީންގެ ބަޔޯމެޓްރިކްސް އެއްކުރުމުގެ މަސައްކަތުގައި ބައިވެރިނުވާ ނުވަތަ ބަޔޯމެޓްރިކް ނުދޭ ބިދޭސީން، މިމަހުގެ 16 އިން ފެށިގެން ޑީޕޯޓުކުރާނެކަމަށެވެ.

"އަޅުގަނޑުމެންނަށް އެބަ އެނގޭ ރާއްޖޭގައި ތިބި ބިދޭސީންނަކީ ކޮބައިކަމާ މި މީހުން ތިބީ ކޮންތަނެއްގައި ކަމާ މި ހުރިހާ ކަމެއް." ރައީސްގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.

ބިދޭސީންގެ މަޢުލޫމާތު އެއްކުރުމަށް ކުރަމުން އަންނަ މަސައްކަތުގައި އެކަމުގައި ބައިވެރި ނުވާ ބިދޭސީންނަށް އެންމެ ފަހުގެ ފުރުޞަތު މިމަހުގެ 15 ގެ ނިޔަލަށް ދާޚިލީ ވުޒާރާއިން ވަނީ ހުޅުވާލައިފައެވެ. ރައީސް ވިދާޅުވީ އެ މުއްދަތުގެ ފަހުން އެއްވެސް ބިދޭސީއަކަށް ބައޯމެޓްރިކްސް ޑޭޓާ ނުދީ ރާއްޖޭގައި ނޫޅެވޭނެ ކަމަށާއި އެފަދަ ބިދޭސީއަކު ވަގުތުން ޑީޕޯޓްކޮށްލާނެ ކަމަށެވެ.

ރައީސް ވިދާޅުވީ، ބިދޭސީންގެ މައްސަލައަކީ ކޮންމެ ސަރުކާރެއްގައިވެސް އޮތް މައްސަލައެއްކަމަށާ ނަމަވެސް މިއީ އެއްވެސް ސަރުކާރަކަށް ޙައްލު ނުކުރެވުނު މައްސަލައެއްކަމަށެވެ. ނަމަވެސް މި ސަރުކާރުން މި މައްސަލަ ހައްލުކުރުމަށް މަސައްކަތް ފަށައިގެން ކުރިއަށްދާކަމަށާއި މިދިޔަ 2 އަހަރެއްހާ ދުވަހުގެ ތެރޭގައި ޤަވާޢިދާ ޚިލާފަށް އުޅުނު މީހުނާއި އެކި ކުށްކުރި މީހުންނާއި އެކު ޖުމްލަ 9021 ބިދޭސީން ޑީޕޯޓުކޮށްފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެއީ އޭގެ ކުރީ އަހަރު ޑީޕޯޓް ކުރި އަދަދަށްވުރެ %143 އިތުރު އަދަދެއް ކަމަށެވެ.

ރާއްޖޭގައި ޤަވާޢިދާ ޚިލާފަށް ގިނަ އަދަދެއްގެ ބިދޭސީން އުޅެމުން އަންނައިރު މި މައްސަލައަކީ ޒަމާންވީ ބޮޑު މައްސަލައެކެވެ. މި މައްސަލަ ޙައްލުކުރުމަށް ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުން ޚާއްޞަ އޮޕަރޭޝަނެއް ކުރިއަށް ގެންދާއިރު، ޚާއްޞަ ޓާސްކްފޯހެއް ވެސް އުފައްދަވާފައިވާ ކަން ފާހަގަ ކުރެވެއެވެ.

 

 

ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް