logo
logo
ބޯކޮށް ވާރޭވެހި ޣައްޒާގެ ރައްޔިތުން ދިރިއުޅޭ ޓެންޓުތަކުގައި ފެންބޮޑުވެއްޖެ

ބޯކޮށް ވާރޭވެހި ޣައްޒާގެ ރައްޔިތުން ދިރިއުޅޭ ޓެންޓުތަކުގައި ފެންބޮޑުވެއްޖެ

2025 ނޮވެމްބަރު 14
ޒައުޖަތު އަޙުމަދުޒައުޖަތު އަޙުމަދު

ބޯކޮށް ވާރޭވެހި ޣައްޒާގެ ރައްޔިތުން ދިރިއުޅޭ ޓެންޓުތަކުގައި ފެންބޮޑުވެއްޖެއެވެ.

ޣައްޒާގައި ގެދޮރު ގެއްލިފައި ތިބި 9 ލައްކަ މީހުން ޓެންޓުތަކުގައި ދިރިއުޅެމުން އަންނައިރު، މިއަދު ފަތިހުން ފެށިގެން ވެހުނު ބޯ ވާރޭގައި ޓެންޓުތަކުގައި ފެންބޮޑުވެ ގިނަ ބަޔަކު ވަނީ އިތުރަށް ޙާލުގައި ޖެހިފައެވެ.

ފަލަސްޠީނުގެ މޫސުމާބެހޭ އިދާރާއިން ބުނެފައި ވަނީ އެ ސަރަޙައްދުގައި އުފެދިފައިވާ ލޯ ޕްރެޝާ ސިސްޓަމެއްގެ ސަބަބުން ފިނި ވައިޖެހި، ބޯކޮށް ވާޜޭ ވެހި އަދި ކޮޅިގަނޑުތައް ޖެހުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމަށެވެ.

މޫސުން ގޯސްވުމާއި ގުޅިގެން ފަލަސްޠީނުގެ ސިވިލް ޑިފެންސުން ވަނީ ރައްކތެރިކަމުގެ ފިޔަވަޅު އެޅުމަށް އިރުޝާދުވެސް ދީފައެވެ. އެގޮތުން މޫދު ކައިރީގައި ހުރި ޓެންޓްތައް ގަދަވަޔާއިއެކު ވެއްޓުން އަދި ރާޅު އަރާ ފެންބޮޑުވުން ފަދަ ކަންކަމުން ރައްކާތެރިވުމަށް އިރުޝާދު ދީފައިވެއެވެ.

މޫސުން ގޯސްވެ ގަދަވަޔާއި ވާރޭގެ ސަބަބުން އެމީހުންގެ ދިރިއުޅުމުގައި ބޭނުންކުރާ މަދު ސާމާނު ހަލާކުވެ ގެއްލިދާނެތީ ޣައްޒާގައި ޓެންޓުތަކުގައި ދިރިއުޅޭ ރައްޔިތުން ތިބީ ވަރަށް ކަންބޮޑުވެފައެވެ. ފާއިތުވި ދެ އަހަރު އިސްރާއީލުން ހިންގި ޣަތުލުއާންމުގައިވެސް ބޮންއެޅުމުގެ ސަބަބުން އަދި ދެ ފަހަރު ޓެންޓުތަކުގައި ފެންބޮޑުވެ ގެއްލުންތައް ވެފައިވެއެވެ.

ޣައްޒާގެ މީޑިއާ އޮފީހުން ލަފާކުރާ ގޮތުގައި 135،000 ޓެންޓުގައި މީހުން ދިރިއުޅެމުން އައި ނަމަވެސް، ބޮންއެޅުމުގެ ސަބަބުންނާއި މޫސުމީ ބަދަލުތަކުގެ ސަބަބުން، އޭގެތެރެއިން 125،000 ޓެންޓު މިހާރު ވަނީ ދިރިއުޅެން ކަމު ނުދާ ވަރަށް ހަލާކުވެފައެވެ.

2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހުން ފެށިގެން އިސްރާއީލުން ޣައްޒާގައި ހިންގި ޤަތުލުއާންމުގައި ޣައްޒާގެ އިމާރާތްތައް ބިމާ ހަމަކޮށް، 69،000 އަށްވުރެ ގިނަ މީހުން ޝަހީދުކޮށްފައިވެއެވެ.

 

ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް