logo
logo
ޣައްޒާއަށް އެހީ ވެއްދުމަށް ދުނިޔޭގެ ކޯޓުން ކުރި ޙުކުމާ ވެސް އެމެރިކާއިން ދެކޮޅުހަދައިފި

ޣައްޒާއަށް އެހީ ވެއްދުމަށް ދުނިޔޭގެ ކޯޓުން ކުރި ޙުކުމާ ވެސް އެމެރިކާއިން ދެކޮޅުހަދައިފި

2025 އޮކްޓޯބަރު 23
ޒައުޖަތު އަޙުމަދުޒައުޖަތު އަޙުމަދު

ޣައްޒާއަށް އެހީ ވެއްދުމަށް އިސްރާއީލުގެ މައްޗަށް ދުނިޔޭގެ ކޯޓުން ކުރި ޙުކުމާ ވެސް އެމެރިކާއިން ދެކޮޅުހަދައިފިއެވެ.

ބައިނަލްއަޤްވާމީ އިންސާފުގެ ކޯޓު، އައިސީޖޭއިން ވަނީ ޣައްޒާއަށް އެހީ ވެއްދުމަށް އދ. އަށް ފުރުޞަތު ދިނުމަށް އިސްރާއީލުގެ މައްޗަށް އިއްޔެ އަމުރެއް ނެރިފައެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި މި އަމުރާއި ގުޅިގެން އެމެރިކާގެ ސްޓޭޓް ޑިޕާޓްމެންޓުން ނެރުނު ބަޔާނެއްގައި ބުނީ މެދުއިރުމައްޗަށް ޞުލްޙަ ގެނައުމަށް އެމެރިކާގެ ރައީސް ޓްރަމްޕް މަސައްކަތް ކުރަމުން އަންނަ މި ދަނޑިވަޅުގައި އައިސީޖޭއިން ނެރުނު އެ އަމުރަކީ ހަމާސްއިން ހިންގާ "ނިރުބަވެރި" ކަމަށް ބާރުދީ ނެރެފައިވާ އަމުރެއް ކަމަށެވެ.

އައިސީޖޭއިން ނެރުނު އަމުރުގައި ވަނީ ޣައްޒާގެ ރައްޔިތުންނަށް ބޭނުންވާ އިންސާނީ އެހީތެރިކަން ފޯރުކޮށް ދިނުމަށް، ފަލަސްޠީނުގެ ރެފިއުޖީންނާއިބެހޭ އދ. ގެ އޭޖެންސީ އަންރުވާ ޣައްޒާގައި ޙަރަކާތްތެރިވުމަށް ފުރުޞަތު ދިނުމަށް އަމުރުކޮށްފައެވެ. އަދި ހަމާސްއާ އަންރުވާއާ އެއްވެސް ގުޅުމެއް ނެތް ކަމަށް ވެސް އެ އަމުރުގައި ބުނެފައިވެއެވެ.

ޣައްޒާގައި އިސްރާއީލުން ހިންގަމުން އަންނަ ޤަތުލުއާންމު ހުއްޓާލުމަށް އެމެރިކާ، ތުރުކީވިލާތް، މިޞްރު އަދި ޤަޠަރު މެދުވެރިވެގެން އެއްބަސްވުމެއް ހަދައި، މިމަހުގެ 10 ވަނަ ދުވަހުން ފެށިގެން ޢަމަލުކުރަމުން އަންނަ ކަމަށް ބުނި ނަމަވެސް އެއްބަސްވުމުގައިވާ ގޮތަށް އެހީ ވެއްދުމަށް އިސްރާއީލުން ވަނީ ދެކޮޅު ހަދައިފައެވެ. އެއްބަސްވުމާއި އެއްގޮތަށް، ޣައްޒާއަށް އެހީ ވެއްދުމަށް ހުޅުވަންޖެހޭ ރަފަޙަ ބޯޑަރު ވެސް އިސްރާއީލުން ހުޅުވާފައި ނުވެއެވެ.

ފަލަސްޠީނުގެ މަސްދަރުތަކުން ބުނާގޮތުގައި އެއްބަސްވުމުގައިވާ ގޮތުން، ދުވާލަކު 600 ޓްރަކްގެ އެހީ ޣައްޒާއަށް ވައްދަންޖެހެއެވެ. ނަމަވެސް އިސްރާއީލުން ޣައްޒާއަށް ވައްދަން ހުއްދަ ދެނީ ދުވާލަކު އެންމެ 84 ޓްރަކްއެވެ.

މީގެއިތުރުން އިސްރާއީލުން ދަނީ މިހާރު ވެސް ޣައްޒާއަށް ބޮމުގެ ހަމަލާތައް ދެމުންނެވެ.

އެމެރިކާގެ އެހީގައި އިސްރާއީލުން ޣައްޒާގައި ހިންގަމުން އަންނަ ޤަތުލުއާންމުގައި 68،234 މީހުން ވަނީ ޝަހީދުވެފައެވެ. 2 އަހަރުވީ މި ހަމަލާތަކުގައި 170،373 މީހުންނަށް ވަނީ ބޮޑެތި ޒަހަމްތައް ލިބިފައެވެ. އަދި އެތައް ހާސް ބަޔަކު ވަނީ އިމާރާތްތަކުގެ އަޑީގައި ތާށިވެގެން ވެސް ޝަހީދުވެފައެވެ.

 

 

 

ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް