logo
logo
 "މޯލްޑިވްސް 2.0"ގެ ބޮޑެތި މަސައްކަތްތައް އަންނަ އަހަރު ފެށޭނެ

"މޯލްޑިވްސް 2.0"ގެ ބޮޑެތި މަސައްކަތްތައް އަންނަ އަހަރު ފެށޭނެ

2025 ނޮވެމްބަރު 11
މުހައްމަދު ރިފާއުމުހައްމަދު ރިފާއު

އަންނަ އަހަރު ވާނީ ސަރުކާރުގެ މުއައްސަސާތަކުގެ ޚިދުމަތްތައް ދެފުށްފެންނަ ގޮތެއްގައި ހިންގުމަށް ކުރިއަށްގެންދާ ޑިޖިޓަލައިޒޭޝަން ޕްރޮގްރާމް، 2.0ގެ ބޮޑެތި މަސައްކަތްތައް ފަށާ އަހަރަށްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ޖުމްހޫރީ ދުވަހުގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ސަރުކާރުގެ ހިންގުމުގެ ނިޒާމު ކޮރަޕްޝަނާ ދިމާލަށް ދާން ދޫކޮށްލައިގެން ތިބޭނަމަ އަދުލުވެރި ވެރިކަމެއް ނުކުރެވޭނެކަމަށެވެ.

ރައީސް ވިދާޅުވީ ކޮރަޕްޝަނުގެ ނޭދެވޭ ސިފަ ރާއްޖެއިން ނައްތާލެވޭނީ ދެފުށްފެންނަ ޖަވާބުދާރީ ވެވޭ ނިޒާމެއް ގެނެސްގެންކަމަށާއި، މިކަމަށް ސަރުކާރުން ކުރަމުންދާ އެންމެ ބޮޑު މަސައްކަތަކީ 2.0ގެ މަސައްކަތްކަމަށާއި މިދާއިރާއިން ބޮޑެތި މަސައްކަތްތަކެއް ކުރިއަށް ގެންދިއުމަށް އަންނަ އަހަރު ޚާއްސަ ކުރައްވާނެކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ޚިދުމަތް ދިނުމުގައި ބައިވެރިވުމުގެ ފުރުޞަތު އޮންނަ މީހުންގެ މެދުގައި ކޮރަޕްޝަންގެ މައްސަލަތައް ބޮޑުކަމަށެވެ. މިކަމަށް އޮތް އެންމެ ބޮޑު ޙައްލަކީ ޑިޖިޓަލް ނިޒާމަކަށް ޚިދުމަތްތައް ގެނައުންކަމަށެވެ.

ރައީސް ވަނީ މި މަސައްކަތުގައި ހުރިހާ ރައްޔިތުން ޚާއްސަކޮށް ޒުވާނުން ބައިވެރިވުމަށް އެދިވަޑައިގެންފައެވެ. އެގޮތުން އުމުރުން ދުވަސްވީ މީހުން ހޭލުންތެރިކޮށް ބައިވެރިވުން އިތުރުކުރުމަށް ޒުވާނުންގެ ދަޢުރު ބޮޑުކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ޖުމްހޫރީ ވެރިކަމެއްގައި ދެފުށްފެންނަ އިންސާފުވެރި އަދުލުވެރި ވެރިކަމެއް ކުރެވޭނީ ކޮރަޕްޝަންގެ ބޮޑު ވަބާއިން ސަލާމަތްވެގެންކަމަށެވެ. އަދި ރައްޔިތުންނަށް ރަނގަޅު ޚިދުމަތެއްވެސް ދެވޭނީ ގުޑް ގަވަރަނަންސްގެ ނިޒާމުތަކަށް ދަތުރުކޮށް، މިއީ ރައްޔިތުން ބަލައިގަންނަ ނިޒާމަކަށް ވެގެންކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވިއެވެ.

ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް