logo
logo
ޢަބްދުއްރަޙީމް ވިދާޅުވީ ދިވެހީން ތިބީ ކޮން ލީޑަރެއްގެ ފަހަތުގައިކަން ހުކުރު ދުވަހުން ސާފުވާނެ ކަމަށް

ޢަބްދުއްރަޙީމް ވިދާޅުވީ ދިވެހީން ތިބީ ކޮން ލީޑަރެއްގެ ފަހަތުގައިކަން ހުކުރު ދުވަހުން ސާފުވާނެ ކަމަށް

2025 ނޮވެމްބަރު 08
ޒައުޖަތު އަޙުމަދުޒައުޖަތު އަޙުމަދު

ދިވެހީން ތިބީ ކޮން ލީޑަރެއްގެ ފަހަތުގައިކަން ހުކުރު ދުވަހުން ސާފުވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޕީއެންސީގެ ޗެއާޕާސަން ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

ޕީއެންސީން އަންނަ ހުކުރު ދުވަހުގެ ރޭ މާލޭގައި ބާއްވާ ބޮޑު ޖަލްސާއިން ރާއްޖެ އޮތީ ކޮން ފިކުރެއްގައި ކަމާއި ދިވެހިން ތިބީ ކޮން ލީޑަރެއްގެ ފަހަތުގައިކަން ވަރަށް ބޮޑަށް ސާފުވާނެ ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

ޢަބްދުއްރަޙީމް މިހެން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އަދި ޕީއެންސީގެ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ބައިވެރިވެވަޑައިގަންނަވާ އެ ޖަލްސާ އަށް އާންމުކޮށް ދަޢުވަތު ދިނުމުގެ ޙަރަކާތް ފެށުމަށް އެ ޕާޓީގެ މައި ޖަގަހާގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތަށް ފަހު، މީޑިއާއާ ވާހަކަފުޅު ދައްކަވަމުންނެވެ.

ޢަބްދުއްރަހީމް ވިދާޅުވީ، އެ ޖަލްސާއަށް ސަޕޯޓަރުން ދާނީ މިހާތަނަށް ރައީސް ކުރައްވާފައިވާ މަސައްކަތްޕުޅުތައް ބަލައިގަނެ، އެ ކަަމަށް ތާއީދު ކުރާތީ ކަމަށެވެ.

އެ މަނިކުފާނު ވިދާޅުވީ، ހުކުރު ދުވަހުގެ ރޭ އާޓިފިޝަލް ބީޗު ސަރަހައްދުގައި ބާއްވާ ޖަލްސާގައި ރައީސް މުއިއްޒު ވާހަކަފުޅު ދައްކަވާތީ އެއީ ތަރައްޤީގެ މަޝްރޫޢުތަކާ ގުޅޭ އިތުރު މަޢުލޫމާތު ލިބި ޔަގީންކަން އިތުރު ވާނެ ކަމެއް ކަމަށެވެ.

ޢަބްދުއްރަޙީމް ވިދާޅުވީ ދިވެހިރާއްޖޭގެ ތާރީހުގައި ޕްރައިވެޓް ސެކްޓާއާ އެންމެ ގިނަ މަޝްރޫއުތައް އެއް ދުވަހެއްގައި ހަވާލުކުރީ މި ވެރިކަމުގައި އިއްޔެ ނޫން އޭގެ ކުރީ ދުވަހު ކަމަށާއި އެހެންވީމާ ރައްޔިތުން އެ އަންނަނީ އެއްޗެއް ނޭނގި އޮޅުންފިޅުވާކަށް ނޫން ކަމަށާއި ރައްޔިތުން އެ އަންނަނީ އެ މީހުންނަށް މި ވާނުވާ އެނގޭތީ ކަމަށާއި ކަން ހިނގާ މަގު އެނގޭތީވެ، މި ވެރިކަން ދާ މިސްރާބު ރަނގަޅު ކަމަށް ގަބޫލު ކުރެވޭތީ ކަމަށެވެ.

އެ މަނިކުފާނު ވިދާޅުވި ގޮތުގައި، ރައްޔިތުން ބޭނުންވާ ތަރައްގީއާ ހަމައަށް ޕީއެންސީގެ ސަރުކާރުގައި ރައީސް މުޢިއްޒާއެކު ހާސިލްވާނެ ކަމުގެ ޔަޤީންކަން އެބައޮތެވެ.

މި އިވެންޓުގައި ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފު ވިދާޅުވީ، ރާއްޖޭގެ ހުރިހާ ރަށަކަށް ރައީސް މުއިއްޒު މިހާރު ދަތުރުފުޅު ކުރައްވާފައިވާއިރު، ރައްުޔިތުން ބޭނުންވަނީ އެއްތަނަކަށް ޖަމާވެ، ތާއީދު ހާމަކުރަން ކަމަށެވެ.

މީގެއިތުރުން ޕީއެންސީގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހު ވިދާޅުވީ، މި ވެރިކަމަށް މި މަހުގެ 17 ވަނަ ދުވަހު ދެ އަހަރު ފުރޭއިރު، ހުރިހާ އެންމެން އެއްތަނަކުން އެއްވާން ވަރަށް ގިނަ ސަޕޯޓަރުން އެދޭ ކަމަށެވެ. ހާއްސަކޮށް ރައީސް މުއިއްޒު ވަރަށް ގިނަ ރަށްރަށަށް މިދިޔަ ދުވަސްތަކުގައި ވަޑައިގެން، ތަރައްގީގެ އެކިއެކި މަޝްރޫއުތައް ފައްޓަވައި ދެއްވައި ވަރަށް ބުރަކޮށް މަސައްކަތްޕުޅު ކުރައްވާފައިވާތީ އެންމެން އެކުގައި އެއްތަނަކަށް ޖަމާވެ އެ މަނިކުފާނަށް ޝުކުރު އަދާކުރަން ގިނަ ބަޔަކު ބޭނުންވާ ކަމަށް ފަލާހު ވިދާޅުވިއެވެ.

ނޮވެމްބަތު 14 ވަނަ ދުވަހު ޕީއެންސީން ބޮޑު ޖަލްސާއެއް ބާއްވަން ތައްޔާރުވަމުން އަންނައިރު، އިދިކޮޅު އެމްޑީޕީން ވެސް އަންނަނީ މިމަހުގެ 17 ވަނަ ދުވަހު މާލޭގައި ބޮޑު ޖަލްސާއެއް ބާއްވަން ތައްޔާރުވަމުން ކަން ފާހަގަ ކުރެވެއެވެ.

ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް