ޖެނެރޭޝަނަލް ބޭން- ކުޑަ ޤައުމަކުން ކުރީ ސަފަށް ނިކުތުމަކީ ލިބިގެންދިޔަ ބޮޑު ފަޚުރެއް: ޑރ. ޝަފީޢު

ރާއްޖެފަދަ ކުޑަ ޤައުމަކުން ދުންފަތާ ދެކޮޅަށް ޖެނެރޭޝަނަލް ބޭން ތަންފީޒުކުރަން ފަށައި ކުރީ ސަފަށް ނިކުތުމަކީ ލިބިގެންދިޔަ ބޮޑު ފަޚުރެއްކަމަށް ތަޢުލީމީ ވަޒީރު ޑރ. އިސްމާޢީލު ޝަފީޢު ވިދާޅުވެއްޖެއެވެ.
ޖެނެރޭޝަނަލް ބޭންއަށް ޢަމަލުކުރަން ފެށުމާއި ގުޅިގެން ޕީއެސްއެމްއިން ގެނެސްދޭ ޓެލެތޯންގައި ވާހަކަ ދައްކަވަމުން ވަޒީރު ވިދާޅުވީ، މި ނިންމުމަށް ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާގެ ތަޢުރީފު ލިބިފަވާއިރު، ގިނަ ޤައުމުތަކުގެ ތާޢީދު ވެސް މިކަމުގައި ލިބިގެން ހިނގައްޖެކަމަށް ވަޒީރު ވިދާޅުވިއެވެ. ވަޒީރު ވިދާޅުވީ މި ކަމަކީ ޤައުމުތަކުގެ ސަމާލުކަން ރާއްޖެއަށް ލިބިގެންދިޔަ ކަމެއްކަމަށާއި، އަދި މިކަމަކީ ރާއްޖެއަކީ ނަމޫނާ ޤައުމެއްގެ ގޮތުގައި ބެލެވިގެންދާނެ ނިންމުމެއްކަމަށެވެ.
ވަޒީރު ވިދާޅުވީ އެންމެ ފުރަތަމަ ވޭޕް މަނާކުރިއިރުވެސް އެކަމާ ގުޅޭގޮތުން ރާއްޖޭގެ ހުރިހާ ސްކޫލްތަކުގެ އިސްވެރިންނާ ޕީޓީއޭއާއި މަޢުލޫމާތު ޙިއްސާކުރިކަމަށާއި އެކަމުގައިވެސް ވަރަށް ބޮޑު ތަޢީދެއް ލިބޭކަން ހާމަވިކަމަށެވެ. މިއީ ކޮންމެހެން މަނާކުރަންޖެހޭ ކަމެއްކަމުގައި އެފަރާތްތަކުން ފަހަގަކުރިކަމަށެވެ.
ދުންފަތާއި ދެކޮޅާށް ސަރުކާރުން ނިންމި މި ނިންމުމަކީ ސިޔާސީ ކަމެއްގެ ގޮތުގައި ނުދެކި، މިއީ ކުރިމަގު ބިނާކުރުމުގެ ފިޔަވަޅެއްގެ ގޮތުގައި ދެކިގެން އެންމެން އެކުގައި މަސައްކަތްކުރުމަށް ވަޒީރު ވަނީ ގޮވާލައްވާފައެވެ. ވަޒީރު ވިދާޅުވީ މިއީ ބަލިތަކުން ރައްކާތެރި ދުޅަހެޔޮ އަދި އަޙުލާގަށް ހެޔޮ ބަދަލުތަކެއް ގެނުވާނެ ނިންމުމެއްކަމަށެވެ.
ވަޒީރު ވަނީ ދުންފަތުން ދުރުހެލިވުމަށް، ސްކޫލް ދަރިވަރުންގެ މެދުގައި ހޭލުންތެރިކަން އިތުރުކުރުމަށް ސްކޫލްތަކުގައި ޕްރޮގްރާމްތަކެއް ހިންގަވާނެކަމަށް ވިދާޅުވެފައެވެ.
ދުންފަތާ ދެކޮޅަށް ޖެނެރޭޝަން ބޭންއެއް ތަންފީޒުކުރާ ފުރަތަމަ ޤައުމަކަށް ދިވެހިރާއްޖެ ވެފައިވާކަމަށް ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޒިމް އިބުރާހީމް ވަނީ ވިދާޅުވެފައެވެ.
ޖެނެރޭޝަނަލް ބޭންއަށް މިއަދުން ފެށިގެން ޢަމަލު ކުރަން ފެށުމާއިއެކު، 2007 ޖެނުއަރީ 1 އިން ފެށިގެން އުފަންވެފައިވާ އަދި އުފަންވާނޭ ހުރިހާ ދިވެހި ރައްޔިތުންނަށް ދުންފަތުގެ އިސްތިޢުމާލުކުރުން މަނާވެފައިވާ ކަން ފާހަގަ ކުރެވެއެވެ.
އިތުރަށް





.gif.gif&w=828&q=100)
