logo
logo
2025 ވަނަ އަހަރު ތަންފީޒުކުރަންފެށި މާލީ ސިޔާސަތުތަކުގެ ފުރިހަމަ އަސަރު 2026 ގައި ފެނިގެންދާނެ: މާލީ ވަޒީރު

2025 ވަނަ އަހަރު ތަންފީޒުކުރަންފެށި މާލީ ސިޔާސަތުތަކުގެ ފުރިހަމަ އަސަރު 2026 ގައި ފެނިގެންދާނެ: މާލީ ވަޒީރު

2025 އޮކްޓޯބަރު 30
ޒައުޖަތު އަޙުމަދުޒައުޖަތު އަޙުމަދު

އާމްދަނީ އިތުރުކުރުމަށް 2025 ވަނަ އަހަރު ތަންފީޒުކުރަންފެށި ސިޔާސަތުތަކުގެ ފުރިހަމަ އަސަރު 2026 ގައި ފެނިގެންދާނެ ކަމަށް މާލީ ވަޒީރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.

ވަޒީރު މިފަދައިން ވިދާޅުވީ އަންނަ 2026 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅުއްވަމުންނެވެ.

ވަޒީރު ވިދާޅުވީ ރާއްޖޭގެ އިޤްތިޞާދު ވަރުގަދަ ބިންގަލެއްގެ މައްޗަށް ބިނާކޮށް ދިވެހި ދައުލަތަށް 2026 ވަނަ އަހަރު ލިބޭ ޖުމްލަ އާމްދަނީއާއި ހިލޭ އެހީ ހުންނާނެ ކަމަށް ކަމަށް ލަފާކުރެވެނީ 40.4 ބިލިއަން ރުފިޔާގައި ކަމަށް ވަޒީރު ވިދާޅުވިއެވެ. މިއީ މިހިނގާ 2025 ވަނަ އަހަރު ލިބޭނެ ކަމަށް ލަފާކުރެވުނު 39.7 ބިލިއަން ރުފިޔާގެ އާމްދަނީއަށް އަންނަ %6.6 ގެ ކުރިއެރުމެއް ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.

ފާއިތުވި އަހަރުތަކުގައި ގިނަ ޓެކުހާއި ފީގެ ރޭޓުތަކަށް ބަދަލު ގެނެސްފައިވާއިރު، އާމްދަނީ އިތުރު ކުރުމުގެ އިތުރު ސިޔާސަތެއް މިއަހަރުގެ ބަޖެޓާއިއެކު ހުށަހަޅާފައި ނުވާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި އެއީ ރާއްޖޭގެ އިޤްތިޞާދީ ދުވެއްޔަށް ހީނަރުކަން އަޔަނުދީ އާރޯކަން ގެނައުމަށްޓަކައި ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.

"ނަމަވެސް ޓެކުހުގެ ޤާނޫނުތައް ތަންފީޒު ކުރުމުގެ ފުރިހަމަ ބާރުތައް ތަންފީޒީ އިދާރާތަކަށް ލިއްބައިދިނުމާއިއެކު، އެ ފަރާތްތަކަށް މިހާރު ދިމާވެފައިވާ ޤާނޫނީ ގޮންޖެހުންތަކަށް އެކަށީގެންވާ ޙައްލު ހޯދައިދިނުމަށާއި ދައުލަތަށް ލިބެންޖެހި ނުލިބިހުރި ފައިސާ ހޯދުމަށް މަގުފަހިވެގެންދާނެ" ވަޒީރު ވިދާޅުވިއެވެ.

2026 ވަނަ އަހަރު ޓެކުހުގެ އާމްދަނީގެ ގޮތުގައި 31.3 ބިލިއަން ރުފިޔާ އަދި ޓެކްސް ނޫން ގޮތުގައި 8.7 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް އަންދާޒާ ކުރެވޭ ކަމަށް ވަޒީރު ވިދާޅުވިއެވެ.

މީގެއިތުރުން ހިލޭ އެހީގެ ގޮތުގައި 373.6 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ބެލެވޭ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.

އަންނަަ 2026 ވަނަ އަހަރުގެ ބަޖެޓުގައި 9.3 ބިލިއަން ރުފިޔާގެ ސުކޫކާއި ބޮންޑު އަނބުރާ ދެއްކުމަށް ފައިސާ ހިމަނާފައިވެއެވެ. މިއަދު ހުށަހެޅި މި ބަޖެޓަކީ، މި ސަރުކާރަށް ވާރުތަވެފައިވާ ސުކޫކާއި ބޮންޑު އަނބުރާ ދެއްކުމުގެ ހަރަދު ނުހިމަނާ ނަމަ، މިހިނގާ 2025 ވަނަ އަހަރަށް ލަފާކޮށް މިދިޔަ އަހަރު ފިނޭންސް މިނިސްޓްރީން ހުށަހެޅި 56.5 ބިލިއަން ރުފިޔާގެ ބަޖެޓަށް ވުރެ ކުޑަ ބަޖެޓެކެވެ.

އަންނަ އަހަރަށް ލަފާކޮށް 64 ބިލިއަން ރުފިޔާގެ ބަޖެޓެއް ރައްޔިތުންގެ މަޖިލީހަށް މިއަދު ވަނީ ސަރުކާރުން ހުށަހަޅައިފައެވެ.

 

 

 

ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް