logo
logo
ސިންގަޕޫރުން ރާއްޖެއަށް ތެޔޮ ޝިޕްމަންޓެއް ގެންނަނީ

ސިންގަޕޫރުން ރާއްޖެއަށް ތެޔޮ ޝިޕްމަންޓެއް ގެންނަނީ

2026 މާރިޗު 22
ޒައުޖަތު އަޙުމަދުޒައުޖަތު އަޙުމަދު

ސިންގަފޫރުން ވެސް ތެލުގެ ޝިޕްމަންޓެއް ބަރުކޮށްފައިވާ ކަމަށާއި އަންނަ މަހުގެ ކުރީކޮޅު އެ ޝިޕްމަންޓު ގެންނާނެ ކަމަށް މާލީ ވަޒީރު މޫސާ ޟަމީރު މިއަދު ވިދާޅުވެއްޖެއެވެ.

ޟަމީރު މިފަދައިން ވިދާޅުވީ މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ދިވެހިންނަށް ކުރިމަތިވެދާނެ ދަތިތަކާއި ކުރިމަތިވާ ކަންކަން ހައްލު ކުރުމުގެ ފިޔަވަޅުތައް އެޅުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އުފައްދަވާފައިވާ މިނިސްޓަރުންގެ ހާއްސަ ކޮމިޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.

ޟަމީރު ވިދާޅުވީ، ދަތިކަމެއް ނެތި ރާއްޖެ އަށް ތެޔޮ ލިބޭނެ ގޮތްތައް ހޯދުމަށް އިތުރު މަސައްކަތް ކުރަމުން އަންނަ ކަމަށާއި މިހާރު ވެސް އެކަށީގެންވާ ވަރެއްގައި ތެލުގެ ސްޓޮކެއް ރާއްޖޭގައި އެބަހުރި ކަމަށެވެ. އަދި މިހާރުގެ ޙާލަތަށް ބަލާއިރު ރާއްޖެ އަށް ދުވަހުން ދުވަހަށް ބޭނުންވާ ވަރަށް ޕެޓްރޯލާއި ޑީސަލް އެބަހުރި ކަމަށް ވަޒީރު ވިދާޅުވި އެވެ. 

ސިންގަޕޫރުން ގެންނަ ޝިޕްމަންޓް އަންނާނީ އޭޕްރީލް ފެށޭ އިރު ކަމަށާއި އޭގައި ޑީސަލާއި ޕެޓްރޯލް ވެސް ހުންނާނެ ކަމަށް ޟަމީރު ވިދާޅުވިއެވެ. އަދި ގާތްގަނޑަކަށް 4 ނުވަތަ 5 ގައި އޮމާންގެ ސޮހާރުން އަނެއްކާ ވެސް ބަރުކޮށްގެން އަންނަ ތެޔޮ ޝިޕްމަންޓް އަންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ޟަމީރު ވިދާޅުވީ، މިހާރު ވެސް ތެލުގެ އަގުވަނީ ދެ ގުނަ އުފުލިފައި ކަމަށާއި މި ހާލަތުގައި ވެސް ތެލުގެ އަގަށް އިތުރު ބަދަލެއް ގެންނަން ސަރުކާރުގެ ވިސްނުމެއް ނެތް ކަމަށެވެ.

ސަރުކާރުން އަންނަނީ ބައެއް އިންޑަސްޓްރީތަކަށާއި އާންމުންނަށް މާ ބޮޑަށް ގެއްލުން ވެދާނެތީވެ، ބައެއް ކަހަލަ ދިމަދިމާލުން ތެލުގެ އަގު ބޮޑުނުކޮށް، ސަބްސިޑައިޒް ކުރުން ކަމަށާއި މަސްވެރިންނަށާއި މާލޭގައި ޕެޓްރޯލް ޕަމްޕުން ގަންނަ ފަރާތްތަކަށާއި އަދިވެސް އޭގެ އިތުރުން ޚިދުމަތް ހޯދާ ފަރާތްތަކަށް އެކަށީގެންވާ ހެޔޮ އަގެއްގައި ތެޔޮ ފޯރުކޮށްދެމުން ކަމަށް ވަޒީރު ވިދާޅުވިއެވެ.

މީގެއިތުރުން ވަޒީރު ވިދާޅުވީ، މި ހާލަތަށް ސަރުކާރުން ތައްޔާރުވާ ކަމަށާއި ކުރިއަށް އޮތް ހަ މަސް ދުވަހަށް ކަންކަން ރާވަމުން އަންނަ ކަމަށެވެ. ޙާލަތު ކައިރިން ބަލަމުން އަންނަ ކަމަށާއި ރާއްޖޭގެ ރިޒާވް އެކަށީގެންވާ މިންވަރެއްގައި ހިފެހެއްޓުމަށްޓަކައި މަސައްކަތް ކުރާ ކަމަށާއި ރައްޔިތުންނަށް ކޮންމެހެން ލިބެން ޖެހޭ ހިދުމަތްތައް ހުއްޓުމެއް ނެތި ކުރިއަށް ގެންދިއުމަށް މަސައްކަތް ކުރާ ކަމަށް ވިދާޅުވިއެވެ. އެގޮތުން މެޑިކަލް ކަންކަމާއި ރާއްޖޭން ބޭރުގައި ކިޔަވާ ކުދިންނަށް ފޮނުވަން ޖެހޭ ފައިސާ އާއި ކާޑުގެ ބާވަތްތައް ވެސް ދުވަހުން ދުވަހަށް ލިބޭނެ ގޮތްތައް ރާވައި، ތަކެތީގެ އަގުތައް އެކަށީގެންވާ ވަރެއްގައި ހިފެހެއްޓޭތޯ މަސައްކަތް ކުރަމުން އަންނަ ކަމަށް ޟަމީރު ވިދާޅުވިއެވެ.

އެސްޓީއޯ އިން މިވަގުތު ޕެޓްރޯލް ލިޓަރެއް ވިއްކަނީ 16.01ރ. އަށެވެ. ޑީސަލް ލިޓަރެއްގެ އަގަކީ 17.54ރ. އެވެ. 

ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް