logo
logo
ފޮޓޯ: މިހާރު

ފޭދޫން ނިންމީ ވަކި ނުވާން، ހުޅުދޫއާއި މީދޫ ބޭނުންވަނީ ވަކި ދެ ކައުންސިލް

2025 އޮކްޓޯބަރު 25
މުހައްމަދު ރިފާއުމުހައްމަދު ރިފާއު

އައްޑޫގެ ހުޅުދޫއާއި މީދޫ ރައްޔިތުން ބޭނުންވަނީ ސިޓީ ކައުންސިލުން ވަކިވެ، އެ ދެ ރަށަށް ވަކި ދެ ރަށު ކައުންސިލް އުފައްދަންކަމަށާއި، ނަމަވެސް ފޭދޫ މީހުން ބޭނުންވަނީ ސިޓީ ކައުންސިލާއެކު ދެމިތިބެންކަމަށް މިއަދު ނެގި ހިޔާލު ހޯދުމުގެ ވޯޓުގެ ވަގުތީ ނަތީޖާތަކުން ދައްކައިފިއެވެ.

އައްޑޫ 3 ރަށެއްގެ ރައްޔިތުންގެ މެދުގައި މިއަދު ނެގި ހިޔާލު ހޯދުމުގެ ވޯޓަކީ އައްޑޫ ސިޓީ ކައުންސިލް އެކުލެވިފައިވާގޮތް ބަދަލުކޮށް، އެ އަތޮޅުގެ ފޭދޫ، ހުޅުދޫ އަދި މީދޫގައި ވަކި ކައުންސިލްތައް އުފައްދަން ފެނޭތޯ ބެލުމަށް ނެގި ވޯޓެކެވެ. އަދި މިވޯޓަކީ ރައްޔިތުންގެ ޚިޔާލު ހޯދުމަށް ވަކި ޤާނޫނެއް ހަދައިގެން، އެ ޤާނޫނުގެ ދަށުން ނެގި ޚިޔާލު ހޯދުމުގެ ފުރަތަމަ ވޯޓެވެ.

އައްޑޫ ރިފަރެންޑަމްގެ ވަގުތީ ނަތީޖާ

ފޭދޫ:

ވަކި ކައުންސިލް ހަދަން ފެންނަ: 615

ނުފެންނަ: 1،782

ހުޅުދޫ:

ވަކި ކައުންސިލް ހަދަން ފެންނަ: 720

ނުފެންނަ: 325

މީދޫ:

ވަކި ކައުންސިލް ހަދަން ފެންނަ: 841

ނުފެންނަ: 144

މާލެ އާއި އައްޑޫގައި ނެގި ވޯޓުގައި، ހުޅުދޫން ވޯޓުލީ މީހުންގެ 67 ޕަސެންޓް ނިންމީ ވަކިން ރަށު ކައުންސިލެއް އުފައްދަން ފެންނަ ކަމަށެވެ. އަދި މީދޫގައި ވަކި ކައުންސިލެއް އުފައްދަން 83 ޕަަސެންޓް މީހުން ވޯޓުދިނެވެ.

އިލެކްޝަންސް ކޮމިޝަނުން މި ވޯޓުގެ ދާއިމީ ނަތީޖާ މާދަމާ އިއުލާންކުރުމާއެކު ރައްޔިތުންގެ ނިންމުމާ އެއްގޮތަށް ކައުންސިލްތައް ބަދަލުކުރުމުގެ މަސައްކަތް ފެށިގެންދާނެއެވެ.

އައްޑޫގެ ރަށްރަށުގެ މެދުގައި ވަކި ކައުންސިލްތަކެއް އުފެއްދުމާ މެދު ވޯޓެއް ނެގީ ބައެއް ރަށްރަށުން މައި އައްޑޫ ސިޓީ ކައުންސިލުން ވަކިވެ، ވަކި ރަށު ކައުންސިލެއް އުފެއްދުމަށް ރައީސުލްޖުމްހޫރިއްޔާގެ ކިބައިން އެދިފައިވާތީއެވެ. ނަމަވެސް މި ވޯޓުގައި ސަރުކާރުން ވަކި ގޮތަކަށް ތާޢީދުކޮށް، ވަކާލާތުކޮށްފައެއް ނުވެއެވެ.

ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް