logo
logo
އެމްޑީޕީ ސަރުކާރުގެ ފަހު 3 އަހަރު ފެނަކައަށް ތިން ހާސް އެއް ސަތޭކަ މުވައްޒަފުން ނެގިކަން ހާމަވެއްޖެ!

އެމްޑީޕީ ސަރުކާރުގެ ފަހު 3 އަހަރު ފެނަކައަށް ތިން ހާސް އެއް ސަތޭކަ މުވައްޒަފުން ނެގިކަން ހާމަވެއްޖެ!

2025 އޮކްޓޯބަރު 23
ޒައުޖަތު އަޙުމަދުޒައުޖަތު އަޙުމަދު

އެމްޑީޕީ ސަރުކާރުގެ ފަހު 3 އަހަރު، ފެނަކައަށް ތިން ހާސް އެއް ސަތޭކަ މުވައްޒަފުން ނެގިކަން ހާމަވެއްޖެއެވެ.

މިކަން ހާމަވެފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި އޮޑިޓް އޮފީހުގެ ޑިރެކްޓަރު ޖެނެރަލް ހަސަން ޒުހުރީ މިއަދު ދެއްކެވި ވާހަކަފުޅުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ގެންދަނީ ފެނަކައިގެ އޮޑިޓް ރިޕޯޓްތައް ދިރާސާ ކުރަމުންނެވެ.

ޒަރީރު ވިދާޅުވީ ފެނަކައަށް މިދިޔަ ތިން އަހަރު ނެގި މުވައްޒަފުންގެ 50 އިންސައްތައަކީ އިއުލާނުކުރުމަކައިނުލާ ނަގާފައިވާ މުވައްޒަފުން ކަމަށެވެ.

ޒުހުރީ ވިދާޅުވީ 2020 ގައި ފެނަކައިގައި ތިބީ 3،500 މުވައްޒަފުން ކަމަށާ ނަމަވެސް 2023 ގައި އެ އަދަދު ވަނީ 6،600 އަށް އިތުރުވެފައި ކަމަށެވެ. އަދި 2024 ވަނަ އަހަރު ފެނަކާގައި ދާއިމީ 5000 މުވައްޒަފުން ތިބި ކަމަށާއި އަދި އެކިއެކި މަސައްކަތް ކުރުމަށް ވަގުތީ ގޮތުން ނަގާފައި ތިބި 2900 މުވައްޒަފުން ތިބި ކަމަށެވެ. އެއީ، 2020 އާ އަޅައިބަލާއިރު ދާއިމީ މުވައްޒަފުންގެ އަދަދު 78 އިންސައްތަ އިތުރުވުމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ބައެއް ރަށްރަށުގައި އޮޕަރޭޝަން ފުޅާނުވާ މިންވަރަށް މުވައްޒަފުން ނަގާފައިވާކަން ފާހަގަކުރައްވާ، 2022 ވަނަ އަހަރާއި 2023 ވަނަ އަހަރު މުވައްޒަފުންގެ މުސާރައާއި އިނާޔަތްތަކަށް ފެނަކައިން ކުރާ ހޭދަ 38 އިންސައްތައާއި 39 އިންސައްތައާ ދެމެދުގެ އަދަދަކަށް އިތުރުވިކަން ޒުހުރީ ފާހަގަ ކުރެއްވިއެވެ.

އޮޑިޓް އޮފީހުން ބުނީ މުވައްޒަފުންގެ އަދަދު އިތުރުވިއިރު ގިނަ މުވައްޒަފުން ނަގާފައިވަނީ އިއުލާނު ވެސް ނުކޮށް ކަމަށާއި ބައެއް މުވައްޒަފުންނަށް ވަޒީފާ ދީފައިވަނީ އިންޓަވިއު ވެސް ނުކޮށް ކަމަށެވެ. އެގޮތުން، 2022، 2023 އަދި 2024 ވަނަ އަހަރު ވެއްދި މުވައްޒަފުންގެ 50 އިންސައްތަ މުވައްޒަފުން ވައްދާފައިވަނީ އިއުލާނު ނުކޮށް ކަމަށް ޒުހުރީ ވިދާޅުވިއެވެ.

އޮޑިޓް އޮފީހުން ބުނީ އެއް ވަރެއްގެ އޮޕަރޭޝަން ހިންގާ ރަށްރަށުގައި ތިބި މުވައްޒަފުންގެ އަދަދުގައި ބޮޑު ތަފާތުތަކެއް ހުރިކަމަށާއި އެގޮތުން ފެނާއި ނަރުދަމާއާއި ކަރަންޓު ވިއުގަ އެއްވަރެއްގައި ހުންނަ ރަށްތަކުގައި ގާތްގަނޑަކަށް 122 ކަނެކްޝަން ހުންނަ ރަށްރަށާއި 130 ކަނެކްޝަން ހުންނަ ރަށްތަކަށް ބަލާއިރު އެއް ރަށެއްގައި 30 އަށްވުރެ ގިނަ މުވައްޒަފުން، އަނެއް ބައި ރަށްރަށުގައި 15 ވަރަކަށް މުވައްޒަފުން ތިބި ކަމަށެވެ.

ފެނަކައިގެ 2021 އިން ފެށިގެން 2023 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުން ހާމަވާ ގޮތުގައި ކުރީގެ ރައީސް، އިބްރާހިމް މުޙައްމަދު ޞާލިޙްގެ ސަރުކާރުގައި ފެނަކައިން ހިންގިކަން ސާބިތުވާ ޚިޔާނާތް 2.2 ބިލިއަން ރުފިޔާއަށް ވުރެ މައްޗަށް އަރައެވެ. އެ ރިޕޯޓުގައިވާ ގޮތުން އެމްޑީޕީގެ ސަރުކާރުގައި މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް އެކި ފަރާތްތަކާއި އެކު 674 އެއްބަސްވުން ހަދާފައިވާއިރު، އޭގެ ތެރޭގައި ގިނައީ ބިޑަކާއި ނުލާ ހަވާލުކޮށްފައިވާ މަޝްރޫއުތަކެވެ.

މި ޚިޔާނާތްތަކާއި ގުޅިގެން އެމްޑީޕީ ސަރުކާރުގެ ފެނަކައިގެ އެމްޑީ މުޙައްމަދު ސަޢީދުގެ މައްޗަށް 4 އަހަރުގެ ޖަލު ޙުކުމެއް މިދިޔަމަހު އިއްވާފައިވާކަން ފާހަގަ ކުރެވެއެވެ.

ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް