logologologologo
STO
ޚަބަރު

މިދިޔަ އަހަރު އެމްޕީއެލްއަށް ލިބުނު ފައިދާ އިތުރުވެއްޖެ

މިދިޔަ އަހަރު އެމްޕީއެލްއަށް ލިބުނު ފައިދާ އިތުރުވެއްޖެ
ޒައުޖަތު އަޙުމަދު
ޒައުޖަތު އަޙުމަދު2026 ސެޕްޓެމްބަރު 07

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، އެމްޕީއެލްއަށް ސާފު ފައިދާގެ ގޮތުގައި މިދިޔަ އަހަރު ލިބުނު މިންވަރު އިތުރުވެއްޖެއެވެ.

އެ ކުންފުނީގެ 2025 ވަނަ އަހަރުގެ މާލީ އޮޑިޓް ރިޕޯޓުގައިވާ ގޮތުން މިިދިޔަ އަހަރު ކުންފުނީގެ އާމްދަނީ އާއި ސާފު ފައިދާ ވަނީ 2024 ވަނަ އަހަރާ އަޅާބަލާއިރު އިތުރުވެފައެވެ. މިދިޔަ އަހަރު އެމްޕީއެލްއަށް ސާފު ފައިދާގެ ގޮތުގައި 59.9 މިލިޔަން ރުފިޔާ ލިބިފައިވާއިރު، 2024 ވަނަ އަހަރު ސާފު ފައިދާގެ ގޮތުގައި ލިބުނީ 27.8 މިލިޔަން ރުފިޔާއެވެ.

2025 ވަނަ އަހަރު އެމްޕީއެލް ގްރޫޕަށް އާމްދަނީގެ ގޮތުގައި 949.9 މިލިޔަން ރުފިޔާ ލިބިފައިވެއެވެ. އަދި 2024 ވަނަ އަހަރު ލިބިފައިވަނީ 860.5 މިލިޔަން ރުފިޔާއެވެ.

އޮޑިޓް ރިޕޯޓަށް ބަލާއިރު، އެންމެ ބޮޑު އާމްދަނީ އެއް ލިބުނީ މުދާ ބޯޓަށް ބަރުކޮށްގެންނެނެވެ. އެ ދާއިރާއިން 314 މިލިޔަން ރުފިޔާ އެމްޕީއެލްއަށް ލިބުނެވެ. ދެން އެންމެ ގިނައިން އާމްދަނީ ލިބުނީ ބޯޓުން މުދާ ހުސްކުރުމާއި، ބޯޓުފަހަރު އައުމާއި ޕައިލެޓް ކުރުމުގެ ހިދުމަތުންނެވެ. ބޯޓުން މުދާ ހުސްކޮށްދިނުމުގެ ޚިދުމަތުން 276 މިލިޔަން ރުފިޔާ ލިބިފައިވެއެވެ.

މީގެއިތުރުން މުދާ ކްލިއާ ކުރުމުގެ ޚިދުމަތުން 86 މިލިޔަން ރުފިޔާ، ބޯޓުފަހަރާއި ސާމާނު ކުއްޔަށް ދޫކޮށްގެން 10 މިލިޔަން ރުފިޔާ، ހުސް ކޮންޓޭނަރާއި ބޯޓު ފުރުމުގެ ޚިދުމަތުން 75 މިލިޔަން ރުފިޔާ، ކަރަންޓާއި ފެން ވިއްކައިގެން ލިބުނު އާމްދަނީން 37 މިލިއަން ރުފިޔާ، އަދި މުދާ އުފުލުމުގެ ހިދުމަތުން 2.4 މިލިޔަން ރުފިޔާ ލިބިފައިވާ ކަމަށް އޮޑިޓު ރިޕޯޓުގައި ބުނެފައިވެއެވެ.

އެމްޕީއެލްގެ މާލީ އޮޑިޓުން އެނގޭ ގޮތުން އެ ކުންފުނިން ވަނީ މުވައްޒަފުންނަށް ކުރާ ހޭދަ ދަށްކޮށްފައެވެ. އެ ކުންފުނީގެ މުވައްޒަފުންނަށް ކުރާ ޚަރަދުތައް 675.7 މިލިޔަން ރުފިޔާއިން 645.8 މިލިޔަން ރުފިޔާއަށް ދަށްކޮށްފައިވާކަން ފާހަގަ ކުރެވެއެވެ.

MALDIVE GAS
ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް