އުލިގަމުގައި ޔޮޓް މެރީނާ ހަދަން އެމްޕީއެލްއާ ބިން ހަވާލުކޮށްފި

ހއ. އުލިގަމުގައި ޔޮޓް މެރީނާއެއް ހެދުމަށް ބޭނުންވާ ބިމުގެ އެއްބަސްވުމުގައި އެމްޕީއެލް އާއި އުލިގަމު ކައުންސިލުން އިއްޔެ ސޮއިކޮށްފި އެވެ.
މި އެއްބަސްވުމުގައި އެމްޕީއެލްގެ ފަރާތުން ސޮއިކުރެއްވީ، އެ ކުންފުނީގެ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ) ކެޕްޓަން ހުސެއިން ޝަފީގެވެ. އަދި އުލިގަމު ކައުންސިލުގެ ފަރާތުން ސޮއިކުރެއްވީ، ކައުންސިލުގެ ރައީސް އަސަދުﷲ މުހައްމަދެވެ.
އެމްޕީއެލް އިން މީގެ ކުރިން ވިދާޅުވި ގޮތުގައި މި މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ ދަށުން 18 ޔޮޓު އެއް ފަހަރާ ބަނދަރު ކުރެވޭނެ މެރީނާއެއް ތަރައްގީ ކުރެވޭނެއެވެ. މި މެރީނާ އިން ޔޮޓް ފަހަރަށް ބޭނުންވާ މައިގަނޑު ހިދުމަތްތައް ލިބިގެންދާއިރު، އިމިގްރޭޝަނާއި ކަސްޓަމްސްގެ ހިދުމަތް ވެސް މެރީނާއިން ފޯރުކޮށްދޭނެ ކަމަށް އެމްޕީއެލުން ވިދާޅުވިއެވެ.
އެ ރަސްމިއްޔާތަށް ފަހު، ޕީއެސްއެމަށް ދެއްވި އިންޓަވިއުއެއްގައި ސީއީއޯ ޝަފީގު ވިދާޅުވީ ޔޮޓު މެރީނާ ތަރައްގީ ކުރުމުގެ އަމަލީ މަސައްކަތް މި މަހު ފަށާނެ ކަމަށެވެ.
"މިހެދޭ ޔޮޓް މެރީނާގައި ހިމެނެނީ ގާތްގަނޑަކަށް 18 ޔޮޓުގެ ޔޮޓް މެރީނާއެއް. ވަރަށް ސްމޯލް ސްކޭލެއް. މިކަން ނިންމުމަށް ފަހު މި މަޝްރޫއު އިތުރަށް ފުޅާވެގެންދާނެ. މިތަން ދުނިޔޭގެ ފެންވަރުގެ ތަނަކަށް ވެގެން ދިއުމަކީ އަޅުގަނޑުމެންގެ ވަރަށް ބޮޑު އުންމީދެއް،" އެމްޕީއެލްގެ ސީއީއޯ ވިދާޅުވި އެވެ.
އުލިގަމު ކައުންސިލްގެ ރައީސް އަސަދުﷲ ވިދާޅުވީ، އެ ރަށުގައި ޔޮޓް މެރީނާއެއް ހެދުމަކީ ރައްޔިތުން ދެކެމުން އަައި ހުވަފެނެއް ކަމަށެވެ. އޭގެ ސަބަބުން ރަށުގެ އިގްތިސާދަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އިކޮނޮމިކް މިިނިސްޓަރު މުހައްމަދު ސައީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެ ޔޮޓް މެރީނާގެ ސަބަބުން އުލިގަމާއި އުތުރު، ޔޮޓްތަކަށް ހާއްސަ ސަރަހައްދަކަށް ވެގެންދާނެ ކަމަށެވެ.
ރާއްޖޭގެ އެންމެ އުތުރުގައި އޮންނަ އުލިގަމަކީ ބައިނަލްއަގުވާމީ ކަނޑުދަތުރުފަތުރުގެ މުހިންމު މަގަކަށް ވާއިރު ގިނަ އަދަދެއްގެ ޔޮޓްތައް މިހާރު ވެސް އުލިގަމު ފަޅުގައި ބަނދަރުކުރެ އެވެ.
އަހަރަކު 100-150 ޔޮޓު އުލިގަމުގައި ބަނދަރު ކުރާއިރު، އެ ޔޮޓުތަކަށް އެކަށީގެންވާ ގޮތެއްގައި ހިދުމަތް ފޯރުކޮށްނުދެވޭ ކަމުގެ ކަންބޮޑުވުން އޮވެ އެވެ.
އުލިގަމަށް ޚާއްސަ އިގްތިސާދީ މަސައްކަތެއްގެ ގޮތުގައި، ޔޮޓް މެރީނާއެއް ތަރައްގީކޮށް މި ޚިދުމަތް ފުޅާކޮށް، އިގްތިސާދީ ނަފާ ހޯދުމަކީ މި ސަރުކާރުގެ އަމާޒެކެވެ.
އެމްޕީއެލްއިން ވަނީ އުލިގަމުގައި ޔޮޓް މެރީނާއެއް ތަރައްގީ ކުރަން ސަސް އީ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއާ ހަވާލުކޮށްފައެވެ.
އިތުރަށް





.gif.gif&w=828&q=100)