logologologologo
STO
ޚަބަރު

އުލިގަމުގައި ޔޮޓް މެރީނާއެއް ތަރައްޤީކޮށް ހިންގާނެ ފަރާތެއް ހޯދުމަށް އިއުލާނުކޮށްފި

އުލިގަމުގައި ޔޮޓް މެރީނާއެއް ތަރައްޤީކޮށް ހިންގާނެ ފަރާތެއް ހޯދުމަށް އިއުލާނުކޮށްފި
މުހައްމަދު ރިފާއު
މުހައްމަދު ރިފާއު2026 ސެޕްޓެމްބަރު 09

ރާއްޖޭގެ އެންމެ އުތުރުން، ބައިނަލްއަޤުވާމީ ކަނޑުދަތުރުފަތުރުގެ މަގުތަކާ ކައިރީގައި އޮންނަ ހއ. އުލިގަމުގައި މަތީ ފެންވަރުގެ ޔޮޓް މެރީނާއެއް ތަރައްޤީކޮށް، އެ ތަން އޮޕަރޭޓްކުރާނެ ފަރާތެއް ހޯދުމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ވަނީ އިއުލާނުކޮށްފައެވެ.

މި މަޝްރޫޢަކީ 'ބިލްޑް އެންޑް އޮޕަރޭޓް' އުސޫލުން ދިގު މުއްދަތަކަށް ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވާ މަޝްރޫޢެކެވެ. މިއަށް ޝައުގުވެރިވާ ދިވެހި އަދި ބޭރުގެ ކުންފުނިތަކުގެ އިތުރުން ޖޮއިންޓް ވެންޗާތަކަށް ޝައުގުވެރިކަން ފާޅުކުރުމުގެ (އީއޯއައި) ފުރުސަތު މި މަހުގެ 21 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ.

އުލިގަމަކީ ރާއްޖެއިން ބޭރުން އަންނަ ޔޮޓުފަހަރު އާންމުކޮށް ބަނދަރުކުރާ މައި މަންޒިލަކަށް ވާތީ، މި މަޝްރޫޢުގެ މައިގަނޑު އަމާޒަކީ އެ ރަށަށް ޚާއްސަ އިޤްތިޞާދީ ހަރަކާތްތަކެއް ތައާރަފުކޮށް، އެދެވޭ މާލީ ނަފާއެއް ދައުލަތަށާއި ރައްޔިތުންނަށް ހޯދައިދިނުމެވެ. މި މަޝްރޫޢުގެ އަސާސީ އިންފްރާސްޓްރަކްޗާގެ މަސައްކަތްތައް ކަމަށްވާ ފަޅު ކޮނުމާއި، ތޮށިލުމާއި، ޖެޓީ އަދި ފްލޯޓިން ޕޮންޓޫން ސިސްޓަމް ގާއިމްކުރުމުގެ އަމަލީ މަސައްކަތް "ސަސް އީ ކޮންސްޓްރަކްޝަން" އާ ހަވާލުކޮށްގެން މިހާރުވެސް ދަނީ ކުރިއަށެވެ. އަދި މެރީނާ ހަދާނެ ބިން ވެސް މިހާރު ވަނީ އެމްޕީއެލްއާ ހަވާލުކޮށްފައެވެ.

ފުރަތަމަ ފިޔަވަހީގެ ދަށުން އެއްފަހަރާ 18 ޔޮޓަށް ބަނދަރުކުރެވޭ ގޮތަށް ފަރުމާކުރާ މި މެރީނާގައި ކަސްޓަމްސް އާއި އިމިގްރޭޝަންގެ ޚިދުމަތްތައް ވެސް އެކުލެވިގެންވާނެއެވެ. މެރީނާ ހިންގަން ހަވާލުވާ ފަރާތުން ޔޮޓްތަކަށް ބޭނުންވާ ތެލާއި، ފެނާއި، ކަރަންޓުގެ އިތުރުން ކުނި މެނޭޖްކުރުމާއި މަރާމާތުގެ ޚިދުމަތްތައް ފޯރުކޮށްދޭންޖެހޭނެއެވެ. މީގެއިތުރުން، ސައިޓްގައި މެރީނާ ހޮޓާ ނުވަތަ ރިސޯޓް، ކެފޭ/ރެސްޓޯރަންޓް، ފިހާރަތައް، ކްރޫ ފެސިލިޓީތައް، ވޯޓާ ސްޕޯޓްސް އަދި ވެލްނެސް ސެންޓަރުތައް ޤާއިމުކުރުމަކީ ވެސް އޮޕަރޭޓަރުގެ ޒިންމާއެކެވެ.

މި މަޝްރޫޢުގެ ދަށުން އުލިގަން ބައިނަލްއަޤުވާމީ ޔޮޓް ރޫޓްތަކުގައި އިޝްތިހާރުކޮށް، ގްލޯބަލް ބްރޭންޑިންގ އަދި ޗާޓަރު ޕާޓްނަރުން ހޯދުމުގެ މަސައްކަތް ވެސް ކުރަންޖެހޭނީ މެރީނާ ހިންގާ ފަރާތުންނެވެ. އިޤްތިޞާދީ މާހިރުން ދެކޭގޮތުގައި، މި ފެސިލިޓީ ތަރައްޤީވެގެން ދިއުމަކީ ރާއްޖޭގެ މެރިޓައިމް ދާއިރާއަށާއި މަތީ ފެންވަރުގެ ޓޫރިޒަމް ފުޅާކުރުމަށް ލިބިގެންދާނެ ވަރަށް ބޮޑު ކުރިއެރުމެކެވެ.

MALDIVE GAS
ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް