
އެއްބަސްވުން އޮތީ ކަރުދާހުގައި، އިސްރާއީލުން ޣައްޒާއަށް ބޮންއަޅައިފި
ޒައުޖަތު އަޙުމަދުހަމަލާތައް ހުއްޓާލުމަށް ވެފައިވާ އެއްބަސްވުމާއި ޚިލާފުވެ އިސްރާއީލުން ޣައްޒާއަށް ބޮންއަޅައިފިއެވެ.
ފަލަސްޠީނުގެ މަސްދަރުތަކުން ބުނާ ގޮތުގައި އިސްރާއީލުގެ ބޮމުގެ ހަމަލާގައި މިއަދު ވަނީ 6 މީހުން ޣައްޒާއިން ޝަހީދުވެފައެވެ.
ޣައްޒާގެ ދެކުނުގައި އޮންނަ އަލްޒަވައިދާ ސަރަހައްދަށް ދިން މި ބޮމުގެ ހަމަލާގައި ކުޑަކުދިން ހިމެނޭހެން 6 މީހަކު ޝަހީދުވެފައިވާއިރު، މި ހަމަލާގައި 17 މީހަކު ވަނީ ޒަހަމްވެފައެވެ.
2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން އިސްރާއީލުން ހިންގި ޤަތުލުއާންމުގައި 68،000އަށްވުރެ ގިނަ މީހުން ޣައްޒާއިން ވަނީ ޝަހީދުވެފައެވެ. މީގެތެރޭގައި 20،000އަށްވުރެ ގިނަ ކުޑަކުދިން ހިމެނެއެވެ. މި ހަމަލާތަކުގައި ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުގައި ތާށިވެ މަރުވެފައިވާ މީހުންގެ އަދަދު ވެސް 10،000 ން މަތިވާނެ ކަމަށް ޣައްޒާގެ މީޑިއާ އޮފީހުން ވަނީ ބުނެފައެވެ. އަދި ޒަހަމްވެފައިވާ މީހުންގެ އަދަދު ދޮޅުލައްކައާއި ގާތް ކުރާ ކަމަށް ވެސް މީޑިއާ ރިޕޯޓުތައް ބުނެއެވެ.
ހަމަލާތައް އަލުން ފަށާފައިވާއިރު، ޞުލްޙައިގެ އެއްބަސްވުމަށް ޢަމަލުކުރަންފަށައި ދެފަރާތުން ރަހީނުން ބަދަލުކުރުން ވެސް ކުރިއަށް ގެންގޮސްފައިވާ ކަން ފާހަގަ ކުރެވެއެވެ.
މީގެއިތުރުން ޣައްޒާއަށް ވައްދަންޖެހޭ އެހީގެ ޓްރަކްތައްވެސް ވެއްދުމަށް އިސްރާއީލުން ދަނީ ހުރަސްއަޅަމުން ކަމަށާއި މިހާރު ވެސް 6000 އަށްވުރެ ގިނަ ޓްރަކް ޣައްޒާއަށް ވަންނަން ހުއްދަ ނުލިބި ކިއުގައި އޮތް ކަމަށް ފަލަސްޠީނުގެ ރެފިއުޖީންނާބެހޭ އދ. ގެ އެޖެންސީ އަންރުވާއިން މިއަދު ބުނެފައިވެއެވެ.
އެމެރިކާގެ އެހީގައި އިސްރާއީލުން ޣައްޒާގައި ހިންގަމުން އައި ޤަތުލުއާންމަށް 2 އަހަރު ފުރުނުފަހުން ހަމަލާތައް ހުއްޓާލުމަށް މިސްރުގައި ކުރިއަށް ގެންދިޔަ ޞުލަޙައިގެ ވާހަކަތަކުގައި އެއްބަސްވެ، ހަނގުރާމަ ނިމުނުކަން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕުް އިޢުލާނުކުރީ މި މަހުގެ 14 ވަނަ ދުވަހު މިޞްރުގެ ޝަރަމުލް ޝައިޚްގައި ބޭއްވުނު ޣައްޒާ ޕީސް ސަމިޓްގައެވެ.
އެއްބަސްވުމަށް ޢަމަލުކުރަން ފެށިފަހުން، އިސްރާއީލުން 47 ފަހަރު އެއްބަސްވުމާއި ޚިލާފުވެ ޣައްޒާގެ ރައްޔިތުންނަށް ހަމާލާދީ 38 މީހުން ޝަހީދުކޮށް 143 މީހުން ޒަހަމްކޮށްފައިވާ ކަމަށް ޣައްޒާގެ މީޑިއާ އޮފީހުން ވަނީ ބުނެފައެވެ.
ADVERTISE SLOT
Promote Your Brand Where It Matters Most
އިތުރަށް
އެއްބަސްވުމާ ޚިލާފުވެ، އިސްރާއީލުން ޣައްޒާ އަށް ދޭ ހަމަލާތައް ރާއްޖެއިން ކުށްވެރިކޮށްފި2025 ނޮވެމްބަރު 21
ބޯކޮށް ވާރޭވެހި ޣައްޒާގެ ރައްޔިތުން ދިރިއުޅޭ ޓެންޓުތަކުގައި ފެންބޮޑުވެއްޖެ2025 ނޮވެމްބަރު 14
ޣައްޒާއަށް އެހީ ވެއްދުމަށް ދުނިޔޭގެ ކޯޓުން ކުރި ޙުކުމާ ވެސް އެމެރިކާއިން ދެކޮޅުހަދައިފި2025 އޮކްޓޯބަރު 23
އެއްބަސްވުމާއި ޚިލާފުވެ އިސްރާއީލުން ޣައްޒާއަށް ހަމަލާ ދީ 5 މީހުން ޝަހީދުކޮށްފި!2025 އޮކްޓޯބަރު 14