logo
logo
ފުޑް ސެކިއުރިޓީ- އެސްޓީއޯއިން އަސާސީ ކާބޯތަކެތީގެ 23 ބާވަތް ވިއްކަން ފަށައިފި

ފުޑް ސެކިއުރިޓީ- އެސްޓީއޯއިން އަސާސީ ކާބޯތަކެތީގެ 23 ބާވަތް ވިއްކަން ފަށައިފި

2025 އޮކްޓޯބަރު 16
ޒައުޖަތު އަޙުމަދުޒައުޖަތު އަޙުމަދު

މޭވާއާއި ތަރުކާރީ ހިމެނޭ އަސާސީ ކާބޯތަކެތީގެ 23 ބާވަތެއް ރާއްޖެ އެތެރެކޮށް، އެސްޓީއޯއިން ވިއްކަން ފަށައިފިއެވެ.

ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުގެދަށުން ޖުމުލަ 23 ބާވަތެއް އެތެރެކުރަން ނިންމައި، އެ މަސައްކަތް އެސްޓީއޯއާ ހަވާލުކުރީ މިދިޔަ ސެޕްޓެންބަރު 10 ގައެވެ. އޭގެ ފަހުން، އިއްޔެ އެސްޓީއޯއިން ވަނީ އެ ތަކެތި ބާޒާރަށް ނެރެ، ވިއްކަން ފަށާފައެވެ.

ސަރުކާރުން އެސްޓީއޯ މެދުވެރިކޮށް ކާބޯތަކެތީގެ 23 ބާވަތެއް އެތެރެކުރަން ނިންމީ ރާއްޖޭގެ ބާޒާރުގައި މޭވާއާއި ތަރުކާރީގެ އަގު އުފުލެމުން އަންނަނިކޮށް ކަން ފާހަގަ ކުރެވެއެވެ.

އެސްޓީއޯއިން ވިއްކަންފެށި ބާވަތްތަކުގެ ތެރޭގައި، ފިޔާ، އިނގުރު، ކެރެޓު، ބަށި، ކައްޓަލަ، އަލުވި، ކެބެޖު، ބަރަބޯ، ބޯވެލި އަދި ލޮނުމެދު، ދޮންކެޔޮ، އާފަލު، އޮރެންޖު، ލުނބޯ، ޖުމްހޫރީ މޭވާ، އަނބު، ފަޅޯ، ކަރާ، މިރުސް އަދި މޭބިސްކަދުރު ހިމެނެއެވެ.

އެ ބާވަތްތަކުގެ އިތުރަށް އެސްޓީއޯއިން ވަނީ، މުގާއި ކުކުޅު ބިހާއި ކާށީގެ އިތުރަށް ރީނދޫ ވިއްކަން ފަށާފައެވެ.

އެސްޓީއޯއިން ބުނީ، އެ ބާވަތްތަކުގެ އަގު ކަނޑައަޅާފައިވާނީ ބާޒާރުގެ އަގުތަކަށް ރިއާޔަތް ކޮށްފައި ކަމަށެވެ. އެ އަގުތަކަށް އަންނަ ބަދަލުތަކާ އެކު، އެސްޓީއޯއިން ވިއްކާ އަގުތަކަށް ވެސް ބަދަލު ގެންނާނެ ކަމަށާއި އެ ތަކެތީގެ އަގުތައް "އަގު މަގު" ޕޯޓަލް މެދުވެރިކޮށް ބެލޭނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

 

 

އެސްޓީއޯއިން ބުނީ ބާޒާރުގައި އަސާސީ ކާބޯތަކެތީގެ ޑިމާންޑު އޮންނަ ވަރަށް ތަކެތި ފަސޭހައިން ލިބޭނެ މަގުފަހިކޮށް، ވިޔަފާރިވެރިންނަށް ލުއިފަސޭހަކުރުމުގެ ގޮތުން އެސްޓީއޯއަށް އިތުރަށް ކުރެވޭނެ ކަންކަމާ މެދު މަޝްވަރާކުރާ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

އެކުންފުނިން ބުނީ އަމާޒަކީ ސިއްޙަތަށް ފައިދާ ހުރި ކާބޯތަކެތި އެކަށޭނަ އަގެއްގައި އަބަދު ވެސް ރައްޔިތުންނަށް ލިބެން ހުރުން ކަމަށެވެ.

ސަރުކާރުން އެސްޓީއޯ މެދުވެރިކޮށް މި ބާވަތްތައް އެތެރކުރަން ނިންމީ ރާއްޖޭގެ ބާޒާރުގައި އޮރެންޖާއި އާފަލުގެ އަގު ވަރަށް ބޮޑަށް އުފުލިފައިވަނިކޮށް ކަން ފާހަގަ ކުރެވެއެވެ.

ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް