logo
logo
އެއްބަސްވުމާއި ޚިލާފުވެ އިސްރާއީލުން ޣައްޒާއަށް ހަމަލާ ދީ 5 މީހުން ޝަހީދުކޮށްފި!

އެއްބަސްވުމާއި ޚިލާފުވެ އިސްރާއީލުން ޣައްޒާއަށް ހަމަލާ ދީ 5 މީހުން ޝަހީދުކޮށްފި!

2025 އޮކްޓޯބަރު 14
ޒައުޖަތު އަޙުމަދުޒައުޖަތު އަޙުމަދު

ޤަތުލުއާންމު ހުއްޓާލުމަށް ވެފައިވާ އެއްބަސްވުމާއި ޚިލާފުވެ އިސްރާއީލުން މިއަދު ޣައްޒާއަށް ޑްރޯން ހަމަލާތަކެއް ދީ 5 މީހުން ޝަހީދުކޮށްފިއެވެ.

މީޑިއާ ރިޕޯޓުތައް ބުނާ ގޮތުގައި ޑްރޯން ހަމަލާތައް ދީފައި ވަނީ ޣައްޒާ ސިޓީގެ ހުޅަނގުގައި އޮންނަ އަލްޝުޖައްޔިއާ އަވަށުގެ އާންމުންތަކަކަށެވެ. މި އަވަށަށް ދިން ހަމަލާގައި 5 މީހުން ވަނީ ޝަހީދުވެފައެވެ.

މީގެއިތުރުން ޣައްޒާގެ އިރުމަތީގައި އޮންނަ ޚާން ޔޫނިސްގެ ފަޚްރީ އަވަށަށް ދިން ޑްރޯން ހަމަލާއެއްގައި އެކަކު ވަނީ ޝަހީދުވެފައެވެ.

އިސްރާއީލުގެ ސިފައިން މިއަދު ވަނީ ޣައްޒާ ސިޓީގެ އުތުރަށް ބޮމުގެ ހަމަލާއެއް ވެސް ދީފައެވެ. މި ހަމަލާގައި ގިނަ ބަޔަކު ޒަހަމްވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

މި ހަމަލާތަކާއި ގުޅިގެން ހަމާސްގެ ތަރުޖަމާނު ނެރުއްވި ބަޔާނެއްގައި ބުނީ އިސްރާއީލުން ސުލްޙައިގެ އެއްބަސްވުމާއި ޚިލާފުވެ ޣައްޒާއަށް މިއަދު ހެނދުނު ހަމަލާދީ އެތައްބަޔަކު ޝަހީދުކޮށްފައިވާ ކަމަށެވެ. އޭނާ ވަނީ ހަނގުރާމަ ހުއްޓާލުމަށް އިސްރާއީލުން ވެފައިވާ އެއްބަސްވުންތަކާއި އެއްގޮތަށް ޢަމަލުކުރޭތޯ ބެލުމަށާއި އިސްރާއީލު ޒިންމާދާރު ކުރުވުމަށް ސުލަޙައިގެ ވާހަކަތަކުގައި ބައިވެރިވި ޤައުމުތަކަށް ގޮވާލައްވައިފައެވެ.

އިސްރާއީލު ސިފައިން މިއަދު ޣައްޒާއަށް ބޮންއަޅާފައި މިވަނީ ފާއިތުވި 2 އަހަރުވަންދެން ފަލަސްޠީނުގައި އިސްރާއީލުން ހިންގަމުން އައި ޤަތުލުއާންމު ހުއްޓާލުމަށް އެއްބަސްވެ އަދި "ހަނގުރާމަ" ނިމިފައިވާ ކަމަށް މި ޤަތުލުއާންމުގެ ބައިވެރިޔާ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިއްޔެ އިސްރާއީލުގެ ޤާނޫނު ހަދާ މަޖިލީހުގައި އިޢުލާނުކޮށްފައި ވަނިކޮށްކަން ފާހަގަ ކުރެވެއެވެ.

ހަމަލާތައް ހުއްޓާލުމަށް އެއްބަސްވެ ޣައްޒާގައި ތިބި އިސްރާއީލުގެ ސިފައިން ވެސް ވަނީ ފާބައިފައެވެ. އަދި ހަމާސްއިން 2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހު ރަހީނުކުރި އިސްރާއީލުގެ ރައްޔިތުންގެ ތެރެއިން ބާކީ ތިބި 20 ރަހީނުން މިނިވަންކޮށް، މަރުވި 2 ރަހީނުންގެ ހަށިގަނޑު ވެސް ވަނީ އިސްރާއީލާ އިއްޔެ ހަވާލުކޮށްފައެވެ.

އިސްރާއީލުން ފަލަސްޠީނުގެ ބިމަށް ވެރިވެގަނެ، ފާއިތުވި 78 އަހަރު ފަލަސްޠީނު ރައްޔިތުންނަށް ދެމުންގެންދާ އަނިޔާތަކާއި ދެކޮޅަށް މަސައްކަތް ކުރާ ހަމާސް ޖަމާޢަތް ނައްތާލަންކަމަށްބުނެ ޔަހޫދީން ހިންގަންފެށި ޤަތުލުއާންމުގައި 67،000 އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްފައެވެ.

 

 

ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް