
ފުލެޓް ކުއްޔަށް ދީފައިވާނަމަ ފިޔަވަޅު އަޅާނެކަމަށް އެޗްޑީސީން ވެސް ބުނެފި
ޒައުޖަތު އަޙުމަދުއިޖުތިމާޢީ ބޯހިޔާވަހި ކަމަށް ދޫކޮށްފައިވާ ފުލެޓް ކުއްޔަށް ދީފައިވާނަމަ ފިޔަވަޅުއަޅާނެ ކަމަށް ހައުސިން ޑިވޮލޮޕްމަންޓް ކޯޕަރޭޝަން، އެޗްޑީސީން ވެސް ބުނެފިއެވެ.
އެ ކުންފުނި މިއަދު ކުރި އިޢުލާނެއްގައި ބުނީ ސޯޝަލް ހައުސިން ސްކީމަކީ ބޯހިޔާވަހިކަމުގެ ތަނަވަސްކަން ނެތް ފަރާތްތަކަށް، އަތްފޯރާ އަގުގައި ބޯހިޔާވަހިކަން ފޯރުކޮށް ދިނުމަށް ސަރުކާރުން ކުރިއަށް ގެންދާ ޕްރޮގްރާމަކަށް ވާތީ، އެ ފުލެޓް އެހެން ފަރާތަކަށް ކުއްޔަށް ދިނުމަކީ އެޗްޑީސީއާއި ފުލެޓް ލިބުނު ފަރާތާ ދެމެދު ވެފައިވާ އެއްބަސްވުމާއި ޚިލާފު ކަމެއް ކަމަށެވެ.
އެހެންކަމުން ސޯޝަލް ހައުސިން ޔުނިޓްތައް އެހެން ފަރާތަކަށް ކުއްޔަށް ދީފައިވޭތޯ އެކުންފުނިން ބަލާނެ ކަމަށާއި އެއްބަސްވުމާއި ޚިލާފަށް އެހެން ފަރާތަކަށް ފުލެޓް ކުއްޔަށް ދީފައިވާނަމަ، އެފަރާތަކާއިމެދު އެއްބަސްވުމުގައި ކަނޑައަޅާފައިވާ ފިޔަވަޅު އަޅާނެ ކަމަށް އެ ކުންފުނިން ކުރި އިޢުލާނުގައި ބުނެފައިވެއެވެ.
އެޗްޑީސީން މިފަދައިން ބުނެފައިވާއިރު، އިޖުތިމާޢީ ބޯހިޔާވަހި ކަމަށް ދޫކުރާ ފުލެޓްތައް، އެއްބަސްވުންތަކާ ޚިލާފަށް ކުއްޔަށް ދީފައިވާ ތަންތަނާއި، އެތަންތަން ދެވިފައިވާ ފަރާތްނޫން އެހެން ފަރާތެއް ދިރިއުޅޭ ތަންތަނުގެ އެއްބަސްވުންތައް ބާޠިލްކޮށް އެތަންތަން ދައުލަތަށް ނެގުމަށް ކުރަންޖެހޭ މަސައްކަތްކުރުމަށް ސަރުކާރުން ނިންމާފައިވާ ކަމަށް ގެދޮރުވެރިކަމާބެހޭ ވަޒީރު އިއްޔެ ވަނީ ވިދާޅުވެފައެވެ.
މީގެއިތުރުން، އިޖުތިމާޢީ ބޯހިޔާވަހިކަން ފޯރުކޮށްދޭ ދައުލަތުގެ ކުންފުނި ފަހި ދިރިއުޅުން ކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލު ވެސް އިއްޔެ ވަނީ ފުލެޓް ކުއްޔަށް ދޭ މައްސަލާގައި ފިޔަވަޅު އަޅުއްވާނެ ކަމަށް ވިދާޅުވެފައެވެ. އެގޮތުން ހަމްދާން ވިދާޅުވީ އެ ކުންފުނި ދޫކޮށްފައިވާ ފުލެޓް ކުއްޔަށް ދޭނަމަ އެއްބަސްވުން ބާޠިލުކޮށް ފުލެޓް އަތުލެވޭނެ ކަމަށެވެ.
އިޖުތިމާޢީ ބޯހިޔާވަހިކަމަށް ސަރުކާރުން ދޫކުރާ ފުލެޓްތައް ބޮޑުއަގުގައި ކުއްޔަށް ދޭ މައްސަލަ އަބަދުވެސް އޮވެއެވެ. މި ދަނޑިވަޅުގައި އާންމުންގެ ކަންބޮޑުވުން އިތުރުވެފައި މިވަނީ ފަހި ދިރިއުޅުން ކޯޕަރޭޝަނުން މިހާރު ދޫކުރަމުން އަންނަ ފުލެޓްތަކުގެ ތެރެއިން ބައެއް ފުލެޓް ބޮޑުއަގުގައި ކުއްޔަށް ދިނުމަށް، ސޯޝަލްމީޑިއާގައި ކޮށްފައިވާ އިޝްތިހާރަކާއި ގުޅިގެން ކަން ފާހަގަ ކުރެވެއެވެ.
ADVERTISE SLOT
Promote Your Brand Where It Matters Most
އިތުރަށް
ހިޔާގެ 4 ޓަވަރެއްގައި އިތުރު ލިފްޓު ހަރުކޮށް ބޭނުން ކުރަން ފަށައިފި2025 ނޮވެމްބަރު 07
ސަރުކާރުން ދޫކުރާ ފުލެޓްތައް ކުއްޔަށް ދޭ މައްސަލަ ބޮޑުވެ ފިޔަވަޅުއަޅަން ނިންމައިފި2025 އޮކްޓޯބަރު 11
ރައީސް ވަޢުދުވި މީޑިއާ ވިލެޖްގެ މަސައްކަތް އެއް އަހަރުތެރޭ ނިންމަން ބަޔަކާ ހަވާލުކޮށްފި!2025 އޯގަސްޓު 21
އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމަށް ބްރިގޭޑިޔަރ ޖެނެރަލް ރިޓަޔާޑް ޢަލީ ޒުހައިރު ޢައްޔަނު ކުރައްވައިފި!2025 ޖުލައި 30