logo
logo
އާޓިފިޝަލް އިންޓެލިޖެންސް ދާއިރާއިން މުދައްރިސުން ތަމްރީނުކުރަނީ

އާޓިފިޝަލް އިންޓެލިޖެންސް ދާއިރާއިން މުދައްރިސުން ތަމްރީނުކުރަނީ

2025 އޮކްޓޯބަރު 11
ޒައުޖަތު އަޙުމަދުޒައުޖަތު އަޙުމަދު

އާޓިފިޝަލް އިންޓެލިޖެންސް، ނުވަތަ އޭއައި ދާއިރާއިން މުދައްރިސުން ތަމްރީނުކުރުމަށް އަންނަ އަހަރު ބޮޑު ކެމްޕެއިނެއް ފަށްޓަވާނެކަމަށް ތައުލީމީ ވަޒީރު ޑރ. އިސްމާޢީލް ޝަފީއު ވިދާޅުވިއެވެ.

ވަޒީރު މިހެން ވިދާޅުވީ މިއަދު ފެށި، ޕްރިންސިޕަލުންގެ ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ވަޒީރު ވިދާޅުވީ މުދައްރިސުންގެ ދުޅަހެޔޮކަމާއި މުދައްރިސުންގެ ތައުލީމީ ފެންވަރު މަތިކުރުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރެވެމުންދާކަމަށާ މުދައްރިސުންނަށް ތަފާތު އެކި ތަމްރީނުތައް ދިނުމާއި މަސައްކަތްތައް ލުއިފަސޭހަކުރުމަށްވެސް ގިނަ މަސައްކަތްތަކެއް ކޮށްފައިވާކަމަށެވެ. އަދި ކުރިއަށް ވެސް ގިނަ މަސައްކަތެއް ރޭވިފައިވާކަމަށް ވިދާޅުވެ އެމަނިކުފާނު ވިދާޅުވީ އަންނަ އަހަރު އާޓިފިޝަލް އިންޓެލިޖެންސް ދާއިރާއިން މުދައްރިސުން ތަމްރީނުކުރުމަށް ބޮޑު ކެމްޕޭނެއް ފަށްޓަވާނެކަމަށެވެ.

ވަޒީރު ވިދާޅުވީ އެ ޕްރޮގްރާމުގެ ދަށުން އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން އެކި މާއްދާތައް ކިޔެވުމަށް ބޭނުންވާ އުކުޅުތަކާއި ފަންނީ ޤާބިލުކަން މަތިކުރުމަށް ދޭންޖެހޭ ތަމްރީންތައް ލިބޭނެކަމަށެވެ.

ވަޒީރު ވިދާޅުވީ އުނގެނުމުގެ މަތީގައި ދެމިތިބޭ ޤައުމަކަށް ވެވޭނީ ވިސްނާ ފިކުރުކުރާ ޒުވާނުންތަކެއް ބިނާކުރެވިގެންކަމަށާ އެހެންނޫނީ މަދަރުސާ ނިންމާފައި ނުކުންނަށް ޒުވާނުން މާ އުފެންދުންތެރި އޮއްޓަރު ހުރި ކަމެއްގައި ނޫޅެވިދާނެ ކަމަށެވެ. އަދި ދިރިއުޅުމާއި ދޭތެރޭ ވިސްނާ ދުނިޔޭގައި ހިނގާ ކަންކަމާމެދު ވިސްނާ އުފެންދުންތެރި ކުދިންތަކެއް ބިނާ ކުރެވޭނީ ފަންނީ ގޮތުން މުދައްރިސުންގެ ޤާބިލްކަން އިތުރުކުރެވޭ މިންވަރަކުން ކަމަށާ މިކަންކުރެވޭނީ ކަރިކިއުލަމަށް ބަދަލު ގެނެސްގެންކަން ފާހަގަކުރައްވައި ވަޒީރު ވިދާޅުވީ ކަރިކިއުލަމަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތް ކުރަމުން އަންނަކަމަށެވެ. އެގޮތުން އޭގެ މެޕިންގެ މަސައްކަތް މިހާރު ނިމިފައިވާކަމަށާއި ކޮންޓެންޓު ރިވިޝަންގެ ބޮޑު މަސައްކަތްތަކެއް އަންނަ އަހަރު ކުރިއަށް ގެންދަވާނެކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ މަދަރުސާތަކުގައި ތައުލީމު ފޯރުކޮށްދެނީ އިސްލާމްދީން ދެކެ ލޯބިވާ ޤައުމުދެކެ ލޯބިވާ ދަރިވަރުންތަކެއް ބިނާކުރުމަށްކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެންމެ މުހިންމު އިސްކަމެއްދެއްވާ އެއްކަމަކީ ސިކުނޑިތައް ތަރައްޤީކޮށް ވިސްނާ ޤައުމުދެކެ ލޯބިވާ ރައްޔިތެއް އުފެއްދުންކަން ތަކުރާރުކުރައްވަމުން، ތައުލީމީ ނިޒާމުގެ ތެރެއިންވެސް ދިރިއުޅުމަށް ތައްޔާރުވާ ކުއްޖަކު ތައްޔާރުކުރުމުގައި ބޮޑަށް ވިސްނަންވީ ފިކުރުކުރާ ބިނާކުރަނިވި ކުއްޖަކު އުފެއްދުމަށްކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

ޕްރިންސިޕަލުންގެ މަހާސިންތާ ކުރިއަށްދާނީ ދެދުވަހުގެ މުއްދަތަށް ކޮރްސްރޯޑްސް މޯލްޑިވްސްގައެވެ. މި މަހާސިންތާގައި ރާއްޖޭގެ ހުރިހާ ސުކޫލަކުން 210 ޕްރިންސިޕަލުން ވަނީ ބައިވެރިވެފައެވެ.

ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް