ފުރަތަމަ ފަހަރަށް އޭއައި މޮޑެލްއެއް ސޭންޑްބޮކްސްއިން ފިލާ، ކުންފުންޏެއްގެ ސާވަރއަށް ހަމަލާދީފި

އޯޕަންއޭއައި އިން އަޖުމަބެލުމުގެ ގޮތުން ބޭނުންކުރަމުންދިޔަ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) މޮޑެލްއެއް، އިންސާނެއްގެ އެހީތެރިކަމާ ނުލައި ޓެސްޓިން އެންވަޔަރަންމަންޓުން ("ސޭންޑްބޮކްސް") ބޭރުވެ، އެހެން ކުންފުންޏެއްގެ ރިއަލް ޕްރޮޑަކްޝަން ސިސްޓަމަށް ވަދެގަނެފިއެވެ.
މިއީ އޭއައި ސިސްޓަމެއް އަމިއްލައަށް ސޭންޑްބޮކްސް ފަހަނައަޅައި، އެކްސްޓަރނަލް ސިސްޓަމަކަށް ސައިބަރ ހަމަލާއެއް ދިންކަން އާންމުކޮށް ހާމަކުރި ފުރަތަމަ ހާދިސާއެވެ.
އޯޕަންއޭއައި އިން ހާމަކުރި ގޮތުގައި، މި ހާދިސާ ހިނގާފައިވަނީ އެ ކުންފުނީގެ އައު މޮޑެލްތަކުގެ ސައިބަރ ހެކިންގް ގާބިލުކަން ހުރި މިންވަރު ދެނެގަތުމަށްޓަކައި އެތެރޭގެ ސެކިއުރިޓީ ޓެސްޓެއް ހިންގަމުންދަނިކޮށެވެ.
އޭއައި މޮޑެލްތައް ބަހައްޓާފައިވަނީ އިންޓަނެޓް ގުޅުން ކަނޑާލެވިފައިވާ ރައްކާތެރި ސޭންޑްބޮކްސްއެއްގައެވެ. ނަމަވެސް، މީގެ ކުރިން ނޭނގޭ ސެކިއުރިޓީ ފްލޯއެއްގެ ބޭނުންހިފައި، މޮޑެލް ވަނީ ސޭންޑްބޮކްސްއިން ބޭރުވެ އިންޓަނެޓަށް ވަދެފައެވެ. އެގޮތުން ޓެސްޓުގެ ޖަވާބު ހޯދުމަށްޓަކައި އޭއައި މޮޑެލް އަމިއްލައަށް ވިސްނައި، ހަގީގީ އޯޕަން ސޯސް އޭއައި މޮޑެލްތައް ހޯސްޓްކުރާ މަޝްހޫރު ކުންފުންޏެއް ކަމަށްވާ ހަގިންގް ފޭސްގެ ސާވަރުތަކަށް ވަދެ، ޓެސްޓު ކާމިޔާބުކުރުމަށް ބޭނުންވާ މައުލޫމާތު އެ މޮޑެލް ވަނީ ނަގާފައެވެ.
އޯޕަންއޭއައި އިން ވަނީ މިއީ ކުރިން ދިމާވެފައިނުވާ ފަދަ ނުރައްކާތެރި ސައިބަރ ހާދިސާއެއްގެ ގޮތުގައި ސިފަކޮށްފައެވެ.
ހަގިންގް ފޭސް އިން ވަނީ މި އިންޓްރޫޝަން އެ ކުންފުނީގެ ސިސްޓަމްތަކަށް ފާހަގަކުރެވިގެން ސެކިއުރިޓީ އިދާރާތަކަށް ރިޕޯޓްކޮށްފައެވެ. ދެ ކުންފުނި ގުޅިގެން މިހާރު ދަނީ އޭއައި މޮޑެލް ބޭނުންކުރި ސެކިއުރިޓީ ހީނަރުކަންކަން ހައްލުކުރުމުގެ މަސައްކަތް ކުރަމުންނެވެ.
ހަގިންގް ފޭސްގެ ސީއީއޯ ކްލެމް ދެލާންގް ވިދާޅުވީ، މިއީ އޭއައި އޭޖެންޓުންގެ ދުވަސްވަރު ސައިބަރ ސެކިއުރިޓީގެ އައު ފެށުމެއް ކަމަށާއި، އޭއައި ސޭފްޓީއަކީ އެކަނިވަކިން ކުންފުނިތަކަށް ބެލެހެއްޓޭނެ ކަމެއް ނޫން ކަމަށެވެ. އަދި ސައިބަރ ދިފާއީ އިދާރާތަކަށް އިތުރު ބާރުވެރި އޯޕަން މޮޑެލްތައް ބޭނުންވާކަން އޭނާ ފާހަގަކުރެއްވިއެވެ.

.gif.gif&w=828&q=100)