logo
logo
ލިބުނު ފުރުސަތުގައި ކޮރަޕްޝަން ހުއްޓުވަން ނޫޅެ މިއަދު ކުރަން މިއުޅެނީ ކީއްތޯ: އިޙްސާން

ލިބުނު ފުރުސަތުގައި ކޮރަޕްޝަން ހުއްޓުވަން ނޫޅެ މިއަދު ކުރަން މިއުޅެނީ ކީއްތޯ: އިޙްސާން

2025 ސެޕްޓެމްބަރު 30
ޒައުޖަތު އަޙުމަދުޒައުޖަތު އަޙުމަދު

ފާއިތުވި 15 އަހަރު ލިބުނު ފުރުސަތުގައި ކޮރަޕްޝަން ހުއްޓުވަން ނޫޅެ، ސިޔާސީ އިދިކޮޅު ފަރާތްތަކުން މިއަދު މަގުތަކަށް މީހުން ނެރެގެން ކުރަން އުޅެނީ ކޮންކަމެއްތޯ ރައްޔިތުން ވިސްނާލަންޖެހޭ ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.

ވަޒީރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ކޮރަޕްޝަން ހުއްޓުވަން އެންމެ ރަނގަޅު ގޮތަކީ ޒިންމާދާރު މަޤާމުތަކުގައި ތިބޭއިރު، ކޮރަޕްޝަން ހުއްޓުވުމަށް އަޅާންޖެހޭ ފިޔަވަޅު އެޅުމާއި ކޮރަޕްޝަންގެ ޢަމަލު ހިންގާ ފަރާތްތަކުގެ މައްޗަށް ޤާނޫނު ތަންފީޒު ކުރުން ކަމަށެވެ.

"އަޅުގަންޑުމެން މިދަނީ އެ މަސައްކަތް ކުރަމުން. މި ފުރުސަތު ފާއިތުވި 15 އަހަރު ލިބި، މިކަން ނުކޮށް ސިޔާސީ އިދިކޮޅު ފަރާތްތަކުން މިއަދު މަގުތަކަށް މީހުން ނެރިގެން މި ކުރަން އުޅެނީ ކޮންކަމެއްތޯ ރައްޔިތުން ވިސްނާލަންޖެހޭ" ވަޒީރު އިޙްސާން ވިދާޅުވިއެވެ.

ވަޒީރު އިޙްސާން އިތުރަށް ވިދާޅުވީ މަޤާމުތަކުގައި އެބޭފުޅުން ތިއްބެވިއިރު ކޮރަޕްޝަން ހުއްޓުވަން ކުރެއްވީ ކޮންކަމެއްތޯ ރައްޔިތުން ސުވާލުކުރައްވަން ޖެހޭ ކަމަށެވެ. އަދި މިފަދަ ސުވާލުތަކަށް، މި ސަރުކާރުގެ އިސްފަރާތްތަކަށް ޖަވާބުދާރީ ވެވޭނެކަމަށް ވެސް އިޙްސާން ވިދާޅުވިއެވެ.

ވަޒީރު އިޙްސާން މިފަދައިން ވިދާޅުވެ ޕޯސްޓެއް ކުރައްވާފައި މިވަނީ އިދިކޮޅު މައި ޕާޓީ އެމްޑީޕީން "ލޫޓުވައިފި" ނަމުގައި ބޮޑު އެއްވުމަށް އަންނަ ހުކުރު ދުވަހު މާލޭގައި ބާއްވަން ތައްޔާރުވަމުން އަންނަ ދަނޑިވަޅެއްގައިކަން ފާހަގަކުރެވެއެވެ.

އެމްޑީޕީން މިފަދަ އެއްވުމެއް ބާއްވަން ތައްޔާރުވަމުން ދާއިރު، އެމްޑީޕީ ސަރުކާރުގައި ކޮރަޕްޝަންގެ ގިނަ ޢަމަލުތަކެއް ހިންގި ކުންފުނި ކަމުގައިވާ ފެނަކަ ކޯޕަރޭޝަންގެ 2021 ން 2023 ގެ އޮޑިޓް ރިޕޯޓު މިދިޔަ ހަފުތާގައި ވަނީ އާންމުކޮށްފައެވެ. އެ ރިޕޯޓުން ހާމަވާ ގޮތުގައި އެ މުއްދަތުގައި ފެނަކައިން ހިންގި ކޮރަޕްޝަންގެ މިންވަރު 2.2 ބިލިއަން ރުފިޔާއަށްވުރެ މައްޗެވެ. އަދި މި ވައްކަމަކީ ރާއްޖޭގައި މިހާތަނަށް ދައުލަތުގެ ކުންފުންޏަކުން ހިންގި އެންމެ ބޮޑު ވައްކަމުގެ ގޮތުގައި ވަނީ ފާހަގަވެފައެވެ.

ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް