logo
logo
އިސްރާއީލުން އިއްޔެ ޤަޠަރަށް ބޮންއެޅި،  މިއަދު ޔަމަނަށް ބޮންއަޅައިފި

އިސްރާއީލުން އިއްޔެ ޤަޠަރަށް ބޮންއެޅި، މިއަދު ޔަމަނަށް ބޮންއަޅައިފި

2025 ސެޕްޓެމްބަރު 10
ޒައުޖަތު އަޙުމަދުޒައުޖަތު އަޙުމަދު

އިސްރާއީލުން އިއްޔެ ޤަޠަރުގެ ވެރިރަށް ދޯހާއަށް ބޮންއެޅުމަށްފަހު މިއަދު ޔަމަންގެ ވެރިރަށް ސަނާއަށް ބޮންއަޅައިފިއެވެ.

ރިޕޯޓުތައް ބުނާގޮތުން ޔަމަނަށް މިއަދު ދިން ހަމަލާގައި މަދުވެގެން 9 މީހަކު ވަނީ ޝަހީދުވެފައެވެ.

މި ހަމަލާއާއި ގުޅިގެން ޔަމަނުގެ ހެލްތު މިނިސްޓްރީން ބުނީ މިހާތަނަށް މަދުވެގެން 118 މީހަކަށް އަނިޔާވެފައިވާ ކަމަށާއި މި އަދަދު އިތުރު ވުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.

ޔަމަނުގެ ހެލްތު މިނިސްޓްރީން ބުނީ މި ހަމަލާ އަމާޒުކޮށްފައި ވަނީ އާންމުން ދިރިއުޅޭ ސަރަހައްދެއް ކަމަށްވާ ސަނާގެ އަލްތަހުރީރު ނެއިބަހުޑްއަށާއި އެ ސަރަހައްދުގެ ހުޅަނގު ދެކުނުގައި ހުރި ހޮސްޕިޓަލަކަށާއި ސަރުކާރުގެ އޮފީސް އިމާރާތަކަށް ކަމަށެވެ.

މި ހަމަލާގައި އެތައް ގެއެއްވެސް ހަލާކުވެފައިވާ ކަމަށް ޔަމަނުގެ މީޑިއާއިން ވަނީ ބުނެފައެވެ.

އިސްރާއީލުން އިއްޔެ ޤަޠަރަށް ހަމަލާ ދިނީ އެ ޤައުމުގައި ތިބި ހަމާސްގެ އިސް ލީޑަރުންގެ ޓީމަކަށެވެ. މި ޓީމަކީ ހަނގުރާމަ ހުއްޓާލުމަށް ޞުލްޙައިގެ ވާހަކަތަކުގައި ބައިވެރިވުމަށް ޤަޠަރަށް ދިޔަ މަތީ ފެންވަރުގެ ވަފްދެކެވެ.

ހަމާސްލީޑަރުން ޝަހީދުކުރަން ދިން މި ހަމަލާގައި ހަމާސްގެ 5 މެމްބަރުންގެ އިތުރުން ޤަޠަރުގެ ސެކިއުރިޓީ އޮފިސަރެއްވެސް ވަނީ ޝަހީދުވެފައެވެ. މި ހަމަލާއިން ހަމާސްގެ ލީޑަރު ޚަލީލު އަލްހައްޔާ ވަނީ ސަލާމަތްވެފައެވެ.

މީގެއިތުރުން ކޮންމެ ދުވަހަކު ފަލަސްޠީނުގެ ޣައްޒާއަށް އިސްރާއީލުން ދަނީ ބޮންއަޅަމުންނެވެ. އިއްޔެރޭ ތޫނިސްއަށް ވެސް އިސްރާއީލުގެ މަތިންދާ ބޯޓަކުން ވަނީ ބޮންއަޅައިފައެވެ. މި ހަމަލާއަކީ ޣައްޒާ ޙިޞާރު ނައްތާލަން ޣައްޒާއަށް ދަތުރު ކުރަމުންދާ ސުމޫދު ފުލީޓަށް ދިން ހަމަލާއެކެވެ. ތޫނިސްގެ ބަދަރުގައި، މި ފުލީޓުގައި ބައިވެރިވާ 50 އަށްވުރެ ގިނަ އުޅަނދު ބަނދަރު ކޮށްގެން ތިއްބާ ދިން މި ހަމަލާގައި އެއްވެސް މީހަކަށް އަނިޔާ ނުވި ނަމަވެސް ބޯޓަކަށް ގެއްލުންތަކެއް ލިބިފައިވާ ކަމަށް އެ ފުލީޓުގައި ހިމެނޭ ނޫސްވެރިން ވަނީ ބުނެފައެވެ.

ބައިނަލްއަޤްވާމީ ޤާނޫނުތަކާއި ޚިލާފަށް އިސްރާއީލުން ސަރަހައްދުގެ ޤައުމުތަކަށް ހަމަލާ ދެމުން އަންނައިރު ޢަރަބި ޤައުމުތަކަށް ވެސް އަދި އދ. އަށް ވެސް ކުރެވޭނެ މާ ބޮޑު ކަމެއް ނެތެވެ. އިސްރާއީލު ހުއްޓުވަން ދުނިޔެ ވަނީ ނުކުޅެދިފައެވެ.

 

 

ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް