logo
logo
ޣައްޒާ ހިޞާރު ނައްތާލަން ދަތުރުކުރަމުންދާ ފުލީޓަށް އިސްރާއީލުން ހަމަލާދީފި

ޣައްޒާ ހިޞާރު ނައްތާލަން ދަތުރުކުރަމުންދާ ފުލީޓަށް އިސްރާއީލުން ހަމަލާދީފި

2025 ސެޕްޓެމްބަރު 09
ޒައުޖަތު އަޙުމަދުޒައުޖަތު އަޙުމަދު

ޣައްޒާ ހިޞާރު ނައްތާލަން ދަތުރުކުރަމުންދާ ގުލޯބަލް ސުމޫދު ފުލީޓަށް އިސްރާއީލުން ހަމަލާދީފިއެވެ.

މި ހަމަލާ ދީފައި ވަނީ އެ ފުލީޓުގައި ހިމެނޭ 50 ބޯޓު ތޫނިޝްގެ ބަނދަރުގައި ވަނިކޮށް، ރޭ ދަންވަރުގެ ވަގުތެއްގައެވެ. މި ހަމަލާގައި ބޯޓަށް ގެއްލުންތަކެއް ވެފައިވީ ނަމަވެސް އެއްވެސް މީހަކަށް ގެއްލުންވެފައި ނުވާ ކަމަށް އެ ފުލީޓުގައި ހިމެނޭ ނޫސްވެރިން މަޢުލޫމާތުދީފައިވެއެވެ.

ޑްރޯންގެ މި ހަމަލާ ދީފައިވަނީ އެ ހަރަކާތް އިންތިޒާމު ކުރާ ސްޓިއަރިން ކޮމިޓީ ދަތުރުކުރާ ބޯޓަށެވެ. އޭގެ ތެރޭގައި މި ހަރަކާތުގައި އިސްކޮށް އުޅޭ، މަޝްހޫރު ކުލައިމެޓް އެކްޓިވިސްޓް ގުރެޓަ ތަންބާގް ވެސް ހިމެނެއެވެ.

އިސްރާއީލުން ގައްޒާ ހިޞާރުކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނައުމަށް ކުރާ މިދަތުރުގައި 44 ޤައުމެއްގެ މީހުން ހިމެނެއެވެ. އޭގެތެރޭގައި އިންސާނީ ޙައްޤުތަކަށް މަސައްކަތްކުރާ އެކްޓިވިސްޓުންނާއި ޑޮކްޓަރުންނާއި ނަރުހުންގެ އިތުރުން ނޫސްވެރިން ހިމެނެއެވެ.

މި ބޯޓުތަކުގައި ޣައްޒާގެ ކުޑަކުދިންނަށް ބޭނުންވާ ކިރުގެ ބާވަތްތަކުގެ އިތުރުން، ކާނާއާއި ބޭހާއި ޒަރޫރީ ބޭނުންތަކަށް ބޭނުންކުރާ އެކި ބާވަތްތަކުގެ ސާމާނު ހިމެނެއެވެ.

ބޯޓުތަކުގައި ހުރި ސީސީޓީވީ ކެމެރާތަކުން އެ ހަމަލާގެ މަންޒަރުތައް ރެކޯޑު ކުރެވިފައިވާއިރު އެ މަންޒަރުތައް މިހާރުވަނީ ސޯޝަލްމީޑިއާގައި އާންމުކޮށްފައެވެ. އަދި އިސްރާއީލުން ފުރި ބޯޓެއް ރޭ ދަންވަރު، ތޫނިސްގެ ބަނދަރު ސަރަހައްދަށް އައިސް އެނބުރި އިސްރާއީލަށް ގޮސްފައިވާކަން ފްލައިޓް މޫވްމަންޓުން މިހާރު ދެނެގަނެވިފައިވާކަމަށް ބައެއް މަސްދަރުތަކުން ބުނެފައިވެއެވެ.

ގުލޯބަލް ސުމޫދު ފްލޮޓިއްލާގެ ނަމުގައި މި ފުލީޓް ޣައްޒާ ހިޞާރު ނައްތާލުމަށް ފެށި މި ދަތުރުގެ ބައިވެރިންނަށް އިސްރާއީލުގެ ސެކިއުރިޓީ މިނިސްޓަރ ބެން ގުރީވް ވަނީ މާކުރިން އިންޒާރު ދީފައެވެ. އޭނާ ބުނީ ޣައްޒާއާއި ހަމައަށް އައިސްފިނަމަ އެ އެންމެން ހައްޔަރުކޮށް ޓެރަރިސްޓުންގެ ގޮތުގައި ޖަލަށްލާނެ ކަމަށެވެ.

މި އިންޒާރާއި ގުޅިގެން ޔޫރަޕްގެ ބަނދަރުތަކުގައި މަސައްކަތް ކުރާ މަސައްކަތްތެރިންވެސް އިސްރާއީލަށް ވަނީ އިންޒާރުދީފައެވެ. މަސައްކަތްތެރިން ބުނިގޮތުގައި ފުލީޓަށް ހަމަލާ ދީފިނަމަ އިސްރާއީލުގެ ކަނޑު ބޯޓުތަކަށް އެމީހުން ހަމަލާދޭނެއެވެ.

އިސްރާއީލުން ޣައްޒާ ހިޞާރުކޮށްފައި އޮންނަތާ 18 އަހަރު ވަނީ ވެފައެވެ. ނަމަވެސް މިފަހުން 2023 ގައި ފެށި ހަމަލާތަކާއި ގުޅިގެން ޣައްޒާއަށް ކާބޯތަކެތިވެސް ނުވެއްދޭގޮތަށް، ޣައްޒާއަށް ވަދެވެން ހުންނަ މަގުތައް ބަންދުކޮށް ހިޞާރު ކުރީ މިއަހަރުގެ މާރިޗުމަހުން ފެށިގެންނެވެ.

މި ހިޞާރުގެ ސަބަބުން ޣައްޒާގައި ތިބި 2.2 މިލިއަން ރައްޔިތުން މިހާރު ވަނީ ބަނޑަށްޖެހިފައެވެ. އެގޮތުން އުތުރު ޣައްޒާ ބަނޑަށް ޖެހިފައިވާ ކަމަށް އދ. ގެ އިދާރާއަކުން މިދިޔަ މަހު ވަނީ ކަނޑައަޅައިފައެވެ. ޣައްޒާގެ ހުރިހާ ހިސާބަކުން ވެސް ބަނޑަށް ޖެހުމުގެ ސަބަބުން ކޮންމެ ދުވަހަކުވެސް މީހުން ޝަހީދުވެއެވެ.

އެމެރިކާގެ އެހީގައި އިސްރާއީލުން ޣައްޒާގައި ހިންގަމުން އަންނަ ނަސްލުހޭދުގައި މިހާތަނަށް 65،000 އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްފައެވެ.

 

ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް