logo
logo
ސިޔާސީ ޕާޓީތަކަށް ފައިސާ ދޫކޮށްފި، އެންމެ ގިނައިން ލިބުނީ ޕީއެންސީއަށް

ސިޔާސީ ޕާޓީތަކަށް ފައިސާ ދޫކޮށްފި، އެންމެ ގިނައިން ލިބުނީ ޕީއެންސީއަށް

2025 ސެޕްޓެމްބަރު 02
ޒައުޖަތު އަޙުމަދުޒައުޖަތު އަޙުމަދު

ސިޔާސީ ޕާޓީތަކަށް ދައުލަތުގެ ބަޖެޓުން 27.9 މިލިއަން ރުފިޔާ ދޫކޮށްފައިވާއިރު އެންމެ ގިނައިން ލިބުނީ ސަރުކާރު ހިންގާ ޕާޓީ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް، ޕީއެންސީއަށެވެ.

މި އަހަރު ފައިސާ ދޫކޮށްފައި ވަނީ 10،000 މީހުން ހަމަވާ 5 ޕާޓީއަކަށެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ) އިން އިއްޔެ ބުނީ އެ ކޮމިޝަންގައި ރަޖިސްޓަރީ ކޮށްފައިވާ ސިޔާސީ ޕާޓީތަކުގެ ތެރެއިން މި އަހަރުގެ ބަޖެޓް ރައްޔިތުންގެ މަޖިލީހުން ފާސްކުރި ދުވަހާ ހަމައަށް 10,000 މެންބަރުން ހަމަވި ސިޔާސީ ޕާޓީތަކަށް، މި އަހަރުގެ ބަޖެޓުގެ އާމްދަނީ އިން ދޫކުރަންޖެހޭ ފައިސާގެ ޕޭމަންޓް ޕްރޮސެސް ކުރުމަށްފަހު ސިޔާސީ ޕާޓީތަކަށް ފައިސާ ޖަމާކުރުމަށް ބޭންކްތަކަށް ފޮނުވާފައިވާ ކަމަށެވެ.

މިގޮތުން ފައިސާ ދޫކުރި ޕާޓީތަކާއި އަދަދަކީ:

  • ޕީއެންސީ - 13.31 މިލިއަން ރުފިޔާ
  • އެމްޑީޕީ - 8.45 މިލިއަން ރުފިޔާ
  • ޖުމްހޫރީ ޕާޓީ - 2.65 މިލިއަން ރުފިޔާ
  • އެމްޑީއޭ - 1.76 މިލިއަން ރުފިޔާ
  • އަދާލަތު ޕާޓީ - 1.71 މިލިއަން ރުފިޔާ

ސިޔާސީ ޕާޓީގެ ގާނޫނުގައިވާ ގޮތުން ސިޔާސީ ޕާޓީ ހިންގުމަށް ދައުލަތުގެ ބަޖެޓުން ދޫކުރެވޭ ފައިސާއަކީ ދައުލަތުގެ އަހަރީ ބަޖެޓުގައި އެ އަހަރަކަށް ލަފާކުރާ އާމްދަނީގެ 0.1 ޕަސެންޓެވެ.

އީސީ އިން ބުނީ މިދިޔަ އަހަރުގެ ޑިސެމްބަރު 31 ގެ ނިޔަލަށް ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި 10,000 މެންބަރުން ހަމަވާ ފަސް ސިޔާސީ ޕާޓީއަށް އެޕާޓީއެއްގައި މެންބަރުން ތިބި ނިސްބަތުން ބޮލަކަށް 193.23 ރުފިޔާ ގެ މަގުން ފައިސާ ދޫކޮށްފައިވާ ކަމަށެވެ.

ސަރުކާރު ހިންގާ ޕާޓީ ޕީއެންސީގައި 68,665 މެމްބަރުން ރަޖިސްޓަރީ ކޮށްފައިވާއިރު، ދެވަނައަށް އެންމެ މެމްބަރުން ގިނަ އެމްޑީޕީގައި ތިބީ 43،765 މެމްބަރުންކަން ފާހަގަ ކުރެވެއެވެ.

ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް