
މިސީޒަނުގައި ވެސް ޔުނައިޓެޑް ދަނީ ހަމަ "ޗޮކުން"، ހަތަރު ވަނަ ޑިވިޝަނުގެ ޓީމަކުން ޔުނައިޓެޑް ކަޓުވާލައިފި
ލަންޑަން (އޮގަސްޓް 28) - އިނގިރޭސި ހަތަރު ވަނަ ޑިވިޝަނުގެ ކްލަބެއް ކަމަށްވާ ގްރިމްސްބީ ޓައުން އިން މެންޗެސްޓާ ޔުނައިޓެޑް، އިނގިރޭސި ލީގު ކަޕުން ކަޓުވާލައިފި އެވެ.
ރަށުން ބޭރުގައި ޔުނައިޓެޑް ރޭ ކުޅުނު މެޗުން ބަލިވީ ޕެނަލްޓީ ޖަހައިގެން 12-11 އިންނެވެ. ޕެނަލްޓީ ޖަހަން ޖެހުނީ 2-2 އިން ނަތީޖާ އެއްވަރު ވުމުންނެވެ.
ބޮޑު ހަރަދެއްކޮށް ސީޒަނާ ކުރިމަތިލީ ޔުނައިޓެޑުގެ ފެށުން މިވަނީ ވަރަށް ބޮޑަށް ގޯސްވެފަ އެވެ. ޕްރިމިއާ ލީގުގައި ކުޅުނު ދެ މެޗުން ލިބުނީ އެންމެ ޕޮއިންޓެވެ.
ލީގު ކަޕުގެ ދެ ވަނަ ބުރުގައި ޔުނައިޓެޑް ވާދަކުރަން ޖެހުނީ ޔުއެފާގެ މުބާރާތަށް ކޮލިފައިވެފައިނުވާތީވެ އެވެ.
ގްރިމްސްބީގެ ބްލަންޑެލް ޕާކުގައި ރޭ ކުޅުނު މެޗުގައި، އެ ޓީމުން ދެ ގޯލު ޖަހައި، ރަނގަޅު ލީޑެއްގައި މެޗުގެ ބޮޑުބައި އޮތެވެ. އެ ގޮތުން މެޗުގެ 22 ވަނަ މިނިޓްގައި، ޗާލްސް ވޭނަމް، ގްރިމްސްބީގެ ފުރަތަމަ ގޯލު ޖެހިއިރު، އޭގެ އަށް މިނިޓް ފަހުން، ޓައިރަލް ވަރެން ވަނީ ގޯލެއް ޖަހައި، ލީޑުފުޅާކޮށްދީފަ އެވެ.
ޔުނައިޓެޑުން މެޗުގެ ތެރެއަށް ވަންނަން ކުރި މަސައްކަތް ކާމިޔާބުވީ މެޗުގެ ފަހުކޮޅުގަ އެވެ. އެ ގޮތުން، މެޗުގެ 75 ވަނަ މިނިޓްގައި ކޯބީ މައިނޫ ދިން ބޯޅައަކުން ބްރަޔާން އެމްބުއޭމޯ ވަނީ ގޯލެއް ޖަހައި އުންމީދެއް ހޯދައިދީފަ އެވެ. އަދި، މެޗުގެ ފުރިހަމަ ވަގުތު ހަމަވާން، މިނިޓަކަށް ވެފައި ހުއްޓައި، މޭސަން މައުންޓް ދިން ބޯޅައަކުން ހެރީ މެގުއާ ވަނީ ގޯލެއް ޖަހައި، އެއްވަރުކޮށްދީފަ އެވެ.
ޕެނަލްޓީގައި ޔުނައިޓެޑަށް ނާކާމިޔާބުވީ، 13 ޕެނަލްޓީގެ ތެރެއިން، އެމްބުއޭމޯ އާއި މަތެއުސް ކޫންޏާ ޖެހި ޕެނަލްޓީ އެވެ. ގްރިމްސްބީން ވަނީ 13 ޕެނަލްޓީގެ ތެރެއިން 12 ޕެނަލްޓީ ކާމިޔާބުކޮށް މެޗުން މޮޅުވެފަ އެވެ.
މި ސީޒަންގައި ގްރިމްސްބީ އަދި މެޗަކުން ބައްޔެއް ނުވެ އެވެ. އިނގިރޭސި ލީގު 2 ގައި އެ ޓީމު ވަނީ މިހާތަނަށް ކުޅުނު ފަސް މެޗުގެ ތެރެއިން ތިން މެޗު ކާމިޔާބު ކޮށްފަ އެވެ. ޔުނައިޓެޑަށް ލީގުގައި އަދި މޮޅެއް ހޯދިފައި ނުވާއިރު، މިހާތަނަށް ދެ މެޗުގެ ތެރެއިން އެއް މެޗުން ވަނީ ބަލިވެފަ އެވެ.
މި ސީޒަނުގައި ޔުނައިޓެޑަށް ބާކީ އޮތީ ލީގާއި އެފްއޭ ކަޕެވެ.
ADVERTISE SLOT
Promote Your Brand Where It Matters Most



