
މެންޔޫއިން ދުނިޔޭގެ ޗެންޕިއަނުން ބަލިކޮށްފި
އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ޗެލްސީ އާއި ދެކޮޅަށް މެންޗެސްޓަރ ޔުނައިޓެޑް ކުޅުނު މެޗުން 2-1 ގެ ނަތީޖާއަކުން ޔުނައިޓެޑް ކާމިޔާބުކޮށްފިއެވެ.
މެންޗެސްޓަރ ޔުނައިޓެޑްގެ އޯލްޑް ޓްރެފަޑްގައި ކުޅުނު މި މެޗުގެ ފަސް ވަނަ މިނިޓުގައި ޗެލްސީ އަށް ވަނީ މައްސަލަތަކާއި ކުރިމަތިލާން ޖެހިފަ އެވެ. އެއީ ގޯލުކީޕަރު ރޮބަޓް ސަންޗޭޒް އޭރިޔާ ބޭރުން ޔުނައިޓެޑްގެ ފޯވަޑް ބްރަޔަން އެމްބެއޫމޯ އަށް ކުރި ފައުލަކާއި ގުޅިގެން ރެފްރީ ވަނީ އޭނާއަށް ރަތް ކާޑު ދައްކާ ދަނޑުން ފޮނުވާލާފަ އެވެ.
ސަންޗޭޒް އަށް ދެއްކި ރަތް ކާޑާއިއެކު ޗެލްސީގެ ކޯޗު އެންޒޯ މަރެސްކާ އަށް މަޖުބޫރު ވެގެންދިޔައީ ޕެޑްރޯ ނެޓޯ އާއި އެސްޓެވާއޯ ވިލިއަންގެ ބަދަލުގައި އަޑަރަބިއޯޔޯ އާއި ކީޕަރު ޖޯގެންސަން ކުޅެން އެރުވުމަށެވެ. މީގެ އިތުރުން މެޗުގެ 21 ވަނަ މިނިޓުގައި ކޯލް ޕާމާ އަށް އަނިޔާ ވުމުގެ ސަބަބުން އޭނާވެސް ވަނީ ބަދަލުކޮށްފަ އެވެ.
މި މެޗުގައި ޔުނައިޓެޑް އިން ލީޑު ނަގާފައިވަނީ މެޗުގެ 21 ވަނަ މިނިޓުގައި ބްރޫނޯ ފެނާންޑޭޒް ކާމިޔާބުކޮށްދިން ލަނޑުންނެވެ.
އަދި 37 ވަނަ މިނިޓުގައި ކަސެމީރޯ ވަނީ އިތުރު ލަނޑެއް ޖަހާ ދެ ޓީމުގެ ދެމެދުގައިވާ ފަރަގު ބޮޑުކޮށްފަ އެވެ. ނަމަވެސް ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ކަސެމީރޯ އަށް ދެއްކި ދެވަނަ ރީނދޫ ކާޑާއިއެކު އޭނާ ވަނީ ދަނޑުން ފޮނުވާލާފަ އެވެ.
މި މެޗުގައި ޗެލްސީ އިން ޖެހި ހަމައެކަނި ލަނޑު މެޗުގެ 80 ވަނަ މިނިޓުގައި އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ ޓްރެވަރ ޗަލޮބާ އެވެ.
މި މެޗުން ޔުނައިޓެޑް މޮޅުވިއިރު މިއީ މި ސީޒަނުގައި އެ ޓީމު ކުޅުނު ފަސް މެޗުގެ ތެރެއިން މޮޅުވި ދެވަނަ މެޗެވެ.
ADVERTISE SLOT
Promote Your Brand Where It Matters Most



