
ބޮޑެތި އަދަބުތަކެއް ކަނޑައެޅިފައިވާ ގޭންގު ކުށްތަކާބެހޭ ބިލަށް އަމަލުކުރަން ފަށައިފި
ބޮޑެތި އަދަބުތަކެއް ލިބޭގޮތަށް ތަސްދީގުކޮށްފައިވާ ނުރައްކާތެރި ކުށްތަކާބެހޭ ޤާނޫނަށް މިއަދުން ފެށިގެން އަމަލުކުރަން ފަށައިފިއެވެ.
މި ބިލް ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކޮށްފައިވަނީ، މެއިމަހުގެ 25 ވަނަ ދުވަހެވެ.
ގޭންގް ޤާނޫނަކާއި ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި، ތޫނު ހަތިޔާރު ގެންގުޅުން މަނާކުރުމުގެ ޤާނޫނަކަށް އަމަލުކުރަމުންދިޔަނަމަވެސް ބޮޑެތި ކުށްތައް ހުއްޓުވުމަށް ކަމާބެހޭ ފަރާތްތަކަށް މާބޮޑު ކަމެއް ކުރެވިފައި ނެތުމަކީ އެފަދަ ޤާނޫނެއް ހަދަންޖެހުނު މައިގަނޑު ސަބަބުކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.
އަލަށް އެކުލަވާލި މި ޤާނޫނުގައިވާ ގޮތުން، އިންތިޒާމުވެފައިވާ ކުށެއް ކުރާ ގްރޫޕެއް އުފެއްދުމާއި ހިންގުން ކުށަކަށްވާނެއެވެ. އެފަދަ ގްރޫޕެއް އުފައްދައިފިނަމަ ނުވަތަ ހިންގައިފިނަމަ 25 އަހަރުގެ ޖަލު ހުކުމަކާއެކު 200،000 ރުފިޔާއާއި 10 މިލިޔަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ.
މީގެ އިތުރުން އިންތިޒާމުވެފައިވާ ކުށް ކުރާ ގްރޫޕަކަށް މީހުން ހޯދުމަކީވެސް މި ޤާނޫނުގެ ދަށުން ކުށެކެވެ. އެ ކުށަށް އަރައިގެންފި މީހަކު، އެ ކުށުގެ ސަބަބުން ކުޑަކުއްޖަކު ޝިކާރައަކަށްވެއްޖެނަމަ 25 އަހަރުގެ ޖަލު ހުކުމަކާއެކު 200،000 ރުފިޔާއާއި 10 މިލިޔަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ. ކުޑަކުއްޖަކު ނޫން މީހަކު ރެކްރޫޓް ކުރަން އުޅެފިނަމަ އަދަބަކީ 20 އަހަރުގެ ޖަލު ހުކުމަކާއެކު 100،000 ރުފިޔާއާ 7 މިލިޔަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމެވެ.
މި ޤާނޫނުގައިވާގޮތުން އިންތިޒާމުވެފައިވާ ކުށެއް ކުރާ ގްރޫޕަކާ ގުޅިފައިވާ މީހަކު ނުވަތަ ހޯދާފައިވާ މުއްސަނދިކަމަކީ ހުއްދަގޮތުގައި ހޯދާފައިވާ މުއްސަނދިކަމެއްކަން ސާބިތުކޮށްނުދެވޭ މީހެއްގެ މުއްސަނދިކަމަކީ ނުޙައްގުން ހޯދާފައިވާ މުއްސަނދިކަމެއްކަން ކަނޑައަޅައިދިނުމަށް ޕްރޮސެކިއުޓަރ ޖެނެރަލަށް ކޯޓަށް ހުށަހެޅުއްވޭނެއެވެ. އަދި ކޯޓުން އެގޮތަށް ނިންމާ މުދަލާއި ފައިސާ ދައުލަތަށް ނެގޭނެކަމަށްވެސް ޤާނޫނުގައި ބަޔާންކޮށްފައިވެއެވެ.
އިންތިޒާމްވެގެން ކުރާ ބޮޑެތި ކުށްތަކާއި ހަތިޔާރު ބޭނުންކޮށްގެން ކުރާ ނުރައްކާތެރި ކުށްތަކާއި، ހަތިޔާރު ގެންގުޅުމާއި، އެފަދަ ހަތިޔާރު އުފެއްދުމާއި، ރާއްޖެ އެތެރެކުރުން ފަދަ ކުށްތައް ކުރާ ކަމަށް ތުހުމަތު ކުރެވޭނަމަ ކޯޓު އަމުރަކާނުލައި އެމީހަކު ހުއްޓުވައި ފާސްކުރުމާއި ހައްޔަރުކުރުމުގެ ބާރު ފުލުހުންނަށް މި ޤާނޫނުން ލިބިދެއެވެ.
މި ޤާނޫނަށް ހޭލުންތެރިކުރުމަށް ޓަކައި މި މަހު 20 ވަނަ ދުވަހު މާލެ ސިޓީ ޕޮލިހާއި ކްރައިމް ޕްރިވެންޝަން ގުޅިގެންވެސް ވަނީ ޚާއްސަ ހަރަކާތެއް ފަށާފައެވެ. މި ހަރަކާތުގެ ތެރެއިން ޤާނޫނުގައި ހިމެނޭ މުހިންމު ކަންކަމަށް އަލިއަޅުވައި، މަޢުލޫމާތު ހިއްސާކުރާނެއެވެ.
ADVERTISE SLOT
Promote Your Brand Where It Matters Most
އިތުރަށް
ގެއްލިގެން ހޯދި ޢަބްދުލް ޢަޒީޒު ހުރީ ތިލަފުށީގައި!2026 ޖެނުއަރީ 28
15 ރުފިޔާގެ މައްސަލައެއްގައި މީހަކަށް އަނިޔާކޮށް މޫދައް އެއްލާލައިފި2025 ޑިސެމްބަރު 24
ކުއްކުރާ "ހޮޓް ސްޕޮޓް" ތަކުން ކުޑަކުދިން ފެންނަ ނިސްބަތް ދަނީ އިތުރުވަމުން!2025 ޑިސެމްބަރު 18
ޑްރޯންގެ އެހީގައި ލަންކާގެ ދެ މަސްބޯޓު އަތުލައިގެންފި2025 ޑިސެމްބަރު 18