
ޣައްޒާގެ އެތައް ހާސް ކުދިންނެއް ބަނޑަށް މަރުވަނީ! ދުނިޔެ ނިދާފަ
ޣައްޒާގައި އެތައް ހާސް ކުދިންނެއް ބަނޑުހައި ހޫނުކަމުގައި މަރުވަމުން ދާއިރު މުޅި ދުނިޔެއިން މި ވަނީ އެ މީހުންނަށް އެހީ ވުމަށް ނުކުޅެދިފައެވެ.
ދަ އިންޓަގްރެޓެޑް ފުޑް ސެކިއުރިޓީ ފޭސް ކްލެސިފިކޭޝަން، އައިޕީސީން ބުނިގޮތުގައި ސެޕްޓެމްބަރު މަހުގެ ނިޔަލަށް ޣައްޒާގެ ޖުމްލަ އާބާދީގެ ތިންބައިކުޅަ އެއްބައި، ނުވަތަ 641،000 މީހުންނަކީ އައިޕީސީ ފޭސް 5ގެ ޙާލަތުގައި ތިބޭނެ މީހުންނަށް ވާނެ ކަމަށެވެ. އެއީ ބަނޑުހައިހޫނުކަމުގެ އެންމެ ގޯސް ޙާލަތެވެ.
ޣައްޒާގެ ޞިއްޙީ ވުޒާރާއިން ބުނީ 2023ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7ވަނަ ދުވަހު ޔަހޫދީން ޣައްޒާއަށް ޢުދުވާނީ ޙަމަލާތައް ދޭން ފެށިފަހުން ބަނޑުހައިހޫނުކަމުގެ ސަބަބުން ޣައްޒާގައި މިހާތަނަށް 280އަށްވުރެ ގިނަ މީހުން ޝަހީދުވެފައިވާ ކަމަށެވެ. އޭގެ ތެރޭގައި 110އަކަށްވުރެ ގިނަ ކުޑަކުދިން ހިމެނެއެވެ.
އައިޕީސީން ބުނީ ބަނޑުހައިހޫނުކަމުގެ ސަބަބުން ކުޑަކުދިންނަށް ބޮޑެތި ގެއްލުންތައް ލިބެމުންދާ ކަމަށެވެ. އެ ގޮތުން އުމުރުން ފަސް އަހަރުން ދަށުގެ 132،000 ކުޑަކުދިން ކާޑުބަލީގެ ސަބަބުން 2026ވަނަ އަހަރުގެ ޖޫން މަހުގެ ކުރިން މަރުވާނެ ކަމަށް އެ ޖަމްޢިއްޔާއިން ބުނެފައިވެއެވެ. މިއީ އައިޕީސީން މި އަހަރުގެ މެއި މަހު ލަފާކޮށްފައިވާ ޢަދަދަށްވުރެ ދެ ގުނަ އިތުރު ޢަދަދެކެވެ. އޭގެ ތެރެއިން 41،000 ކުދިންނަކީ މިހާރު ވެސް މަރުގެ ތުންފަތް މަތީގައި ތިބި ކުދިންތަކެއް ކަމަށް އެ ޖަމްޢިއްޔާއިން ބުނެފައިވެއެވެ.
އެހީގެ ސާމާނު ބަރުކޮށްފައިވާ އެތައް ސަތޭކަ ލޮރީއެއް ޔަހޫދީންގެ ސަބަބުން ޣައްޒާއަށް ނުވަދެވި ބޯޑަރު ސަރަޙައްދުގައި ހުރި ހުރުމަށް އިޝާރާތްކުރައްވާ އދގެ އިންސާނީ އެހީ ފޯރުކޮށްދިނުމާ ބެހޭ އިދާރާގެ އިސްވެރިޔާ، ޓޮމް ފްލެޗަރ ވިދާޅުވީ ޣައްޒާގެ ރައްޔިތުން ބަނޑަށް ޖެހެމުންދަނީ ކާބޯތަކެތި ހުރި ސަރަޙައްދުތަކާ ވަރަށް ކައިރީގައި ކަމަށެވެ.
ޔަހޫދީ އިސްވެރިން ދަނީ ކާބޯތަކެއްޗަކީ ހަނގުރާމައިގެ ހަތިޔާރެއް ކަމަށް ފާޅުގައި ބުނެ އެ ތަކެތި ޣައްޒާއަށް ވެއްދުން ހުއްޓުވާފައެވެ.
ADVERTISE SLOT
Promote Your Brand Where It Matters Most


