ހަނގުރާމަ މެދުކަނޑާލައި ބައެއް އަސީރުން މިނިވަންކުރަން ޙަމާސުން އެއްބަސްވެއްޖެ

60 ދުވަހުގެ މުއްދަތަށް ހަނގުރާމަ ހުއްޓާލައި، ޣައްޒާގައި ވެރިކަންކުރާ ޙަމާސް ޖަމާޢަތުގެ ބެލުމުގެ ދަށުގައި ތިބި ބައެއް ޔަހޫދީ އަސީރުން މިނިވަންކުރުމަށް ޙަމާސުން އެއްބަސްވެއްޖެއެވެ.
މިސްރާއި ގަތަރު، އެމެރިކާގެ ބައިވެރިވުމާ އެކު މިހާތަނަށް ކުރި އެއްވެސް މަސައްކަތަކުން ދާއިމީ ގޮތުގައި ހަމަލާތައް ހުއްޓާލެވޭނެ ގޮތެއް ނުވެ އެވެ. ހަމަލާތައް ދެ ވަނަ އަހަރަކާ ގާތަށް ގޮސްފައި ވާއިރު މުޅި ޣައްޒާ އަޅިއަށްވެ ކާބޯތަކެތި ހުސްވެ މިހާރު އޮތީ ވަރަށް ބޮޑު ނުރައްކަލެއްގެ ތެރޭގަ އެވެ.
މެދުވެރިންގެ ދައުރު ޢަދާކުރާ މިޞްރާއި ޤަޠަރުން އެންމެ ފަހުން ހުށަހަޅާފައިވާ ހުށަހެޅުމުގެ ދަށުން 60 ދުވަހުގެ މުއްދަތަށް ޙަމަލާ ބަދަލުކުރުން ހުއްޓައިލުމާއި ޙަމާސްގެ ބެލުމުގެ ދަށުގައި ތިބި ޔަހޫދީ އަސީރުންގެ ދެބައިކުޅަ އެއްބައި މިނިވަންކުރުން ހިމެނެއެވެ. އޭގެ ބަދަލުގައި ޔަހޫދީ ޖަލުތަކުގައި ތިބި ފަލަސްޠީނުގެ ބައެއް އަސީރުން މިނިވަންކުރުމަށް ހުށަހަޅާފައިވެއެވެ. ޢަދި ހަނގުރާމަ ހުއްޓައިލުމާ ގުޅޭ ތަފްޞީލީ އޮނިގަނޑެއް އެކުލަވާލުމަށް ވެސް ހުށަހަޅާފައިވެއެވެ.
ޙަމާސްގެ އިސް ބޭފުޅެއް ކަމަށްވާ ބައްސާމް ނަޢީމް ވަނީ އެންމެ ފަހުގެ ހުށަހެޅުން ޙަމާސުން ޤަބޫލުކޮށްފައިވާ ކަމަށް ފޭސްބުކް މެދުވެރިކޮށް ޔަޤީންކޮށްދެއްވައިފައެވެ. ޙަމާސުން ބުނީ ފަލަސްޠީނުގެ އެހެން ފެކްޝަންތަކުން ވެސް އެ ހުށަހެޅުމަށް އެއްބަސްވާ ކަމަށެވެ، ނަމަވެސް އެ ހުށަހެޅުމާމެދު ޔަހޫދީން މިހާތަނަށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.
ޔަހޫދީން ޣައްޒާގައި ހިންގަމުންދާ ޤަތުލްޢާންމުގައި މިހާތަނަށް 61،000އަށްވުރެ ގިިނަ މީހުން ޝަހީދުވެ، އެތައް ހާސް މީހުންނަށް ޒަޚަމްވެފައިވެއެވެ. ޣައްޒާއަށް ކާބޯތަކެއްޗާއި އެހީގެ ސާމާނު ވެއްދުމަށް ޔަހޫދީން އެއްބާރުލުން ނުދިނުމުގެ ސަބަބުން ބަނޑަށް ޖެހި، 263 މީހުން ޝަހީދުވެފައިވެއެވެ. އޭގެ ތެރޭގައި 112 ކުޑަކުދިން ވެސް ހިމެނެއެވެ.
އިތުރަށް





.gif.gif&w=828&q=100)