logo
logo
މަސް މާރުކޭޓުގެ ކުލި ކުޑަކުރުމުގައި ޤާނޫނާ ޚިލާފުކަމެއް ހިނގާފައި ނުވާކަން ލިޔެކިޔުންތަކުން ހާމަވެއްޖެ

މަސް މާރުކޭޓުގެ ކުލި ކުޑަކުރުމުގައި ޤާނޫނާ ޚިލާފުކަމެއް ހިނގާފައި ނުވާކަން ލިޔެކިޔުންތަކުން ހާމަވެއްޖެ

2025 އޯގަސްޓު 17
ޒައުޖަތު އަޙުމަދުޒައުޖަތު އަޙުމަދު

މާލޭގެ ރޯމަސް މާރުކޭޓުގެ ކުލި ކުޑަކުރުމުގައި ޤާނޫނާ ޚިލާފުކަމެއް ހިނގާފައި ނުވާކަން ލިޔެކިޔުންތަކުން ހާމަވެއްޖެއެވެ.

މިކަން ހާމަވެފައި ވަނީ މާލޭ ސިޓީ ކައުންސިލުގެ ލިޔެކިޔުންތަކުންނެވެ. އެ ލިޔެކިޔުންތައް ދައުލަތުގެ މީޑިއާ ޕީއެސްއެމްއިން ވަނީ ދިރާސާ ކޮށްފައެވެ.

މަސް މާރުކޭޓު ކުއްޔަށް ދިން ގޮތާބެހޭ ގޮތުން ވާހަކަތައް ފެންމަތިވެފައި މިވަނީ މާލޭގެ މޭޔަރު އާދަމް އާޒިމް މާލޭސިޓީ ކައުންސިލްގެ ބައްދަލުވުމެއްގައި މި މަހުގެ 13 ވަނަ ދުވަހު ދެއްކެވި ވާހަކަފުޅުތަކަކާއި ގުޅިގެންނެވެ.

ރޯމަސް މާރުކޭޓު ކުއްޔަށް ދޭން ސިޓީ ކައުންސިލްގެ ބިޑު ކޮމިޓީން ނިންމީ މަހަކު 130،000ރ އަށް ކަމަށާ ނަމަވެސް އެއްބަސްވުން ހެދީ މަހަކަށް 70،000ރ. ކަމަށް އާޒިމް ވިދާޅުވިއެވެ. މީގެއިތުރުން މަސް މާރުކޭޓުގެ ކަރަންޓު ބިލްތައް ވެސް ދައްކާފައި ނުވާ ކަމަށާއި ދައްކަން ހުރި ބިލްތަކަށް 437،000 އަށް ވުރެ ގިނަ ރުފިޔާ އަރާ ކަމަށް އާޒިމް ވިދާޅުވިއެވެ.

ސިޓީ ކައުންސިލްގެ ލިޔެކިޔުންތަކަށް ބަލާއިރު މާލޭ ރޯމަސް މާރުކޭޓު ކުއްޔަށް ދޫކުރުމަށް ބިޑަށް ހުޅުވާލިއިރު އިއުލާންކޮށްފައިވަނީ މަސް މާރުކޭޓާއެކު އެތަނުގެ ފުރަތަމަ ފަންގިިފިލާގައި ހުރި ފިހާރައެއްވެސް ކުއްޔަށްދިނުމަށެވެ. ނަމަވެސް އެ ފިހާރަ މަރާމާތުކުރެވިފައި ނުވާތީ މާރުކޭޓު ކުއްޔަށް ނެގި ފަރާތާއި ހަވާލުކުރެވިފައި ނުވާކަން ލިޔެކިޔުންތަކުން ފެންނަން އެބައޮެތެވެ.

އަދި އެ ފިހާރަ ހަވާލުކުރެވިފައި ނުވާތީ ބިޑް ކޮމިޓީން ކަނޑައެޅި ކުލިން 25،000 ރުފިޔާ އުނިކުރަން ނިންމާފައި ވަނީވެސް އުސޫލުތަކާއި އެއްގޮތަށް ކައުންސިލުގެ ކޯޕަރޭޓް ސަރވިސް ކޮމިޓީގެ ފަރާތުންކަންވެސް ލިޔެކިޔުންތަކުން އެނގެން އެބައޮތެެވެ.

މީގެއިތުރުން ކޮވިޑްގެ ހާލަތާއި ގުޅިގެން މަސްވެރިކަމަށް އައި ހީނަރުކަމާއެކު މާރުކޭޓަށް ލިބޭ އާމްދަނީ ދަށްވުމުގެ ސަބަބުން އޭރު ރިސޯޓްތަކާއި އެހެނިހެން ބޮޑެތި ވިޔަފާރިތަކުގެ ކުލި ކުޑަކޮށްދިން ފަދައިން މާރުކޭޓުގެ ކުލި ވަނީ 70،000 ރުފިޔާއަށް ކުޑަކޮށްދީފައެވެ.

މި މިންވަރަށް ކުލި ކުޑަކުރުމަށް ނިންމާފައިވަނީ ކައުންސިލުގެ ބައްދަލުވުމެއްގައި އެމްޑީޕީގެ މެމްބަރުން ވެސް ހިމެނޭގޮތަށް އެ ބައްދަލުވުމުގައި ބައިވެރިވި 17 މެމްބަރުންގެ ތެރެއިން 11 މެމްބަރަކު އެކަމަށް ރުހުން ދީފައިވާކަމަށާއި، އެއްވެސް މެމްބަރަކު އެކަމަށް ދެކޮޅު ހަދާފައި ނުވާކަންވެސް ސިޓީ ކައުންސިލުގެ ލިޔެކިޔުންތަކުން ފެންނަން އެބައޮތެވެ.

މީގެއިތުރުން މާރުކޭޓުގެ ކަރަންޓު ބިލާއި ފެން އެތަން ކުއްޔަށް ނެގި ފަރާތުން ދައްކާފައި ނުވާ ކަމަށް ބުނާއިރު މާރުކޭޓަށް ބޭނުންވާ ކަރަންޓާއި ފެން ފޯރުކޮށްދޭނީ ސިޓީ ކައުންސިލުން ކަމަށް ލިޔެކިޔުންތަކުން ފެންނަން އެބައޮތެވެ.

މި ހުރިހާކަމަކަށް ބަލާއިރު މާލެ ސިޓީ ކައުންސިލުން މަސް މާރުކޭޓު ކުއްޔަށް ދިނުމުގައި އުސޫލާއި ޚިލާފަށް ނުވަތަ ވަކި ބޭފުޅެއްގެ ނުފޫޒުން ކޮށްފައި އޮތް އެއްވެސް ކަމެއް ފެންނާކަށް ނެތެެވެ.

ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް