logo
logo
އަބްދުއްރަހީމް ޔާމީނަށް : ވެރިކަމަށް ވަޑައިގަތް އިރު އަމިއްލަ އެކައުންޓުތަކުގައި ލައްކައެއް ހަމަ ނުވޭ، ވެރިކަން ނިމުނުއިރު 500 މިލިއަން ހުރި، މައްސަލަ ބަލަން ޖެހޭ

އަބްދުއްރަހީމް ޔާމީނަށް : ވެރިކަމަށް ވަޑައިގަތް އިރު އަމިއްލަ އެކައުންޓުތަކުގައި ލައްކައެއް ހަމަ ނުވޭ، ވެރިކަން ނިމުނުއިރު 500 މިލިއަން ހުރި، މައްސަލަ ބަލަން ޖެހޭ

2024 އޯގަސްޓު 07
މުހައްމަދު ރިފާއުމުހައްމަދު ރިފާއު

2013 ވަނަ އަހަރު ކުރީގެ ރައީސް އަބްދުﷲ ޔާމީން ވެރިކަމަށް ވަޑައިގަތްއިރު އަމިއްލަ އެކައުންޓުތަކުގައި ލައްކައެއް ހަމަ ނުވާ ކަމަށާއި އެމަނކިފާނުގެ ވެރިކަން 2018 ގައި ނިމުނު އިރު 500 މިލިއަން ހުރި ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް އަދި ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

އަބްދުއްރަހީމް މިފަދައިން ވިދާޅުވީ ހޯމަ ދުވަހުގެ ރޭ ޕީއެންސީ ހައުސްގައި ބޭއްވި ޕީއެންސީ ޖަގަހަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އަބްރުއްރަހީމް ވަނީ ރައީސް ޔާމީން ދެއްކެވި ބައެއް ވާހަކަފުޅުތަކަށް ރައްދު ދެއްވާފަ އެވެ. އެގޮތުން، އަބްދުއްރަހީމަށް އެހާ ބައިވަރު ފައިސާ ލިބުނީ ކިހިނެއްތޯ އާއި އެއީ ބަލަން ޖެހޭ މައްސަލައެއް ކަމަށް ޔާމީން ވިދާޅުވި ވާހަކަފުޅަށް ރައްދު ދެއްވި އެވެ.

"އަބްދުއްރަހީމް ފައިސާ ހޯދީ ކޮންތާކުންތޯ އެހީމާ އަޅުގަނޑު ސުވާލުކޮށްލަން ބޭނުންވާ، 2013 ވަނަ އަހަރު ވެރިކަމަށް ވަޑައިގެންނެވިއިރު ތިމާއަށް ނިސްބަތްވާ އެއްވެސް އެކައުންޓެއްގަ އެއްލައްކަ ރުފިޔާ ހަމަނުވާ ބޭފުޅަކު ފަސް އަހަރު ފަހުން ވެރިކަމުން ފައިބާ ވަޑައިގެންނެވިއިރު 400 މިލިއަނުން 500 މިލިއަނުން އެ އެކައުންޓްގަ ލާރި ހުރީ، ކޮންތާކުން ހޯދި ފައިސާއެއްތޯ،" އަބްދުއްރަހީމް ވިދާޅުވި އެވެ.

އެމްއެމްޕީއާރްސީގެ ވައްކަމުގެ ތުހުމަތުގައި ޔާމީންގެ މައްޗަށް އުފުލި ހިޔާނާތުގެ މައްސަލަތަކަށް ޖަވާބުދާރީ ވަމުން، އެއީ ސިޔާސީ މަސައްކަތުން ލިބުނު ފައިސާއޭ ވިދާޅުވި ވިދާޅުވުމުން ތަކުރާރުކުރައްވަމުން އަބްދުއްރަހީމް ވަނީ އެކަން ދޮގުކުރައްވާފަ އެވެ. ވިދާޅުވީ، ސިޔާސީ ޕާޓީގެ އެކައުންޓްތައް ހުރިއިރު، އެ އެކައުންޓްތަކުގައި އެއްވެސް ފައިސާއެއް ނެތް ކަމަށެވެ.

އަބްދުއްރަހީމްގެ އިތުރުން ޕީއެންސީގެ ޕީޖީ ލީޑަރު ފަލާހު ވެސް ވަނީ ރައީސް ޔާމީންއަށް ވަރަށް ފާޑު ވިދާޅުވެފައެވެ. ޔާމީނުގެ ބޭންކު އެކައުންޓުގައި ދައުލަތުގެ ބަޖެޓާ އެއްވަރަށް ފައިސާ އެބަހުރި ކަަމަށް ޕީއެންސީގެ ޕީޖީ ގްރޫޕުގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު ފަލާހު ވަނީ ވިދާޅުވެފައެވެ.

"[އެ ކައުންޓުތަކަށް ފައިސާ] ގިނަ ވަމުން ވަމުން ގޮސް މިހާރު އަޅުގަނޑުމެންނަށް މައުލޫމާތު ލިބޭ ގޮތުގައި ރައީސް ޔާމީނުގެ އެކައުންޓުގައި އެބަހުރި މި ދައުލަތުގެ އެއް އަހަރުގެ ބަޖެޓު ފޫބައްދާވަރަށް ފައިސާ،" އޭނާ ވިދާޅުވި އެވެ.

ޔާމީނު ހެންވޭރުން ގަތް ބިމުގައި އަޅާފައިވާ އިމަރާތާމެދު ވެސް ފަލާހު ސުވާލު އުފެއްދެވި އެވެ. މާލޭގައި އެވަރުގެ ބިމެއް 12 ބުރިއަށް އިމާރާތް ކުރެވޭނީ ގާތްގަނޑަކަށް 80 މިލިއަން ރުފިޔާއަށް ކަމަށާއި ލޯނެއް ނުނަގައި އެފަދަ އިމާރާތެއް ކުރާނަމަ ރައްޔިތުންވެސް ސުވާލު އުފައްދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

 

ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް