ނޯތު ހާބަރުން މިހާރު ނަގާ ފީތަކުގެ އިތުރުން ފީއެއް ނެގުމަށް ނިންމާފައެއް ނުވާނެ: ރިޝްވާން
ޒައުޖަތު އަޙުމަދުއެމްޕީއެލްގެ ބެލުމުގެދަށުގައި އޮންނަ މާލޭގެ އުތުރު ބަނދަރު ނުވަތަ ނޯތު ހާބަރުން މިހާރު ނަގަމުންދާ ފީތަކުގެ އިތުރުން އެއްވެސް ފީއެއް ނެގުމަށް އެ ކުންފުނިން ނިންމާފައި ނުވާ ކަމަށް އެމްޕީއެލްގެ ސީއީއޯ، ރިޓަޔާޑް މުޙައްމަދު ރިޝްވާން ވިދާޅުވެއްޖެއެވެ.
ރިޝްވާން މިފަދައިން ވިދާޅުވެފައި މިވަނީ ނޯތު ހާބަރަށް އިތުރުކުރި ސަރަހައްދަށް ކައިރިކުރާ އޮޑިދޯނިފަހަރުން ފީއެއް ނަގަން އުޅޭ ކަމަށް ދެކެވޭ ވާހަކަތަކާއި ގުޅިގެންނެވެ. މަސްމާރުކޭޓު ހިމެނޭ އެ ސަރަހައްދަކީ މަސްދޯނިފަހަރު ވެސް ކައިރިކުރާ ސަރަހައްދެވެ.
ނޯތު ހާބަރަށް ކައިރިކުރާ އުޅަނދުތަކުން އަބަދުވެސް ފީއެއް ނަގައެވެ. އެކަމަކު، ނޯތު ހާބަރު މަސްމާރުކޭޓާ ހަމައަށް ބޮޑުކުރި ނަމަވެސް މަސްދޯނިފަހަރު އެ އުސޫލުން އިސްތިސްނާ ވާނެ ކަމަށް އެމްޕީއެލުން ވަނީ ބުނެފައެވެ.
ރިޝްވާން ވިދާޅުވީ މިހާރު ކުރަމުން. ދަނީ ނޯތު ހާބަރުގެ ސަރަހައްދަށް އިތުރު ކުރެވުނު ސަރަހައްދު ތަރުތީބުކޮށް، އިންތިޒާމް ކުރުމުގެ މަސައްކަތް ކަމަށާ ތަރުތީބުކުރެވުމުން، މަސް ދޯނި ފަހަރަށް އިތުރު ޖާގަ ލިބި، އިތުރު ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ.
އަދި އަތޮޅުތަކަށް މުދާ އުފުލާ އުޅަނދުތަކަށް މުދާ ބޭލުމާއި އެރުވުމުގެ މަސައްކަތްތައްވެސް މިހާރަށްވުރެ އަވަހަށް ކުރެވޭނެ މަގު ފަހިވެގެންދާނެ ކަމަށާ މީގެ އިތުރުން، އެ ބަދަލުތަކާއިއެކު، އެ ސަރަހައްދުގައި ޤަވާޢިދާ ޚިލާފަށް ވިޔަފާރިކުރަމުންދާ ބިދޭސީންގެ މައްސަލައަށް ހައްލެއް ލިބި، ސަރަހައްދު ބެލެހެއްޓުމުގެ އިންތިޒާމްތައް އިތުރަށް ހަރުދަނާކުރެވޭނެ ކަމަށް ރިޝްވާން ވިދާޅުވިއެވެ.
"މި ބަދަލުގެ ސަބަބުން، މަސްވެރިންނާއި އޮޑިވެރިންނަށް މިހާރަށްވުރެ އަވަސް، ލުއިފަސޭހަ ޚިދުމަތެއް ފޯރުކޮށްދެވޭނެކަމުގެ ޔަޤީންކަން އަރުވަން،" ރިޝްވާން ވިދާޅުވިއެވެ.
މާލޭގެ ނޯތު ހާބާރުން ފެށިގެން މަސްމާރުކޭޓް ސަރަހައްދާއި އެ ސަރަހައްދުގެ ކުރިމަތީގައި އޮންނަ ލޯކަލް މާރުކޭޓުގެ ހުރަސްތޮށްޓާ ހަމައަށް މާލެ ސިޓީ ކައުންސިލްގެ އިހުތިސާސުން ވަކިކޮށް، ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ އެ ސަރަހައްދު އެއްކޮށް އެމްޕީއެލްއާ ހަވާލުކޮށްފައެވެ.
ADVERTISE SLOT
Promote Your Brand Where It Matters Most
އިތުރަށް
ނުކުޅެދުންތެރިކަން ހުންނަ 40 ފަރާތަކަށް އެމްޕީއެލްއިން ވަޒީފާ ދީފި2025 ނޮވެމްބަރު 20
ސިނގިރޭޓް ކޮންޓެއިނާ ގެއްލުނު މައްސަލަ: އެމްޕީއެލްގެ ހަ މުވައްޒަފަކު ސަސްޕެންޑްކޮށްފި2025 އޮކްޓޯބަރު 15
އެމްޕީއެލްގެ އެމްޑީއަކަށް ރިޝްވާން އައްޔަނުކޮށްފި!2025 ފެބްރުއަރީ 05
އެމްޕީއެލްއަށް ފުރަތަމަ ފަހަރަށް ސަރަހައްދީ ދެ އެވޯޑް ލިބިއްޖެ!2024 ޑިސެމްބަރު 23