logo
logo
މިދިޔަ އަހަރާ އަޅާބަލާއިރު މިއަހަރުގެ މިހާތަނަށް ދައުލަތުގެ ޚަރަދަށްވުރެ އާމްދަނީ އިތުރުވެއްޖެ!

މިދިޔަ އަހަރާ އަޅާބަލާއިރު މިއަހަރުގެ މިހާތަނަށް ދައުލަތުގެ ޚަރަދަށްވުރެ އާމްދަނީ އިތުރުވެއްޖެ!

2025 އޯގަސްޓު 01
ޒައުޖަތު އަޙުމަދުޒައުޖަތު އަޙުމަދު

މިއަހަރުގެ ޖުލައި 17 ވަނަ ދުވަހާއި ހަމައަށް ދައުލަތުގެ ބަޖެޓުން ކޮށްފައިވާ ޚަރަދުތައް، މިދިޔަ އަހަރުގެ އެ މުއްދަތާ އަޅައިބަލާއިރު %17.9 ދަށްވެއްޖެއެވެ.

މިއާއިއެކު ދައުލަތުގެ ޚަރަދަށްވުރެ އާމްދަނީ އިތުރުވެ، ޖުމްލަ ބަޖެޓު 1 ބިލިޔަން ރުފިޔާއިން އަރަނިވެފައިވާކަމަށް މާލީ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

މާލީ ވުޒާރާއިން އާންމުކޮށްފައިވާ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓްގައިވާ ގޮތުން، ޖުލައި 17 ގެ ނިޔަލަށް ދައުލަތުގެ ބަޖެޓުން 19.4 ބިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ހޭދަކޮށްފައިވަނީ 23.7 ބިލިޔަން ރުފިޔާއެވެ. އެހެންކަމުން މިއީ %17.9 ދަށްވުމެކެވެ.

ދައުލަތުން އެންމެ ބޮޑު އަދަދެއް ޚަރަދުކޮށްފައިވަނީ ރިކަރަންޓް ހަރަދުތަކަށެވެ. އެއީ 17.2 ބިލިޔަން ރުފިޔާއެވެ. ރިކަރަންޓް ޚަރަދުތައްވެސް ވަނީ 2024 ވަނަ އަހަރާ އަޅާބަލާއިރު %3.5 ދަށްކުރެވިފައެވެ.

ރިކަރަންޓް ޚަރަދުތަކުގެ ތެރެއިން 7.1 ބިލިޔަން ރުފިޔާ ހޭދަކޮށްފައިވަނީ މުސާރަދިނުމާއި ޕެންޝަނަށެވެ. އަދި 9.9 ބިލިޔަން ރުފިޔާ ހޭދަކޮށްފައިވަނީ އެޑްމިނިސްޓްރޭޓިވް ޚަރަދުތަކަށެވެ.

މިއަހަރުގެ މިހާތަނަށް ކެޕިޓަލް ޚަރަދުގެ ގޮތުގައި ހޭދަކޮށްފައިވަނީ 2.3 ބިލިޔަން ރުފިޔާއެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި މި އަދަދު ހުރީ 5.9 ބިލިޔަނުގައެވެ. އެހެންކަމުން ކެޕިޓަލް ޚަރަދުތައް މިދިޔަ އަހަރާއި އަޅާބަލާއިރު މިއަހަރުގެ މިހާތަނަށް ވަނީ %61.4 ދަށްކޮށްފައެވެ.

ދައުލަތުގެ ޚަރަދުތައް ކުޑަކުރެއްވުމަށް ސަރުކާރުން ގިނަ ފިޔަވަޅުތަކެއް އަޅުއްވަމުން ގެންދަވާކަން ފާހަގަކުރެވެއެވެ.

ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް