
ދައުލަތުގެ އާމްދަނީ 8.9 އިންސައްތަ އިތުރުވެއްޖެ!
ޒައުޖަތު އަޙުމަދުއާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ދައުލަތުގެ ބަޖެޓަށް 26 ޖޫން 2025ގެ ނިޔަލަށް 18.6 ބިލިއަން ރުފިޔާ ލިބި، މިދިޔަ އަހަރު އެ މުއްދަތާ އަޅައިބަލާއިރު 8.9 އިންސައްތަ އިތުރުވެއްޖެ ކަމަށް މާލީ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
މާލީ ވުޒާރާއިން އާންމުކޮށްފައިވާ 26 ޖޫން 2025 ގެ ނިޔަލަށް ދައުލަތުގެ ބަޖެޓުން ހޭދަކޮށްފައިވާ މިންވަރާއި ދައުލަތަށް ލިބިފައިވާ އާމްދަނީ ހިމަނައި، ނިމިގެންދިޔަ ހަފްތާގެ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓްގައިވާ ގޮތުން، ނިމިގެންދިޔަ ހަފްތާގެ ނިޔަލަށް ޖުމުލަ އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި 18.6 ބިލިއަން ރުފިޔާ ދައުލަތަށް ލިބިފައިވާއިރު، އެއީ ނިމިގެންދިޔަ އަހަރުގެ މި މުއްދަތާ އަޅައިބަލާއިރު 8.9 އިންސައްތަ އިތުރު އަދަދެކެވެ.
ޓެކުހުގެ ގޮތުގައި ދައުލަތަށް ލިބިފައިވަނީ 14.2 ބިލިއަން ރުފިޔާއެވެ. އެގޮތުން، މިއަހަރުގެ މިހާތަނަށް ދައުލަތަށް ލިބިފައިވާ ޖުމުލަ އާމްދަނީގެ 76.5 އިންސައްތައަކީ ޓެކުހުގެ ގޮތުގައި ލިބިފައިވާ އާމްދަނީއެވެ.
ޓެކުހުގެ ގޮތުގައި ލިބިފައިވާ އާމްދަނީގެ ތެރެއިން ޓެކުހުގެ ރޭޓްތަކަށް ގެނަވުނު ބަދަލާއި ގުޅިގެން، ގްރީން ޓެކުހުގެ ގޮތުގައި ލިބުނު އާމްދަނީގެ މިންވަރު މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު 92.0 އިންސައްތަވަނީ އިތުރުވެފައެވެ.
އަދި އެއާޕޯޓް ސަރވިސް ޗާޖުގެ ގޮތުގައި ލިބުނު އާމްދަނީ 55.0 އިންސައްތަވަނީ އިތުރުވެފައެވެ. ހަމަ އެހެންމެ، ރީއެކްސްޕޯޓް ރޯޔަލްޓީގެ ގޮތުގައި ލިބިފައިވާ އާމްދަނީވެސް ނިމިގެންދިޔަ އަހަރުގެ މި މުއްދަތާ އަޅައިބަލާއިރުވަނީ ބޮޑުތަނުން އިތުރުވެފަވާއިރު ފަރުދުންގެ އާމްދަނީން ނެގޭ ޓެކުހުގެ މިންވަރު 21.1 އިންސައްތައިންވަނީ އިތުރުވެފައެވެ.
ޓެކުހާއި ޓެކްސް ނޫން އާމްދަނީގެ ތެރެއިން އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު ލިބުނު އާމްދަނީ 52.5 އިންސައްތަ ވަނީ އިތުރުވެއެވެ. މީގެ މައިގަނޑު ސަބަބަކީ މިއަހަރުގެ މިހާތަނަށް ރާއްޖެ ޒިޔާރަތްކުރާ ފަތުރުވެރިންގެ މިންވަރު މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު 9.1 އިންސައްތައިން އިތުރުވެ، 1 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާތީކަމަށް މާލީ ވުޒާރާއިން ފާހަގަކޮށްފައިވެއެވެ.
ހަމަ އެހެންމެ، ލޭންޑް އެކުއިޒިޝަން އެންޑް ކޮންވަރޝަން ފީ އަދި ލީޒް ޕީރިއެޑް އެކްސްޓެންޝަން ފީގެ ގޮތުގައި ލިބުނު އާމްދަނީވެސް މި މުއްދަތުގެ ތެރޭގައިވަނީ އިތުރުވެފައެވެ. މި އިތުރުވުމާއި އެކު، މިއަހަރުގެ މި މުއްދަތުގެ ތެރޭގައި ދައުލަތަށް ލިބިފައިވާ ޖުމުލަ އާމްދަނީއާއި ހިލޭ އެހީ މިވަނީ ނިމިގެންދިޔަ އަހަރުގެ މި މުއްދަތާ އަޅައިބަލާއިރު 8.9 އިންސައްތައިން އިތުރުވެފައެވެ. އާމްދަނީގެ އިތުރުވުމާއި އެކު ސޮވެރިންގ ޑިވެލޮޕްމަންޓް ފަންޑަށް ޖަމާކުރި ފައިސާގެ އަދަދުވެސް މިވަނީ 60.1 އިންސައްތަވަނީ އިތުރުވެ 1.0 ބިލިއަން ރުފިޔާއަށް އަރާފައެވެ.
2025 ވަނަ އަހަރަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ބަޖެޓުގައި، މި އަހަރުގެ ތެރޭގައި ދައުލަތަށް ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އާމްދަނީއާއި ހިލޭ އެހީގެ 46.7 އިންސައްތަ، 26 ޖޫންގެ ނިޔަލަށް ދައުލަތަށް ލިބިފައިވާއިރު، މި އަހަރުގެ ތެރޭގައި ހިނގާނެކަމަށް އަންދާޒާކޮށްފައިވާ ޖުމުލަ ޚަރަދުގެ ތެރެއިން މި މުއްދަތުގެ ތެރޭގައި ދައުލަތުގެ ޚަރަދުގެ ގޮތުގައި ރެކޯޑުކޮށްފައިވަނީ 36.5 އިންސައްތައެވެ.
މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު ދައުލަތުގެ ހަރަދުތައް %17.8 ދަށަށް ގޮސް، ބަޖެޓުގެ އޯވައޯލް ބެލެންސް، 627 މިލިއަން ރުފިޔާގެ ސާޕްލަސްއަކަށް ވެފައިވާކަން ފާހަގަ ކުރެވެއެވެ.
ADVERTISE SLOT
Promote Your Brand Where It Matters Most
އިތުރަށް
2023 ނިމުނުއިރު ރަސްމީ ރިޒާވުގައި ހުރީ 591 މިލިއަން ޑޮލަރު، މިހާރު އެ އަދަދު 860 އަށް އަރާ!2025 އޮކްޓޯބަރު 30
2025 ވަނަ އަހަރު ތަންފީޒުކުރަންފެށި މާލީ ސިޔާސަތުތަކުގެ ފުރިހަމަ އަސަރު 2026 ގައި ފެނިގެންދާނެ: މާލީ ވަޒީރު 2025 އޮކްޓޯބަރު 30
ދައުލަތުގެ ހަރަދުތަށް %15.3 ދައްކޮށް، އާމްދަނީ 30 ބިލިއަނަށް!2025 އޮކްޓޯބަރު 23
އެމްޑީޕީ ސަރުކާރުން 2021 ގައި ނެގި ސުކޫކަށް 24.6 މިލިއަން ޑޮލަރު ދައްކައިފި2025 އޮކްޓޯބަރު 08