logo
logo
ތަރައްޤީގެ މަޝްރޫޢުތަކަށް 2.7 ބިލިއަން ރުފިޔާ ހޭދަކޮށްފި

ތަރައްޤީގެ މަޝްރޫޢުތަކަށް 2.7 ބިލިއަން ރުފިޔާ ހޭދަކޮށްފި

2025 ސެޕްޓެމްބަރު 03
ޒައުޖަތު އަޙުމަދުޒައުޖަތު އަޙުމަދު

މިއަހަރުގެ މިހާތަނަށް، ތަރައްޤީގެ މަޝްރޫޢުތަކަށް 2.7 ބިލިއަން ރުފިޔާ ހޭދަކޮށްފިއެވެ.

މާލީ ވުޒާރާގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި މަގުހެދުމާއި ބްރިޖް އަދި އެއަރޕޯޓް ތަރައްގީކުރުމަށް ހިނގާފައިވާ ޚަރަދު ހިމަނައިގެން، އިންފްރާސްޓްރަކްޗަރ އެސެޓްތަކަށް 2.7 ބިލިއަން ރުފިޔާ މިއަހަރުގެ ތެރޭގައި ހޭދަކޮށްފައިވެއެވެ.

މާލީ ވުޒާރާއިން އާންމުކޮށްފައިވ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓްގައިވާ ގޮތުން، ނިމިދިޔަ ހަފްތާގެ ނިޔަލަށް ކެޕިޓަލް ޚަރަދުގެ ގޮތުގައި ދައުލަތުގެ ބަޖެޓުން ހޭދަކޮށްފައިވަނީ 3.1 ބިލިއަން ރުފިޔާއެވެ.

2025 ވަނަ އަހަރަށް އެކުލަވައިލައިފައިވާ ދައުލަތުގެ ބަޖެޓުގައި ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީ.އެސް.އައި.ޕީ.)އަށް 12.4 ބިލިއަން ރުފިޔާ ހިނގާނެކަމަށް ލަފާކޮށްފައިވާއިރު، މިއަހަރުގެ މިހާތަނަށް މިފަދަ ޕްރޮގްރާމްތަކަށް ހޭދަކޮށްފައިވަނީ 4 ބިލިއަން ރުފިޔާއެވެ.

ނިމިގެންދިޔަ އަހަރުގެ މި މުއްދަތުގެ ތެރޭގައި ހިނގާފައިވާ ޕީ.އެސް.އައި.ޕީ ޚަރަދުގެ ބޮޑު އިންސައްތައެއް، ބިން ހިއްކުމާއި މަގު ހެދުމުގައި މަޝްރޫޢުތަކަށް ހޭދަކޮށްފައިވި ނަމަވެސް، މި އަހަރުގެ ތެރޭގައި ހިނގާފައިވާ ޕީ.އެސް.އައި.ޕީ ޚަރަދުގެ ބޮޑު އިންސައްތައެއް ޙިއްސާކުރަނީ ލަފާފުރުމުގެ ދަތިކަން ޙައްލުކުރުމާ ގުޅޭ ތަފާތު އެކި މަޝްރޫޢުތަކަށް ކޮށްފައިވާ ޚަރަދެވެ. އެގޮތުން މިފަދަ މަޝްރޫޢުތަކަށް ޖުމުލަ 2.5 ބިލިއަން ރުފިޔާ މިއަހަރުގެ ތެރޭގައި ވަނީ ޚަރަދުކޮށްފައެވެ.

މީގެ އިތުރުން ބޯހިޔާވަހިކަމުގެ އެކިއެކި މަޝްރޫއުތަކަށް 124.6 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާކަންވެސް ފާހަގަކޮށްލެވެއެވެ. ހަމައެއާއެކު ޕީ.އެސް.އައި.ޕީ އާ ގުޅޭ ތަފާތު އެކި ސިޔާސަތުތައް ހަރުދަނާކުރުމަށް މިއަހަރުގެ ތެރޭގައި ސަރުކާރުން ކުރަމުންދާ ގިނަ މަސައްކަތްތަކާއެކު، މިފަދަ ޕްރޮގްރާމްތަކަށް ދައުލަތުގެ ބަޖެޓުން ކުރާ ޖުމުލަ ޚަރަދު ވަނީ ކުޑަކުރެވިފައެވެ.

މިއާއެކު، ފާއިތުވި ހަފްތާގެ ނިޔަލަށް ދައުލަތުގެ ބަޖެޓުން 24.8 ބިލިއަން ރުފިޔާ ހޭދަކޮށްފައިވާއިރު، އަދި ނިމިގެންދިޔަ އަހަރު މި މުއްދަތުގެ ތެރޭގައި ކޮށްފައިވާ ޚަރަދާ އަޅައިބަލާއިރު މިއަހަރުގެ ޚަރަދު 15.6 އިންސައްތަ ދަށެވެ. އެއާއެކު، ދައުލަތުގެ ބަޖެޓުގެ އޯވަރއޯލް 534.6 މިލިއަން ރުފިޔާގެ ސަރޕްލަސެއްގައި ވަނީ ދެމެހެއްޓިފައި ކަމަށް ވެސް އެ ރިޕޯޓުން ފާހަގަ ކުރެވެއެވެ.

ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް