logo
logo
ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަން ތިން ބޭފުޅަކަށް!

ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަން ތިން ބޭފުޅަކަށް!

2025 ޖުލައި 27
ޒައުޖަތު އަޙުމަދުޒައުޖަތު އަޙުމަދު

ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަން (ނ.ޢ.ޢ.ވ.) 3 ބޭފުޅަކަށް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، އަރުވައިފިއެވެ.

މި ޢިއްޒަތް އެ 3 ބޭފުޅުންނަށް އެރުވީ މިއަދު ހެނދުނު ބޭއްވި މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައެވެ.

"ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަން" މި ޢިއްޒަތް އެރުވި އެއް ބޭފުޅަކީ ޗީފް ޖަސްޓިސް ރިޓަޔަރޑް އަލްއުސްތާޒު އަޙްމަދު މުޢުތަޞިމް ޢަދުނާނެވެ.

ޗީފް ޖަސްޓިސް ރިޓަޔަރޑް އަލްއުސްތާޒު އަޙްމަދު މުޢުތަޞިމް ޢަދުނާނަކީ، ޝަރުޢީ ދާއިރާގެ ކަންކަން ހަރުދަނާކުރެއްވުމަށާއި، ރާއްޖޭގެ ޝަރުޢީ އަދި ޤާނޫނީ ދާއިރާއަށް މީހުން ބިނާކުރެއްވުމަށާއި، ރާއްޖޭގެ ޚާރިޖީ ދާއިރާގައި ޤާނޫނީ ލަފާދެއްވާ ބޭފުޅެއްގެ ގޮތުގައި ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވި ބޭފުޅެކެވެ.

ޤާސިމް އިބުރާހީމަށް އަރުވާފައި ވަނީ ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަން (ނ.ޢ.ޢ.ވ.)، ނިޝާން މުލީގޭ ޝަރަފެވެ.

ޤާސިމް އިބްރާހީމް އަބަދުވެސް މަސައްކަތް ކުރައްވަނީ، ކުރައްވާ ކޮންމެ ކަމެއްގައިވެސް އެންމެ ކުރިއަށް ވަޑައިގަތުމަށެވެ. އުމުރުފުޅުން 26 އަހަރުގައި އަމިއްލަފުޅު ގޯތި، ބޭންކުގައި މޯގޭޖް ކުރައްވައި، -/15,000 (ފަނަރަހާސް) ރުފިޔާގެ ލޯނެއް ނަންގަވައިގެން، ތ. އަތޮޅުފިހާރައިގެ ހުޅަނގު ބައިގައި 1976ވަނަ އަހަރުގެ ތެރޭގައި، ޤާސިމްގެ ވިޔަފާރީގެ ބިންގާ އެޅުއްވިއެވެ. އެހިސާބުން ފެށިގެން ފަސްޖެހިވަޑައިގަތުމެއްނެތި، ވިޔަފާރީގައި ކުރިއަށް ވަޑައިގެންނެވީއެވެ.

މިއަދު ރަސްމިއްޔާތުގައި، ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަން (ނ.ޢ.ޢ.ވ.)، އެރުވި އަނެއް ބޭފުޅަކީ ޙަސަން ޞާބިރެވެ.

ޙަސަން ޞާބިރު ފާހަގަވެގެންދަނީ، ދިވެހި ޤައުމުގެ އިޤުތިޞާދާ ބެހޭ ހުރިހާ ދާއިރާއެއްގައި ދިގު މުއްދަތެއް ވަންދެން ޚިދުމަތް ކުރެއްވި ބޭފުޅެއްގެ ގޮތުގައެވެ. އެ ދާއިރާތަކުގެ ތެރޭގައި، ފަތުރުވެރިކަމާއި، މަސްވެރިކަމާއި، ދަނޑުވެރިކަން ހިމެނެއެވެ. އަދި، ރާއްޖޭގެ ތަރައްޤީގެ މަޝްރޫޢުތައް ރޭއްވެވުމާއި ހިންގެވުމުގައްޔާއި، ޚާރިޖީ ދާއިރާގައި އެ މަނިކުފާނު ކުރައްވައިފައިވާ އަގުހުރި ޚިދުމަތްތަކާއި، މިހާރުވެސް އެ ދާއިރާގައި ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތައް ރައީސް އޮފީހުން ފާހަގަކޮށްފައިވެއެވެ.

މީގެއިތުރުން ދައުލަތަށް 40 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތް ކޮށްދެއްވި 94 ބޭފުޅަކަށް ދައުލަތުން ދެއްވާ ޝަރަފްގެ ކުލައާއި އައްޑަން އެރުވުން ވެސް މިޙަފްލާގައި ކުރިއަށް ގެންދިޔައެވެ. މި ބޭފުޅުންނަށް ވެސް ކުލައާއި އައްޑަނަ ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ.

 

 

 

ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް