logo
logo
ދިވެހިރާއްޖޭގެ މިނިވަން ދުވަހު އައު ޓަރމިނަލް ހުޅުވީ ކީއްވެ!

ދިވެހިރާއްޖޭގެ މިނިވަން ދުވަހު އައު ޓަރމިނަލް ހުޅުވީ ކީއްވެ!

2025 ޖުލައި 27
ޒައުޖަތު އަޙުމަދުޒައުޖަތު އަޙުމަދު

ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގެ އައު ޓަރމިނަލް ރާއްޖޭގެ މިނިވަން ދުވަހު ހުޅުވީ ރާއްޖޭގެ އިޤްތިޞާދީ މިނިވަންކަމުގެ އެންމެ މުހިންމު ތަނބަކީ ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓް ކަމަށް ވާތީ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގެ އައު ޕެސެންޖަރ ޓަރމިނަލް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގެ އައު ޕެސެންޖަރ ޓަރމިނަލްގެ މަސައްކަތް އަވަސްކޮށް، މިއަހަރުގެ މިނިވަން ދުވަހާ ގުޅުވައިގެން ހުޅުވުމަށް އެމަނިކުފާނު ނިންމެވީ ވަރަށް ޚާއްސަ ސަބަބެއް އޮތުމުން ކަމަށެވެ.

އެގޮތުން، ރާއްޖޭގެ މިނިވަންކަން ދެމެހެއްޓުމުގައި އިޤްތިޞާދީ މިނިވަންމަކީ މުހިންމު ކަމެއްކަމަށާ އަދި އެއީ އިޤްތިޞާދީ މިނިވަންކަމުގެ އެންމެ މުހިއްމު ތަނބަކީ ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުކަމަށާއި، އެއާޕޯޓުގެ އެންމެ މުހިއްމު ތަނބަކީ އަލަށް ހުޅުވުނު ޓަރމިނަލް ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ އައު ޓަރމިނަލާއެކު ރާއްޖޭގެ އިޤްތިޞާދު ފުޅާކޮށް، ކުރިއަރައިގެންދާނެ ކަމަށާ މިފަދަ ކަންކަމުގައި ދިވެހިން ގުޅިގެން މަސައްކަތްކުރަންޖެހޭ ކަމަށާއި ކޮންމެ ރައްޔިތަކުވެސް އަބަދުވެސް އިސްކުރަންވީ އަމިއްލަ މަސްލަހަތަށްވުރެ ޤައުމުކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ އައު ޓަރމިނަލްގެ ތަރައްޤީގައި ބައިވެރިވި ދެ ސަރުކާރުގެ ރައީސުންނަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ޓަރމިނަލްގެ ތަރައްގީގައި ސައުދީ ފަންޑް ފޯ ޑިވެލޮޕްމަންޓާއި ކުވައިތު ފަންޑާއި އަބޫދާބީ ފަންޑާއި އޯޕެކް ފަންޑުން ވެދެއްވި އެހީތެރިކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ޝުކުރު އަދާކުރެއްވިއެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގެ އައު ޓަރމިނަލަކީ ޒަމާނީ ގިނަ ޚިދުމަތްތަކާއެކު ތަރައްޤީކުރެވިފައިވާ ޓަރމިނަލެކެވެ. އައު ޓަރމިނަލްގެ ބޮޑުމިނުގައި ޖުމްލަ 72،000 އަކަ މީޓަރު ހުރެއެވެ.

އެގޮތުން މި ޓަރމިލަނުގައި ހުރި ބައެއް ޒަމާނީ ޚިދުމަތްތަކުގެ ތެރޭގައި:

ޑިޕާޗަރ ހޯލުގައި 47 ޗެކިން ކައުންޓަރު

އަމިއްލައަށް ޗެކިން ކުރެވޭ 6 ސެލްފް ސާވިސް ޗެކިން ކިއޮސްކް

ސީޕްލޭންއަށް ހާއްސަ 24 ޗެކިން ކައުންޓަރ

ފުރާމީހުންނަށް ޙާއްސަކޮށް 20 އަށް ވުރެ ގިނަ އިމިގްރޭޝަން ކައުންޓަރު

ފުރާމީހުންނަށް ޚާއްޞަ 6 އީގޭޓް

އަންނަ މީހުންނަށް ޙާއްސަކޮށްގެން 28 އިމިގްރޭޝަން ކައުންޓަރު

އަންނަ މީހުންނަށް ޙާއްސަކޮށްގެން 7 އީ ގޭޓު

ޓަރމިނަލުގައި 12 އެއިރޯ ބްރިޖް

ޓަރމިނަލްގައި މުޅިން އަލަށް ބޭނުންކުރާ، ޒަމާނީ ވަސީލަތްތަކާއެކު އޭސީ ކުރެވިފައިވާ އެއިރޯ ބްރިޖްތަކުގެ ސަބަބުން ފްލައިޓުން މީހުން ބޭލުމަށް ހޭދަވާ ވަގުތު 8 މިނިޓަށް ކުޑަވެގެންދާނެ ކަމަށް އެމްއޭސީއެލްއިން ވަނީ ވިދާޅުވެފައެވެ.

މީގެއިތުރުން އައު ޓަރމިނަލުގައި ބޭނުން ކުރާނީ އެންމެ ޒަމާނީ ބެގޭޖް ސްކޭން ކުރާ ނިޒާމުތައް ކަމަށާއި ބެގޭޖް ދޫކުރުމާއި ފުރާ މީހުންގެ ބެގޭޖް ފޮނުވުމަށް ބޭނުންކުރާނީ ހައި ސްޕީޑް ބެގޭޖް ބެލްޓު ތަކެއް ކަމަށް އެމްއޭސީއެލްއިން ވަނީ ވިދާޅުވެފައެވެ.

ރާއްޖޭގެ 60 ވަނަ މިނިވަން ދުވަހާއި ދިމާކޮށް ރޭ ހުޅުވުނު ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓްގެ އައު ޓަރމިނަލް ބޭނުން ކުރަން ފަށާއިރު ފުރަތަމަ ޚިދުމަތް ދޭނީ މޯލްޑިވިއަން އެއަރލައިނަށް ކަމަށާ އަދި ސެޕްޓެމްބަރު މަހުގައި ރާއްޖެ އަންނަ ބޮޑެތި އެއަރލައިންތަކަށް ޚިދުމަތް ދޭން ފަށާނެ ކަމަށް އެމްއޭސީއެލްއިން ވަނީ ހާމަކޮށްފައެވެ.

ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް