logo
logo
އެހެން ޤައުމުތަކުގެ އެހީތެރިކަން ހޯދި ނަމަވެސް މިޤައުމުގެ ކޮންމެ އަކައިންޗިއެއް ބަހަލައްޓާނީ ދިވެހީން އަމިއްލައަށް: ރައީސް

އެހެން ޤައުމުތަކުގެ އެހީތެރިކަން ހޯދި ނަމަވެސް މިޤައުމުގެ ކޮންމެ އަކައިންޗިއެއް ބަހަލައްޓާނީ ދިވެހީން އަމިއްލައަށް: ރައީސް

2025 ޖުލައި 26
ޒައުޖަތު އަޙުމަދުޒައުޖަތު އަޙުމަދު

އަޅުގަނޑުމެންނަކީ ފަޚުރުވެރި މިނިވަން ޤައުމެއް ކަމަށާއި އެހެން ޤައުމުތަކުގެ އެހީތެރިކަން ހޯދި ނަމަވެސް މިޤައުމުގެ ކޮންމެ އަކައިންޗިއެއް ބަހަލައްޓާނީ އަޅުގަނޑުމެން އަމިއްލައަށް ކަމަށް ރައީސުލްޖުމުހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ މިއަދު ފާހަގަކުރާ ދިވެހިރާއްޖޭގެ 60 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި އެ ދެ މުއައްސަސާއާ އެމަނިކުފާނު ބައްދަލުކުރެއްވުމަށް ބޭއްވެވި ރަސްމިއްޔާތުގައި ދިވެހި ސިފައިންނާއި ފުލުހުންނާ މުޚާތަބުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ރާއްޖޭގެ ތާރީޚްގައި ފުރަތަމަ ފަހަރަށް ދިވެހި ސިފައިންނާއި ދިވެހި ފުލުހުން އެކުގައި ބައިވެރިވި މި ޚާއްސަ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ދިވެހި ސިފައިންނާއި ފުލުހުންނަށް ސަރުކާރުން ޚާއްޞަ އިސްކަމެއްދެއްވާކަމަށާ އެކަމާ ބައެއް ފަރާތްތަކުން ސުވާލުއުފައްދަވާކަމަވެ.

އެމަނިކުފާނު ވިދާޅުވީ ދިވެހި ޤައުމު އަބަދުވެސް އޮންނަންޖެހޭނީ ރައްޔިތުން ހިމާޔަތްކުރުމަށް ތައްޔާރަށްކަމަށާ ރާއްޖޭގެ ވަށައިގެންވާ ކަނޑުގެ ސަރަޙައްދު ބޮޑުކަން ފާހަގަކުރައްވައި، އާބާދީ ކިތަންމެ ކުޑަނަމަވެސް ޤައުމުގެ ކަންކަން ބަލަހައްޓާނީ އަޅުގަނޑުމެން އަމިއްލައަށް ކަމަށެވެ.

ފަންނީގޮތުންނާއި ތަކެތީގެ ގޮތުން އެހެން ޤައުމުތަކުގެ އެހީތެރިކަން ހޯއްދަވަންޖެހޭނެކަން ފާހަގަކުރައްވައި ރައީސުލްޖުމުހޫރިއްޔާ ވިދާޅުވީ އެކަމުގައި ސަރުކާރު އޮންނާނީ ހުރިހާ ޤައުމަކާއިވެސް އެކުގައިކަމަށެވެ. ނަމަވެސް، އެހެން ބަޔަކުއައިސް ދިވެހި ޤައުމުގެ ކަންކަމާއި ޙަވާލުވުމަކީ ސަރުކާރުގެ ސިޔާސަތެއްނޫންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ދިވެހި ކޮންމެ ރައްޔިތެއްގެ ހިތުގައި، ދިވެހިރާއްޖެ މިނިވަންކޮށްދެއްވުމަށް މަސައްކަތްކުރެއްވި ޤައުމީ އަބުޠާލުން ވެވަޑައިގެންނެވި މަތިވެރި ޤުރުބާނީއަށް ޝުކުރުވެރިވާންޖެހޭ ކަމަށާ އަންނަން އޮތް ޖީލަށް ޤައުމު މިނިވަންކަންމަތީ، ސަލާމަތްތެރިކަމާއި އެކީ ފޯރުކޮށްދެއްވުމަކީ ޒިންމާއެއް ކަމަށެވެ.

ދިވެހިރާއްޖެއަކީ މިނިވަންކަމާއެކު ދިގު މާޒީއެއް ހޭދެކުރި ޤައުމެއްކަމަށާ މިނަވަންކަން ގެއްލިގެންދިޔަ މަދުފަހަރެއްގައި، އެ މިނިވަންކަން ހޯއްދެވުމުގައި ޤައުމުގެ އަސްކަރީ ބާރާއި ސަލާމަތީ ޚިދުމަތްތަކުން ކުރެއްވި މަސައްކަތް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ދިވެހި ސިފައިންނަށާއި ފުލުހުންގެ މުޢައްސަސާ ކުރިއެރުވުމަށްޓަކައި ކޮށްދޭންޖެހޭ ކަންކަމަށް އިސްކަންދެއްވުމަކީ ކޮންމެ ސަރުކާރެއްގެ ވެސް އެންމެ އިސް ވާޖިބުކަމަށް ވާންޖެހޭކަމަށާ އެމަނިކުފާނުގެ ސަރުކާރު އެގޮތުގައި ދެމިއޮންނާނެ ކަމަށާއި އެއީ އެމަނިކުފާނަށް ލިބިވަޑައިގަންނަވާ ފަޚުރެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.

ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް