logo
logo
ޓޫރިސްޓް ހޮޓަލަކާއިއެކު މާފަރު އެއާޕޯޓް ތަރައްޤީކުރަން މަޝްވަރާކުރަމުން އަންނަ ކަމަށް ރައީސް ވިދާޅުވެއްޖެ!

ޓޫރިސްޓް ހޮޓަލަކާއިއެކު މާފަރު އެއާޕޯޓް ތަރައްޤީކުރަން މަޝްވަރާކުރަމުން އަންނަ ކަމަށް ރައީސް ވިދާޅުވެއްޖެ!

2025 ޖުލައި 21
ޒައުޖަތު އަޙުމަދުޒައުޖަތު އަޙުމަދު

ޓޫރިސްޓުން މަޑުކޮށްލާނެ ހޮޓަލަކާއި އައު ޓާމިނަލް ހިމެނޭހެން މާފަރު އިންޓަރނޭޝަނަލް އެއާޕޯޓް ތަރައްޤީކުރަން މަޝްވަރާކުރަމުން އަންނަ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ނ. އަތޮޅުގެ 13 ރަށަކަށް މިއަދު ފެއްޓެވި ރަސްމީ ދަތުރުފުޅުގައި މާފަރަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ.

އެމަނިކުފާނު ވިދާޅުވީ އެއާޕޯޓުގެ ތަރައްޤީއަށް ވަރަށް ގިނަ ކަންކަން ސަރުކާރުން ޕްލޭން ކުރަމުން އަންނަ ކަމަށާ މި ފަހުން އެއާޕޯޓް ތަރައްޤީގެ މަސައްކަތްތައް ކުރި ފަރާތާ ވެސް ވާހަކަތައް ދައްކަމުން އަންނަ ކަމަށެވެ. އަދި އެ ބޭފުޅުންގެ ޝައުގުވެރިކަން ވެސް އެކަމުގައި ހުރި ކަމަށާ އެ ބޭފުޅުން ވެސް ދަނީ އެކަމުގައި ދިރާސާތައް ހައްދަވަމުން ކަމަށް ރައީސް ވިދާޅުވި އެވެ.

"ވަށާޖެހިފައިވާ ފުރިހަމަ އެއާޕޯޓަކަށް ހެދުމަށް މިދެންނެވި ކަންކަމަށް ރިއާޔަތް ކުރެވިގެން، ޓާމިނަލާއި އަދި ދެން ވެސް މިހުރި ކަންކަން ކުރުމުގެ ވިސްނުމުގައި އަޅުގަނޑުމެން މި ކުރިއަށް ދަނީ." ރައީސް ވިދާޅުވިއެވެ.

ރައީސްގެ ވާހަކަފުޅުގައި އެމަނިކުފާނު ވަނީ މާފަރު އެއާޕޯޓުގެ ތަރައްޤީއަށް އިތުރަށް ކުރަން ހުރި މަސައްކަތްތައް ވަރަށް އަވަހަށް ފަށާނެ ކަމުގެ ޔަގީންކަން ރައްޔިތުންނަށް ދެއްވައިފައެވެ.

މާފަރުގައި އެއާޕޯޓެއް ތަރައްޤީކުރުމުގެ މަސައްކަތް ފެށީ 2018 ގައެވެ. މި އެއާޕޯޓެއް އެޅުމަށް ބޭނުންވާ ހުރިހާ ޚަރަދެއް ކުރަނީ އަބޫދާބީ ފަންޑު ފޯ ޑިވެލޮޕްމަންޓް (އޭޑީއެފްޑީ) އިންނެވެ.

 

 

ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް