
2 ފުރޮޅަށްވުރެ ގިނަ ފުރޮޅުލީ އުޅަނދު ދެން ރާއްޖެއަށް އެތެރެކުރެވޭނީ ޚާއްޞަ ހުއްދައެއް ނަގައިގެން!
ޒައުޖަތު އަޙުމަދު13 ޖުލައި 2025 އިން ފެށިގެން 2 ފުރޮޅަށް ވުރެ ގިނަ ފުރޮޅުލީ އެއްގަމު އުޅަނދު ރާއްޖެއަށް އެތެރެކުރެވޭނީ އެކަމަށް ޚާއްޞަ ހުއްދައެއް ނަގައިގެން ކަމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާބެހޭ ވުޒާރާއިން ބުނެފިއެވެ.
މި ބަދަލު އައިސްފައިވަނީ ރާއްޖެއަށް ހަތަރު ފުރޮޅުލީ އުޅަނދު އެތެރެކުރުމުގެ ޤަވާޢިދު އިޞްލާހުކޮށް، އެއަށް ޢަމަލުކުރަން ފަށާފައިވާތީއެވެ.
ދަތުރުފަތުރާބެހޭ ވުޒާރާއިން ބުނީ އުޅަނދުފަހަރު ރާއްޖެ އެތެރެކުރުމުގެ ހުއްދައަކީ މީގެ ކުރިންވެސް ދަތުރުފަތުރާބެހޭ ވުޒާރާއިން ދެމުން އައި ހުއްދައެއް ކަމަށާ ނަމަވެސް، އެކި ސަބަބުތަކާ ގުޅިގެން ފާއިތުވި 5 އަހަރު ވަނީ މި ހުއްދަ ދިނުން ހުއްޓާލާފައި ކަމަށާ އަލުން މި މަސައްކަތް ފަށާފައިވާއިރު، ރާއްޖެ އެތެރެކުރެވޭ 2 ފުރޮޅަށް ވުރެ ގިނަ ފުރޮޅުލީ އުޅަނދު ބާއްވާނެ ޖާގައެއް އޮތްތޯ ކަށަވަރުކުރެވޭނެ ނިޒާމާއެކު މިކަން ކުރިއަށްދާނެ ކަމަށެވެ.
"މީގެ ކުރިން ހުއްދަ ދޭއިރު އެތަނަކީ ވެހިކަލް ބޭއްވޭނެ ތަނެއްތޯ ނުބެލުނު ނަމަވެސް، އަލަށް ގެނެވުނު ބަދަލާއެކު އުޅަނދު އެތެރެކުރުމަށް ހުއްދަ ދޭއިރު، އެ އުޅަނދެއް ބޭއްވުމަށް ހަމަޖައްސާ ތަނަކީ އެ އުޅަނދެއް ބޭއްވުމަށް އެކަށޭނެ ތަނެއްކަން ބެލުމަށް މި ވުޒާރާއިން ދާނެއެވެ. ހުއްދަ ދެވޭނީ މިކަންކަން ބެލުމަށްފަހުގައި ކަނޑައެޅިފައިވާ މިންގަނޑު ފުރިހަމަވާނަމައެވެ." އެ ވުޒާރާއިން ބުނެފައިވެއެވެ.
މި ބަދަލާއެކު އުޅަނދުތައް ބާއްވާނެ ޚާއްޞަ ޖާގަ ކަށަވަރުވެ، ޚާއްޞަކޮށް މާލޭގެ މަގުތަކުގެ އަމާންކަން ކަށަވަރުކުރުމަށް ކުރިއެރުން ލިބޭނެއެވެ. މި އިޞްލާޙްގެ ސަބަބުން މަގުމަތީގައި ވެހިކަލް ޕާކުކުރުމުގެ މައްސަލަތަކަށް ހައްލެއް ލިބި، ދަތުރުފަތުރުގެ ފަސޭހަކަން އިތުރުވެގެންދާނެއެވެ.
ހަތަރު ފުރޮޅުލީ އުޅަނދުތައް ގަރާޖުކުރުމުގެ ހުއްދަ ނެތި ރާއްޖެއަށް އެތެރެ ނުކުރެވޭ ގޮތަށް އެއްގަމު އުޅަނދު ރަޖިސްޓަރީކުރުމުގެ ޤަވާޢިދު އިސްލާޙުކޮށް، ގެޒެޓުގައި ޝާއިޢުކޮށްފައިވަނީ މިދިޔަ އޭޕްރީލް މަހުގެ 13 ވަނަ ދުވަހުއެވެ.
މި ޤަވާޢިދު އިސްލާޙުކުރުމުގެ މައިގަނޑު މަޤްޞަދަކީ އެއްގަމު އުޅަނދު އެތެރެކުރުމުގެ ކަންކަން ހަރުދަނާކޮށް، ޤަވާޢިދެއްގެ ދަށުން މިފަދަ ކަންކަން ހިންގުން ކަމަށް ދަތުރުފަތުރާބެހޭ ވުޒާރާއިން ބުނެއެވެ.
ދަތުރުފަތުރާ ބެހޭ ވުޒާރާއިން ވަނީ 2 ފުރޮޅަށްވުރެ ގިނަ ފުރޮޅުލީ އުޅަނދެއް ރާއްޖެއަށް އެތެރެކުރުމަށް އެ ވުޒާރާގެ ޕޯޓަލް (eportal.mta.gov.mv) މެދުވެރިކޮށް ހުށަހެޅޭނެ ގޮތް ހަދައިފައެވެ. އަދި މި ޚިދުމަތަށް އެދޭ ފޯމް އެ ވުޒާރާގެ ވެބްސައިޓުގެ އިތުރުން ރިސެޕްޝަނުން ވެސް ލިބެންހުންނާނެ ކަމަށް އެ ވުޒާރާއިން ވަނީ ބުނެފައެވެ.
ADVERTISE SLOT
Promote Your Brand Where It Matters Most
އިތުރަށް
ޓެކްސީ ޚިދުމަތަކީ ހަމައެކަނި ވިޔަފާރިއެއް ނޫން، އެއީ އާންމު ޚިދުމަތެއް: ދަތުރުފަތުރާބެހޭ ވުޒާރާ2026 ޖެނުއަރީ 05
ޕާކިން ސްލޮޓްތައް ކެންސަލް ކުރަން ދަތުރުފަތުރާބެހޭ ވުޒާރާއިން އަންގައިފި2025 ސެޕްޓެމްބަރު 08
މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓުގައި ފުރަތަމަ ފަހަރަށް ވައިޑް ބޮޑީ މަތިންދާބޯޓެއް ޖައްސައިފި!2025 މޭ 20
ހަތަރު ފުރޮޅުލީ އުޅަނދު ރާއްޖެ އެތެރެކުރާނަމަ އުޅަނދު ބާއްވާނެ ތަން ދައްކަންޖެހޭ!2025 އޭޕްރީލު 13