logo
logo
މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓުގައި ފުރަތަމަ ފަހަރަށް ވައިޑް ބޮޑީ މަތިންދާބޯޓެއް ޖައްސައިފި!

މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓުގައި ފުރަތަމަ ފަހަރަށް ވައިޑް ބޮޑީ މަތިންދާބޯޓެއް ޖައްސައިފި!

2025 މޭ 20
ޒައުޖަތު އަޙުމަދުޒައުޖަތު އަޙުމަދު

މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓުގައި ފުރަތަމަ ފަހަރަށް ވައިޑް ބޮޑީ މަތިންދާބޯޓެއް ޖައްސައިފިއެވެ.

ދަތުރުފަތުރާ މަދަނީ އުދުހުންތަކާބެހޭ ވުޒާރާއިން ހާމަކުރި ގޮތުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓުގެ ސެޓިފިކޭޝަން ޕްރޮސެސްގެ މުހިންމު މަރުހަލާއެއްގެ ގޮތުގައި، އެއަރޕޯޓަށް ފުރަތަމަ ފަހަރަށް ވައިޑް-ބޮޑީ މަތިންދާބޯޓެއް ކަމަށްވާ ބޮއިންގ 777 ގެ ފްލައިޓެއް ޖައްސައިފިއެވެ.

މިއީ މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓަކީ ރާއްޖޭގެ މުހިންމު އޭވިއޭޝަން ހަބަކަށް ހެދުމުގެ މަސައްކަތުގެ މުހިންމު ފިޔަވަޅެއް ކަމަށް އެ ުޒާރާއިން ބުނެއެވެ.

ބޮއިންގ 777 ގެ ފްލައިޓު މާފަރު އެއަރޕޯޓުގައި ޖެއްސުމަކީ، އެއަރޕޯޓުގައި ވައިޑް-ބޮޑީ މަތިންދާބޯޓު ޖެއްސުމުގެ ޤާބިލުކަން ހުރިތޯ ބެލުމަށް ކުރިއަށްދާ ސެޓިފިކޭޝަން ޕްރޮސެސްގެ ބައެކެވެ. މީގެ ތެރޭގައި ރަންވޭގެ ޤާބިލުކަން ޓެސްޓުކުރުމާއި، ގްރައުންޑް ހޭންޑްލިންގ އެސެސްމަންޓްތަކާއި، ނެވިގޭޝަން އަދި އެއަރ ޓްރެފިކް ކޮންޓްރޯލް އިވެލުއޭޝަންތައް ހިމެނެއެވެ. 

ނ. އަތޮޅުގައި ހުންނަ މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓުގައި ވައިޑް-ބޮޑީ މަތިންދާބޯޓު ޖެއްސުމަށް ތައްޔާރުވުމުގެ ގޮތުން ވަނީ ފުޅާ ދާއިރާއެއްގައި އަޕްގްރޭޑްތަކެއް ގެނެވިފައެވެ. މީގެ ތެރޭގައި 2.2 ކިލޯމީޓަރުގެ ރަންވޭ 2.8 ކިލޯމީޓަރަށް ދިގުކުރުމާއި، އެޕްރަން ކެޕޭސިޓީ އިތުރުކޮށް 13 ޖެޓުގެ ބަދަލުގައި 26 ޖެޓު ޕާކުކުރެވޭ ވަރަށް ތަނަވަސްކުރުން ހިމެނެއެވެ. މި މަސައްކަތްތައް ކުރިއަށް ގެންގޮސްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމް.ޓީ.ސީ.ސީ) އިންނެވެ. 

2019 ގައި ހުޅުވުނު މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓުގެ ބައިނަލްއަޤްވާމީ އޮޕަރޭޝަންތައް ވަނީ 2024 ގެ މެއި މަހު ވަގުތީގޮތުން ހުއްޓާލާފައެވެ. މިހާރު މި އަޕްގްރޭޑްތައް ނިމި، އެއަރޕޯޓުގެ އޮޕަރޭޝަންތައް އަލުން ފަށާފައިވާއިރު، މިއީ ރާއްޖޭގެ އޭވިއޭޝަން ވިއުގައިގައި މާފަރު އެއަރޕޯޓުގެ ދައުރު އިތުރަށް ފުޅާވެގެންދާނެ ކަމެކެވެ. 

މި ތަރައްޤީއާއެކު ބައިނަލްއަޤްވާމީ ފަތުރުވެރިންނަށް ދަތުރުކުރުމަށް ހޭދަވާ ވަގުތު މަދުވެ، ދަތުރުފަތުރު ފަސޭހަވެގެންދާނެއެވެ. މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓުގެ މި ތަރައްޤީއާއެކު، ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީއަށާއި މުޅި އިޤްތިޞާދަށް އިތުރު ކުރިއެރުންތަކެއް ލިބި، ބައިނަލްއަޤްވާމީ ދަތުރުފަތުރުގެ ވިއުގައިގައި ރާއްޖޭގެ މަޤާމު އިތުރަށް ވަރުގަދަވެގެންދާނެ ކަމަށް ބެލެވެއެވެ. 

ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް