logo
logo
ފަލަސްޠީނުގައި ޔަހޫދީން ހިންގާ ޤަތުލުއާންމު ހުއްޓުވުމަށް އަވަސް ފިޔަވަޅުތަކެއް އެޅުމަށް ރާއްޖެއިން ގޮވާލައިފި!

ފަލަސްޠީނުގައި ޔަހޫދީން ހިންގާ ޤަތުލުއާންމު ހުއްޓުވުމަށް އަވަސް ފިޔަވަޅުތަކެއް އެޅުމަށް ރާއްޖެއިން ގޮވާލައިފި!

2025 ޖުލައި 10
ޒައުޖަތު އަޙުމަދުޒައުޖަތު އަޙުމަދު

ފަލަސްޠީނުގައި ޔަހޫދީން ހިންގާ ޤަތުލުއާންމު ހުއްޓުވުމަށް އަވަސް ފިޔަވަޅުތަކެއް އެޅުމަށް ރާއްޖެއިން ގޮވާލައިފިއެވެ.

ދިވެހި ޚާރިޖިއްޔާއިން ހާމަކުރެއްވި ގޮތުގައި ސެންގާލްގެ ވެރިރަށް ޑާކާރގައި ބޭއްވި "ކޮންފަރެންސް އޮން ދަ ކުއެއްޝަން އޮފް ޖެރޫސަލަމް" ގައި އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯ.އައި.ސީ.) އަށް ދިވެހިރާއްޖެ އިން ކަނޑައަޅުއްވައިފައި ހުންނަވާ ދާއިމީ މަންދޫބު، އަދި ސައުދީ އަރަބިއްޔާއަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވައިފައި ހުންނަވާ ސަފީރު އަލްފާޟިލް އަޙްމަދު ސަރީރު ދިވެހިރާއްޖެ ތަމްސީލްކޮށް ބައިވެރިވެވަޑައިގެން ތަޤްރީރުކުރެއްވިއެވެ.

އ.ދ. ގެ ކޮމިޓީ އޮން ދަ އެކްސަސައިޒް އޮފް ދަ އިންއޭލިއަނަބަލް ރައިޓްސް އޮފް ދަ ޕަލަސްޓީނިއަން ޕީޕަލް (ސީ.އައި.އާރް.ޕީ.ޕީ.) އަދި އޯ.އައި.ސީ. އިން އިންތިޒާމުކޮށްގެން ބޭއްވި މި ބައްދަލުވުމުގެ ޝިޢާރަކީ "ޕަލަސްޓީނިއަން އޮޕްރެޝަން އެންޑް ޑިސްޕްލޭސްމަންޓް އިން ޖެރޫސަލަމް އިން ދަ ޝެޑޯ އޮފް ދަ ވޯ: އަ މައިކްރޮކޯސޮމް އޮފް ދަ ސިޓުއޭޝަން ތުރޫއައުޓް ދަ އޮކިއުޕައިޑް ޕަލަސްޓީނިއަން ޓެރިޓަރީސް"އެވެ.

ސަރީރުގެ ވާހަކަފުޅުގައި، އިރުމަތީ ޤުދުސްއާއި ވެސްޓް ބޭންކް އަދި ޣައްޒާގައި މެދުކެނޑުމެއްނެތި ހިނގަމުންދާ ހަމަނުޖެހުންތަކާއި އޭގެ ސަބަބުން ފަލަސްތީނުގެ ރައްޔިތުން ތަހައްމަލުކުރަމުންދާ އަނިޔާއާމެދު ކަންބޮޑުވުން ފާޅުކުރެއްވިއެވެ. އަދި، އެ މަނިކުފާނު އިސްރާއިލުގެ އިސްތިޢުމާރީ ސިޔާސަތުތައް ސިފަކުރެއްވީ ނިޒާމީ އަދި ފުޅާ ދާއިރާއެއްގައި ބާރުގެ ބޭނުން ކޮށްގެން ފަލަސްތީނުގެ ރައްޔިތުން އެ މީހުންގެ އަމިއްލަ ބިމުން ނެރުމާއި، އެ މީހުންގެ މުދަލާއި ވަސީލަތްތައް އަތުލުމާއި، އަދި އެމީހުންގެ އިންސާނީ ހައްގުތަކާއި ކަރާމާތް ނިގުޅައިގަތުމަށް މަގުފަހިކުރާ ކަންތައްތަކެއްގެ ގޮތުގައެވެ.

މި އިސްތިއުމާރާއި ހަމަނުޖެހުންތައް ނިމުމަކަށް ގެނައުމުގެ މުހިންމުކަން ފާހަގަކުރައްވައި، އިސްރާއީލުން މެދު ކެނޑުމެއް ނެތި ހިންގަމުންދާ ލާއިންސާނީ އަމަލުތައް މިހާރުން މިހާރަށް ހުއްޓުމަކަށް ގެނެސް، ފަލަސްތީނުގެ ރައްޔިތުން ކުރިމަތިލަމުންދާ އަނިޔާއަށް އަވަސް ހައްލެއް ހޯދުމަކީ މި ވަގުތަށް އެންމެ މުހިންމު ކަންތައްތައް ކަމުގައި އެ މަނިކުފާނު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، މި މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢިން ސާބިތުކަމާއެކު މަސައްކަތްކުރުމަށް ސަފީރު ގޮވާލެއްވިއެވެ.

ސީ.އައި.އާރް.ޕީ.ޕީ. އުފައްދާފައިވަނީ 1975 ވަނަ އަހަރު އ.ދ. ގެ އާއްމު މަޖިލީހުގެ ޤަރާރު ނަންބަރު 3376 އިންނެވެ. މި ކޮމިޓީގެ މަޤްސަދަކީ ފަލަސްޠީނުގެ ރައްޔިތުންނަށް އެމީހުންގެ ޙައްޤުތައް ކަމުގައިވާ ބޭރުގެ ނުފޫޒަކާ ނުލައި އަމިއްލަ ނިންމުންތައް ނިންމުމުގެ ޙައްޤާއި، މިނިވަން މުސްތަޤިއްލު ދައުލަތެއް ޤާއިމުކުރުމުގެ ހައްޤާއި، ޤައުމީ މިނިވަންކަމާއި ސިޔާދަތީ ބާރު ހިންގުމުގެ ހައްޤާއި، އަދި ބިމާއި މުދާ އަލުން ހޯދައި ލިބިގަތުމުގެ ޙައްޤު ލިބިދިނުމަށްޓަކައި ތަންފީޛުކުރާނެ ޕްރޮގްރާމެއް ހުށަހެޅުމެވެ. މި ކޮމިޓީގެ ހުށަހެޅުންތައް ވަނީ އ.ދ. ގެ އާއްމު މަޖިލީހުން ފާސްކޮށްފައެވެ.

އަދި މި ކޮމިޓީއިން ކޮންމެ އަހަރަކު އ.ދ. ގެ އާއްމު މަޖިލީހަށް ރިޕޯޓު ހުށަހަޅައެވެ. އަދި، ދިވެހިރާއްޖެއަކީ 1976 ވަނަ އަހަރުން ފެށިގެން އޯ.އައި.ސީ.ގައި ޢަމަލީ ގޮތުން ހަރަކާތްތެރިވަމުން އަންނަ އެ ޖަމުޢިއްޔާގެ މެމްބަރު ޤައުމެކެވެ.

ޒަޔަނިސްޓް ޔަހޫދީ ސަރުކާރުން 2023 ވަނަ އަހަރުގެ އޮކްޓޫބަރ 7 ވަނަ ދުވަހުން ފެށިގެން ޣައްޒާގެ ރައްޔިތުންނަށް ދެމުން އަންނަ ޢުދުވާނީ ހަމަލާތަކުގައި މިހާތަނަށް 62،614 މީހުން ޝަހީދުކޮށްފައިވާ ކަމަށް ޣައްޒާގެ ޞިއްޙީ ވުޒާރާއިން ވަނީ ހާމަކޮށްފައެވެ. މީގެއިތުރުން 14،222 މީހުން ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުގައި ވަޅުލެވިފައިވާ ކަމަށް އެ ވުޒާރާއިން ލަފާކުރެއެވެ. އަދި މި ޤަތުލުއާންމުގައި ޒަހަމްވެފައިވާ މީހުންގެ އަދަދު 111،588 އަށް އަރައެވެ.

ޣައްޒާގެ މިސްކިތްތަކާ ހޮސްޕިޓަލްތަކާ ސުކޫލްތަކާ މީހުން ދިރިއުޅޭ އިމާރާތްތައް ބިމާ ހަމަކޮށްފައިވާއިރު، ކާބޯތަކެއްޗާއި ބޭހާއި ޒަރޫރީ އެކިއެކި ސާމާނު ވެއްދުމަށް ޔަހޫދީން ހުރަސްއަޅައި ޣައްޒާގެ ރައްޔިތުން ބަނޑަށް ޖައްސަމުން އަންނަކަން ފާހަގަކޮށް ދުނިޔޭގެ ކަންކޮޅުތަކުގައި އެތައްހާސް ބަޔަކު އަޑުއުފުލަމުން މިކަމާ ދެކޮޅު ހަދަމުން ގެންދާކަން ފާހަގަ ކުރެވެއެވެ.

ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް