logo
logo
ޢަަރަބިއްޔާ ސުކޫލްގެ ކޮންކްރީޓް މަސައްކަތް ފަށައިފި، އަންނަ އަހަރުގެ ނޮވެމްބަރަށް ނިމޭނެ!

ޢަަރަބިއްޔާ ސުކޫލްގެ ކޮންކްރީޓް މަސައްކަތް ފަށައިފި، އަންނަ އަހަރުގެ ނޮވެމްބަރަށް ނިމޭނެ!

2025 ޖުލައި 09
ޒައުޖަތު އަޙުމަދުޒައުޖަތު އަޙުމަދު

ޢަރަބިއްޔާ ސްކޫލްގެ އައު އިމާރާތުގެ މަސައްކަތް އަންނަ އަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް ނިންމާލެވޭނެކަމަށް ތަޢުލީމީ ވަޒީރު ޑރ. އިސްމާޢިލް ޝަފީޢު ވިދާޅުވެއްޖެއެވެ.

ވަޒީރު މިފަދައިން ވިދާޅުވީ ޢަރަބިއްޔާ ސްކޫލްގެ ފައުންޑޭޝަން މަސައްކަތް ފަށްޓަވައިދެއްވުމަށްފަހު ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައެވެ.

ޢަރަބިއްޔާ ސްކޫލު އިމާރާތްކުރަން ކުރިން ހަވާލުކުރި ކޮންޓްރެކްޓަރު ހުށަހެޅި އަގަށްވުރެ 83 މިލިޔަން ރުފިޔާ ކުޑަކޮށް އެ މަސައްކަތް ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން، އާރުސީސީއާ ހަވާލުކޮށް އެ ސްކޫލްގެ ބިންގާ އެޅީ މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައެވެ.

މިއަދު ބޭއވި ރަސްމިއްޔާތެއްގައި ފައުންޑޭޝަން އަޅުއްވައިދެއްވުމަށްފަހު ތަޢުލީމީ ވަޒީރު ޑރ. އިސްމާޢިލް ޝަފީޢު ވިދާޅުވީ ޢަރަބިއްޔާ ސްކޫލްގެ މަސައްކަތް އަންނަ އަހަރުގެ ނޮވެމްބަރުމަހުގެ ނިޔަލަށް ނިންމާލެވޭނެކަމަށާ އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅާ އެއްގޮތަށް ޢަރަބިއްޔާ ސްކޫލްއަކީ ވަރަށް ޒަމާނީ ސްކޫލްއަކަށް ވާނެ ކަމަށެވެ.

ވަޒީރު ވިދާޅުވީ މާލޭގައި ފުރަތަމަ ފަހަރަށް ތަރައްޤީކުރާ އަންޑަރ ގްރައުންޑް ޕާކިންއާއެކު 200 އަށްވުރެ ގިނަ ސައިކަލާއި ކާރުވެސް އެތަނުގައި ޕާކްކުރެވޭނެކަމަށެވެ.

ވަޒީރު ވިދާޅުވީ ޢަރަބިއްޔާ ސްކޫލްގެ އައު އިމާރާތުގެ ގޯތިތެރޭގައި ދަރުމަވަންތަ ސްކޫލްގައިވެސް އޮތް މިންވަރުގެ ޖާގައެއް އޮންނާނެކަމަށާ ސްކޫލް ތަރައްޤީކުރަނީ މާފަންނު ސްޓޭޑިއަމްގެ ކައިރީގައިކަމަށްވުމުން އެކަމުގެ ސަބަބުންވެސް ދަރިވަރުންނަށް ފަސޭހަވާނެކަމަށެވެ.

މީގެއިތުރުން ސްކޫލްގެ ޓެރެސްގައިވެސް އެކަށީގެންވާވަރަށް ދަރިވަރުންނަށާއި މުދައްރިސުންނަށްވެސް އަދި ސިވިލް ސޮސައިޓީސްތަކަށް ބޭނުންކުރެވޭގޮތަށް އެކަށީގެންވާވަރަށް ޖާގަ އޮންނާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ކުރީގެ ދަރުމަވަންތަ ސުކޫލް ހިންގަމުން އައި ވަގުތީ އިމާރާތުގައި ހިންގަމުން އަންނަ ޢަރަބިއްޔާ ސްކޫލުގެ އައު އިމާރާތް 10 ފަންގިފިލާއަށް ތަރައްޤީ ކުރާއިރު، އެ އިމާރާތުގައި 42 ކްލާސް ރޫމާއި، މަލްޓިޕާޕަސް ހޯލަކާއި، 4 ލިފްޓުގެ އިތުރުން ސްކޫލެއްގައި ހުންނަންޖެހޭ ހުރިހާ ވަސީލަތެއް ފުރިހަމަވެފައި ހުންނާނެ ކަމަށް ތަޢުލީމީ ވުޒާރާއިން ވަނީ ބުނެފައެވެ.

ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް