logo
logo
ޤައުމީ ޤުރުއާން މުބާރާތުން މުއައްސަސާތަކުގެ ބައިން ފަޚްރުވެރި 1 ވަނަ ޢަރަބިއްޔާ ސުކޫލް ހޯދައިފި

ޤައުމީ ޤުރުއާން މުބާރާތުން މުއައްސަސާތަކުގެ ބައިން ފަޚްރުވެރި 1 ވަނަ ޢަރަބިއްޔާ ސުކޫލް ހޯދައިފި

2025 އޮކްޓޯބަރު 12
ޒައުޖަތު އަޙުމަދުޒައުޖަތު އަޙުމަދު

ޤައުމީ ޤުރުއާން ކިޔެވުމުގެ 37 ވަނަ މުބާރާތުގެ މުއައްސަސާތަކުގެ ބައިން ފަޚްރުވެރި 1 ވަނަ އަލްމަދަރުސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާ، ޢަރަބިއްޔާ ސުކޫލް ހޯދައިފިއެވެ.

މުއައްސަސާތަކުގެ ބައިން ޢަރަބިއްޔާ ސުކޫލް 1 ވަނަ ހޯދާފައިވާއިރު، މި ބައިން 2 ވަނަ ހޯދާފައި ވަނީ މިލަދުންމަޑުލު އުތުރުބުރީ އަތޮޅު ކައުންސިލްއެވެ. އަދި 3 ވަނަ ހޯދާފައި ވަނީ ފާދިއްޕޮޅު އަތޮޅު ކައުންސިލްއެވެ.

މިދިޔަ އަހުރު ބޭއްވުނު، ޤައުމީ ޤުރުއާން ކިޔެވުމުގެ 36 ވަނަ މުބާރާތުން، މުއައްސަސާތަކުގެ ބައިން 1 ވަނަ ހޯދާފައި ވަނީ އިސްކަންދަރު ސުކޫލެވެ. 2 ވަނަ ހޯދާފައިވަނީ އަމީނިއްޔާ ސުކޫލެވެ. 3 ވަނަ ހޯދާފައި ވަނީ އަރިއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލްކަން ފާހަގަ ކުރެވެއެވެ.

މި މުބާރާތުގައި ޢަރަބިއްޔާ ސުކޫލްގެ ދަރިވަރުން ހޯދާފައިވާ ކާމިޔާބީގެ ތެރޭގައި މުޅި މުބާރާތުން ޙާފިޡުންގެ ގޮފިން 2 ވަނަ - އަބާން އިބުރާހީމް، މުޅި މުބާރާތުން ބަލައިގެން ކިޔެވުމުގެ ގޮފިން 3 ވަނަ - އާކިފް ބިން އިބުރާހީމް މުޙައްމަދު އަދި މުޅި މުބާރާތުން ނުބަލާ ކިޔެވުމުގެ ގޮފިން 2 ވަނަ - ފާޠިމާ ބިންތު މުޙައްމަދު، މުޅި މުބާރާތުން ނުބަލާ ކިޔެވުމުގެ ގޮފިން 3 ވަނަ - އަރީކް ހާދީ މުޙައްމަދު ހިމެނެއެވެ.

ނިމިދިޔަ ސެޕްޓެމްބަރު މަހުގެ 18 އިން 26 ވަނަ ދުވަހުގެ ނިޔަލަށް ކިޔެވުން ކުރިއަށް ގެންގޮސްފައިވާ މި މުބާރާތުގައި 119 މުއައްސަސާއަކުން 1037 ބައިވެރިން ވާދަކުރިއެވެ.  އެއީ ބަލައިގެން ކުޔެވުމުގެ ގޮފީގައި 582 ފަރާތަކުންނާއި ނުބަލައި ކިޔެވުމުގެ ގޮފީގައި 424 ފަރާތަކުންނާއި ޙާފިޡުންގެ ގޮފީގައި 31 ޙާފިޡުންނެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މިއަހަރުގެ މުބާރާތަކީ ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ނިންމެވުމަކާއެކު ސީދާ ދަޢުލަތުގެ ބަޖެޓުން ޚަރަދުކޮށްގެން ކުރިއަށް ގެންދެވޭ މުބާރާތެކެވެ. މިއީ ގިނަ އަހަރުތަކެއް ފަހުން ދަޢުލަތުގެ ބަޖެޓުން ޚަރަދުކޮށްގެން މި މުބާރާތް ކުރިއަށް ގެންދެވޭ އަހަރެއްކަން ފާހަގަކޮށްލެވެއެވެ.

މީގެ އިތުރުން މިއަހަރުގެ މުބާރާތުގެ އިނާމުތަކަކީ ޤައުމީ ޤުރުއާން މުބާރާތުގައި މިހާތަނަށް ދިން އެންމެ އަގުހުރި އިނާމުތައް ކަން ވެސް ފާހަގަކޮށްލެވެއެވެ. އެގޮތުން ދެވުނު އިނާމުތަކުގެތެރޭގައި ރައީސުލްޖުމްހޫރިއްޔާގެ ޝަރަފުގެ ފިލަޔާއި، ރައީސުލްޖުމްހޫރިއްޔާ ދެއްވާ 1 ލައްކަ ރުފިޔާގެ ފައިސާގެ އިނާމާއި، ރައީސުލްޖުމްހޫރިއްޔާދެއްވާ ޚާއްޞަ އިނާމުތަކާއި، ބޭނުން ރޮނގަކުން ބޭނުން ޤައުމަކުން ޕީ.އެޗް.ޑީއަށް ކިޔެވުމަށް ރައީސުލްޖުމްހޫރިއްޔާދެއްވާ ޚާއްޞަ ސްކޮލަރޝިޕް ހިމެނެއެވެ.

މީގެއިތުރުން ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒާއި މޯލްޑިވްސް ޒަކާތު ހައުސްއާއި އިސްލާމިކް ޑިވެލޮޕްމަންޓް ފަންޑު ހިމެނޭހެން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުންދޭ 75 ހާސް ރުފިޔާގެ ފައިސާގެ އިނާމާއި ހަނދާނީ ލިޔުމާއި، ޓްރޮފީއާއި އަދި މޯލްވިސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑުގެ ފަރާތުން ޢުމްރާ ދަތުރެއް ދީފައިވާކަން ފާހަގަކޮށްލެވެއެވެ.

މިއަހަރުގެ މުބާރާތުގައި ޙާފިޡުންގެ ބައިގައި ބައިވެރިވި ބައިވެރިންގެ އަދަދުވެސް ވަނީ އިތުރުވެފައެވެ. އެގޮތުން މި މުބާރާތުގެ ޙާފިޡުންގެ ބައިގައި 31 ޙާފިޡުން ބައިވެރިވެފައިވެއެވެ. ފާއިތުވެދިޔަ އަހަރު ބޭއްވުނު ކީރިތި ޤުރުއާން ކިޔެވުމުގެ 36 ވަނަ ޤައުމީ މުބާރާތުގެ ޙާފިޡުންގެ ބައިގައި ވާދަކޮށްފައިވަނީ 15 ބައިވެރިިން ކަން ފާހަގަ ކުރެވެއެވެ.

މި މުބާރާތުގެ ރަން ވަނަތަކަށް ބަލާއިރު، ޙާފިޡުގެ ގޮފިން، މުޅި މުބާރާތުން އެއްވަނަ ޚާޞިލްކޮށްފައިވަނީ ތަދްރީސުލް ޤުރުއާނުލް ކަރީމްގެ ފަރާތުން ބައިވެރިވި ފާޠިމަތު ޝާޔާ ޒާހިރުއެވެ. މުބާރާތުގެ ނުބަލާ ކިޔެވުމުގެ ގޮފިން، މުޅި މުބާރާތުން އެއްވަނަ ޚާޞިލްކޮށްފައިވަނީ މިލަދުންމަޑުލު އުތުރުބުރީ އަތޮޅު ކައުންސިލުން ބައިވެރިވި ޢާއިޝަތު ޝަބާއެވެ. އަދި ބަލައިގެން ކިޔެވުމުގެ ގޮފިން، މުޅި މުބާރާތުން އެއް ވަނަ ޚާޞިލްކޮށްފައިވަނީ ހައްދުންމަތީ އަތޮޅު ކައުންސިލުން ބައިވެރިވި އަޙްމަދު ޝައިމް ރިޟާއެވެ.

 

ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް